ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް މަޤާމުން ވަކިކުރުމަށް ރައްޔިތުން މަޖިލީހުގެ މެމްބަރުން ގޮވާލައްވައިފިއެވެ. މެމްބަރުން މިކަމަށް ގޮވާލައްވައިފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކެއް ކުރެވޭ، އަހުމަދު ހިޝާނަށް ސީރިއަސް ތުހުމަތުތަކެއް ކުރެވޭކަން ޖެންޑާ މިނިސްޓަރ ޝިދާތާއަށް އެނގިވަޑައި ގަންނަވާއިރު އެކަމާމެދު ފިޔަވަޅު ނާޅުއްވައި އިހުމާލުވެފައި ވާތީ މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަވުންނެވެ. މިމައްސަލަ މަޖިލީހުން ބަލައިގެންފައި ވަނީ 41 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.
ޖެންޑަރ މިނިސްޓަރގެ އިހުމާލާ ގުޅޭ ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއީލް އަހްމަދު ނަސީމެވެ. މީކާއީލް ވަނީ މިނިސްޓަރ ޝިދާތާގެ އިހުމާލު މަތިމައްޗަށް އޮތްކަން ފާހަގަ ކުރައްވާ އަމިއްލައަށް އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފައެވެ. މިނިސްޓަރ އިސްތިއުފާ ނުދެއްވައިފިނަމަ މަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ވެސް ވަނީ ގޮވާލައްވައިފައެވެ. މަޖިލީހުން އިސްނަގައިގެން ވެސް ޖެންޑަރ މިނިސްޓަރ ޝިދާތާ މަޤާމުން ވަކި ކުރަންޖެހޭކަމަށް މެމްބަރ މީކާއީލް ގޮވާލެއްވިއެވެ. އެމައްސަލަ މަޖިލީހުގެ ހިޔުމަންރައިޓްސް ކޮމެޓީން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ވެސް މެމްބަރ މީކާއީލްގެ ކުއްލި މައްސަލައިގައި ވަނީ ގޮވާލައްވައިފައެވެ.
މަރަދޫ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފް ވިދާޅުވީ އިރުގެ އަލިކަން ފެންނަ ފަދައިން ޝިދާތާ މިހާރު ހުންނެވި މަޤާމަށް ޤާބިލްނޫންކަން ޔަޤީންވާކަމަށެވެ. ކޮންމެ ސިޔާސީ ޕާޓީއަކަށް ނިސްބަތްވި ނަމަވެސް އަދި ކޯލިޝަން ރޫޅާލަން ޖެހުނަސް އެނާ މަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މެމްބަރ ޝަރީފް ގޮވާލެއްވިއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކެއް ކުރެވޭ، އަހުމަދު ހިޝާނަށް "އޮނަރަރީ ޑިސްއެބިލިޓީ އެމްބަސަޑަރު" ކަމާއި ޤައުމީ އިނާމުތައް ދިން އިރު ވެސް އޭނާއާމެދު ސީރިއަސް ތުހުމަތުތަކެއް ކުރެވޭކަން ޖެންޑާ މިނިސްޓްރީއަށް އެނގޭއިރު އެކަމާ އަޅާ ނުލާކަން ކުއްލި މައްސަލައިގައި މީކާއީލް ވަނީ ފާހަގަ ކުރައްވައިފައެވެ.
ކޯޓުން ވަކިގޮތަކަށް ޢަމަލު ކުރުމަށް ޖެންޑަރ މިނިސްޓަރަށް އަންގަވައިފައިވާ އިރުވެސް އެކަންކަން ކަމަށް އަޅާ ނުލާ ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖާ ޙިސާންގެ ބެލުމުގައި ދަށުގައި ޖެންޑަރ މިނިސްޓްރީން ބެހެއްޓުމަކީ އިހުމާލުގެ މައްޗަށް އިހުމާލު ވުމުގެ ޢަމަލެއްގެ ގޮތުގައި މެމްބަރުން ވަނީ ފާހަގަ ކުރައްވައިފައެވެ.
ޙިސާނަށް ކުރެވޭ ސީރިއަސް ތުޙުމަތުތައް ޖެންޑަރ މިނިސްޓަރ ކުރިންސުރެވެސް އެނގި އެކަމާ އަޅާ ނުލައި އިހުމާލުވެފައިވާކަން ހާމަވެފައި ވަނީ، 19 އަހަރުގެ ފިރިހެން ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިކަން ހިޝާނަށް ދެވެން ނެތް ކަމަށް ފެމެލީ ކޯޓުން 2018 ވަނަ އަހަރު ނިންމި ނިންމުން އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލައިގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.
Hoara ibbege massalaiga ihumaaluvi faraatheh neiytha?Alhe heyonuvaane Shidhatha, e surukhee alhaalabala fahaa beyru kurumuge kurin