ރައީސް ޓްރަމްޕް ހުވައި ކުރެއްވި ދުވަހު ހައްޔަރު ކުރި ދެ ނޫސްވެރިއެއްގެ މައްޗަށް ދައުވާ އުފުލައިފި

މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު ހިނގަމުން ދިޔައިރު، އެމެރިކާގައި ކުރި މުޒާހަރާތަކުގެ ޚަބަރު ފޮނުވަމުން ދަނިކޮށް ހައްޔަރު ކުރި ދެ ނޫސްވެރިއެއްގެ މައްޗަށް ދަޢުވާ އުފުލައިފިއެވެ. ކުށް ސާބިތު ވެއްޖެ ނަމަ މި ދެ މީހުން ކުރެ ކޮންމެ މީހަކު 25000 ޑޮލަރުން ޖުރުމާނާ ކުރާނެއެވެ. އަދި 10 އަހަރަށް ޖަލަށް ލާން ހުކުމް ކުރުމަކީވެސް އެކަށިގެންވާ ކަމެކެވެ. މި ދެމީހުންގެ މައްޗަށް ކުރަނީ ޖަރީމާއެއް ހިންގަން އުޅުމުގެ ދަޢުވާއެވެ. އެއީ އިނގިރޭސި ބަހުން ކިޔާ "ފެލަނީ" އެވެ. ޖަރީމާ އަކީ މީހުން މެރުމާއި، ބޮޑެތި ވައްކަން ފަދަ ބޮޑެތި ކުށް ހިމެނޭ ދައުވާއެވެ.

މި ދެ ނޫސްވެރިންގެ ތެރެއިން އީވާން އެންޖެލް "ވޯކަޓިވް" އޭ ނަމަކަށް ކިޔާ ނޫހެއްގެ ނޫސްވެރިއެކެވެ. އަނެއް ނޫސްވެރިޔާ އެލެކްސް ރުބިންސްޓެއިން އަކީ "ރަޝިޔާ ޓުޑޭ އެމެރިކާ" ގެ ނޫސްވެރިއެކެވެ. ދެ މީހުން ހައްޔަރު ކުރުމަށް ފަހު ކޯޓަށް ގެންގޮސްފައި ދޫކޮށްލީއެވެ. ޝަރީއަތުގެ ފުރަތަމަ އަޑުއެހުން އޮންނާނީ ފެބްރުއަރީ މަހުގެ މެދުތެރޭގައެވެ.

ހުކުރު ދުވަހު ކުރިއަށް ދިޔަ މުޒާހަރާތަކުގައި ދުއިސައްތައަށްވުރެ ގިނަ މީހުން ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނާ ގޮތުގައި މުޒާހަރާގެ ތެރޭގައި ޙަރަކާތްތެރިވީ ފުލުހުންގެ ހަ މީހަކަށް ވަނީ ކުދި ހާނީއްކަ ވެފައެވެ.

ނޫސްވެރިން ހައްޔަރު ކުރުމާ ގުޅިގެން "ވޯކަޓިވް" ގެ ފަރާތުން ވަނީ ވަރަށް ހަރުކަށި ބަޔާނެއް ނެރެފައެވެ. އެ ނޫހުގެ ނޫސްވެރިޔާ ހައްޔަރު ކުރީ އޭނާގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ތެރޭގައި ކަމަށާއި، ރައްޔިތުންނަށް ސައްހަ މަޢުލޫމާތު ފޯރުކޮށް ދިނުމުގެ ތެރޭގައި އުޅެނިކޮށް ކަމަށް އެ ބަޔާނުގައި ވެެވެ. އަދި އެއީ ގާނޫނީ ގޮތުން ލިބިފައިވާ ހައްގެއް ކަމަށްވެސް ވަނީ ބުނެފައެވެ. "ވޯކަޓިވް" ގެ ވެރިޔާ ވިދާޅުވި ގޮތުގައި ނޫސްވެރިޔާ "އަނިޔާވެރި އަމަލުތަކުން" ސަލާމަތް ކުރުމަށްޓަކައި ކުރެއްވެން އޮތް ކޮންމެ ކަމެއް ކުރައްވާނެއެވެ.

ދެ މީޑިއާއިންވެސް ބުނެފައިވާ ގޮތުގައި ފުލުހުން އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ ނޫސްވެރިކަމުގެ ފާސް ދައްކައި، އެއީ ނޫސްވެރިކަން ފުލުހުންނަށް ޔަގީންކޮށްދީފައި ވަނިކޮށެވެ.

ދެ މީހުން ހައްޔަރު ކުރި ސަބަބެއް ކަމަށް ފުލުހުން ބުނަނީ ގިނަ ބަޔަކު އެއްވެފައިވާ ތަނެއްގައި "އެކި ކަހަލަަ ގާނޫނީ ކުށް ކުރެވެމުން ދިޔަ ދަނޑިވަޅެއްގައި" އެތާނގައި ހަމަނުޖެހުން ބޮޑު ކުރާން ހިތްވަރުދޭ ކަމަށް ފާހަގަ ކުރެވުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.