ހޮވައިގެން ލިބޭ މާވަހަރަކީ ބަދުނަސީބު އެއްޗެއްބާއެވެ؟

އަޅުގަނޑުމެނަށް މާވަހަރު ވިއްކައިގެން ކުއްލިއަކަށް އެއްފަހަރާ ބޮޑު އަދަދެއްގެ ފައިސާ ލިބޭގޮތަށް ބޭރު ގައުމުތަކުގައި  (ހުއްދަ ގޮތުގައި) ކުއްލިއަކަށް ފައިސާ ތަކެއް ލިބެނީ ގާތްތިމާގެ މީހެއްގެ ފަރާތުން ވާރުތަވާ ފައިސާތަކެއް ނުވަތަ ނަސީބު ނަންބަރެއް (ލޮޓެރީ ނަންބަރެއް) ދިމާވެގެންނެވެ. މިހެން  ކުއްލިއަކަށް ލިބޭ ފައިސާގެ ބޮޑެތި އަދަދު އެއްފަހަރައި ލިބުމުން އެފައިސާ ލިބޭމީހާގެ ޙަޔާތަށް އަންނަ ކުއްލި ބަދަލުތައް، ބޭރުގައުމުތަކުގައި ދިރާސާކުރެވިފައި އެބަހުއްޓެވެ.

މާވަހަރުން ލިބޭ ފައިސާގެ ސަބަބުން އަޅުގަނޑުމެންގެ ދިވެހިންގެ ދިރިއުޅުމަށް އަންނަ ކުއްލި ބަދަލު އިލްމީގޮތެއްގައި ދިރާސާ ކުރެވިފައި ނެތުމުން، ބޭރުގައި ކަންހިނގާ ގޮތާއި އެހެންވާން ދިމާވާ ސަބަބުތައް ގެނެސްދެވޭތޯ ބަލާނަމެވެ. ކުއްލިި ތަނަވަސްކަމެއް ލިބުމުން 'އެމީހުންވެސް' އަޅުގަނޑުމެންވެސް ހިއްސާކުރަނީ ހަމަ އެއް ޖަޒުބާތެކެވެ. ކުއްލި ހައިރާންކަމާއި ވަގުތީ އުފަލުގެ އިންތިހާއެވެ!
ކުއްލި ތަނަވަސްކަމެއް ލިބޭމީހުން ދެކޭގޮތުގައި އެމީހުން، އެ ލިބުނު ކުއްލި ތަނަވަސްކަމުގެ ސަބަބުން މިހާރު އެމީހުންގެ ހަޔާތް މާ އުފާވެރިއެވެ. އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގް ގެ ލެކްޗަރަރ ޕްރޮފެސްރ ބްރައަން މާޓިންް ވިދާޅުވާގޮތުގައި، ކުއްލި ތަނަވަސްކަން ލިބޭ ދުވަސްކޮޅު އެމީހުންގެ ދިރިއުޅުން "ވަރަށް އުފާވެރި" ކަމަށް ބުނި ނަމަވެސް ދެތިން ހަތަރުމަސް ފަހުން އެމީހުންގެ އުފާވެރިކަން ހަމަ އެތަނަވަސްކަން ލިބުމުގެ ކުރިން ހުރިމިނަށް ޖެހިލައެވެ. މާނައަކީ  ހިތްދަތި ދިރިއުޅުމެއް އުޅެން ޖެހެނީ ފައިސާގެ މާބޮޑު ތަނަވަސްކަމެއް ނެތުމުގެ ސަބަބުން ކަމަށް ދެކޭ މީހުން، ކުއްލި ތަނަވަސްކަމެއް ލިބި ދުވަސްކޮޅެއް ފަހުން އަނެއްކާވެސް، އެމީހުންގެ ދިރިއުޅުން ވަކި ކުރިއަށްވުރެ އުފާވެރިއެކޭ ނުބުނެއެވެ. އެމެރިކާގައި ނަސީބު ނަންބަރު ދިމާވެގެން ކުއްލި ތަނަވަސްކަން ލިބުނު ބައެއް މީސްމީހުން، މަރާލުމާއި، އެމީހުން ކޮންމެވެސް ރުޅިއެއްގައި އެހެންމީހުން މެރުމާއި، އެ ލިބުނު ފައިސާއިން މަސްތުވުމަށް ދެވިހިފުން ފަދަ ކަންކަމުގެ ސަބަބުން ދިރިއުޅުމަށް އައި ހިތާމަވެރި ބަދަލުގެ ސަބަބުން  އާދެ! ނަސީބު ނަންބަރުގެ ބަދުނަސީބޭ ކިޔައެވެ. ވީމާ މާވަހަރު ހޮވުމަކީ ބަދު ނަސީބޭ އަޅުގަނޑުމެންގެ ތެރޭގައިވެސް ކިޔާނެތާއެވެ! މުދަލާއި އުފާވެރިކަމާ ހުރި ގުޅުމާ ބެހޭގޮތުން، ފައިސާވެރިކަން ރާވައި ހިންގާނެ ގޮތް ދަސްކޮށްދެއްވާ (Arun Abey)  އަރުން އަބޭ ލިޔުއްވާފައިވާ ފޮތް  ?How Much Is Enough  " ފުދޭނީ ކިހާވަރަކުން؟" މި ފޮތުގައި އޭނާ ލިޔުއްވަނީ، މިކަހަލަ ކަމެއްގައިވެސް ހަރުދަނާ ވިސްނުމެއް ބޭނުންޖެހެނީ އެންމެ ފުރަތަމަ ހިނދުކޮޅުންފެށިގެން ކަމުގައެވެ. މީނާ ދެކިލައްވާގޮތުގައި  ވިޔަފާރިކޮށްގެން ފައިދާއެއްދޭ ބޭންކު އެކައުންޓެއްގައި އެއް އަހަރު ދުވަހު އެފައިސާ ބެހެއްޓުމަކީ ވަރަށް ބޭނުންތެރިކަމެކެވެ.  ރާއްޖޭގައި ނަމަ އިސްލާމިކް ބޭންކުން މިކަހަލަ ކަންތައް ކޮށްދޭ ގޮތާމެދު ގިނަބަޔަކު ހިތްހަމަޖެހެއެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި މަޑުމަޑުން ވިސްނަން ޖެހޭނީ ތިމަންނާގެ ހަޔާތުގައި ކުރަން ހުރި އެންމެ މުހިންމު ކަންތައް އެ މުހިންމު ކަންކަމުގެ ތަރުތީބުންނެވެ.  މިސްޓަރ އަބޭ ވިދާޅުވާ ގޮތުގައި ދިރިއުޅުން މުޅިން ބަދަލުވާޒާތުގެ ކޮންމެ ކަމެއް ދިމާވިޔަސް އަޅުގަނޑުމެންގެ ވިސްނުން ހަނި ވާތީއެވެ. ކުއްލިއަކަށް އަވަސްވެގެންފިނަމަ ކަންތައް ކުރެވޭނީ ހަމަ ކުރީގައި ގެންގުޅެވުނު ހަނި ވިސްނުމުންނެވެ. ފުޅާ ވިސްނުމެއް ގެންގުޅެން ވަގުތުބޭނުންވާތީއެވެ. ކޮންމެ މީހަކަށްވެސް އާންމުގޮތެއްގައި ވިސްނޭނީ މުޅި އުމުރުގައި އޭނާއަށް އާދަވެފައި ހުރިގޮތަކަށެވެ. ދަތިހާލުގައި އުޅެފައި ހުރިނަމަ މިލިބުނު ކުއްލި ތަނަވަސްކަމަށް އެކަށީގެންވާ ވިސްނުމެއް ކުއްލިއަކަށް ފެންމައްޗެއް ނުވާނެއެވެ.

މިސްޓަރ އަބޭ ދެކިލައްވާގޮތުގައި، އެންމެ މުހިންމު ކަމަކީ އަގުބޮޑު އެއްޗެތިތަކެއް ގަތުމެއްނޫނެވެ.  މުހިންމު ތަޖުރިބާއެއް، ރަނގަޅު ހަނދާންތަކެއް ހިތުގައި ގިނަ ދުވަހަށް ހަރުލައި ހުންނާނޭކަހަލަ ކަމެއް ކުރުމެވެ. އެކަން ކޮށް ނިމުމުންވެސް އެތައްް ދުވަހަކު ހިތުގައި އުފާވެރި ހަނދާންތަކެއް ހަރުލާކަހަލަ ކަމެއް ކުރުން، އަގުބޮޑު ތަކެތި ގަތުމަށްވުރެ މާމުހިންމު ކަމުގައެވެ. ދިވެހިންނަމަ އެންމެ ގާތް މަދު ބަޔަކާ އެކު ހައްޖު ދަތުރެއް، ޢުމްރާ ދަތުރެއް ކުރުން އެއީ އިސްވެ ލިޔެވުނު ކަހަލަ ކަމެކެވެ. ނިކަމެތި ކުދިންނަށް އެހީތެރިވުމުގެ ގޮތުން ބޭންކުގައި ހުޅުވިފައިވާ އެކައުންޓަކަށް ފައިސާގެ އެހީ އެއް ނުވަތަ ސޮދަގާތެއް ކުރުމުގެ ބަދަލުގައި ދަރިން ގޮވައިގެން ޔަތީމުކުދިން ދިރިއުޅޭ ތަނަކަށް ގޮސް އެކުދިން ގާތުން ދެކެފައި، ދަރިން ލައްވައި ފައިސާގެ އެހީއެއް ވުމުން އެކުދިން ދުވަހަކުވެސް އެކަހަލަ ކަމެއް ހަނދާނެއް ނުނެތޭނެއެވެ.  ނަމަވެސް އަގު ބޮޑު ކުޅޭ ތަކެއްޗާއި އިލެކްޓްރޯނިކް ސާމާނަކީ މިދެންނެވި ފަދަ ފުން އުފަލެއް ލިއްބައިދޭނޭ ތަކެއްޗެއްނޫނެވެ.    އަޅުގަނޑުމެންގެ ހަނދާނުގައި ހަރުލަނީ އާއިލީ މީހުން ނާއި އެކުވެރިންނާއެކު ހޭދަކުރެވޭ އުފާވެރި ވަގުތުގެ ހަނދާންތަކެވެ. ގަންނަ އަގުބޮޑުތަކެތިން މިފަދަ އުފަލެއް ނުލިބޭކަމަށް އިޖްތިމާޢީ އިލްމުގެ މާހިރުން ލިޔުއްވައެވެ.އެމެރިކާގެ (Cynthia Costa) ސިންތިއާ ކޯސްޓާ އަކީ މިގޮތަށް ކުއްލިއަކަށް ލިބޭ ފައިސާ އިންވެސްޓް ކޮށް ބަލަހައްޓަން ލަފާދޭ މީހެކެވެ. މީނާ ވިދާޅުވާގޮތުގައި އާންމު ގޮތެއްގައި އަޅުގަނޑުމެންގެ ތަނަވަސް ކަމަކީ މަޑުމަޑުން ކުރިއަރަމުން އަންނަަ ކަމެކެވެ. އެތަކެއް ކަންކަމަށް ހަމަޖެހިލައިގެން ވިސްނާނެ ވަގުތު ލިބެއެވެ. މަދު ފައިސާކޮޅަކުން ފަށައިގެން ތަނަވަސް އައްސޭރިއަކަށް ފޯރާއިރު އެމީހަކު ހުންނަނީ ފައިސާ ގެންގުޅުމާއި ރައްކާކުރަން އެނގިފައެވެ. އެހެން ކަންތަކެކޭ އެއްފަދައިން އެކި މީހުންނަށް އެކިވަރަށެވެ. ނަމަވެސް ކުރިއަރަމުން ދަނީ ފައިސާ ގެންގުޅެން އެނގޭތީއެވެ. ނަމަވެސް ކުއްލިއަކަށް ލިބޭ ފައިސާ ލިބޭއިރު ގިނަފަހަރަށް އެފައިސާ ލިބޭމީހާ ހުންނަނީ އެހައި ބޮޑު އަދަދެއްގެ ފައިސާ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ހާލަތެއްގައެއް ނޫނެވެ. ހިތި ހަގީގަތަކީ ގެންގުޅެން ނޭގޭނަމަ ކިތަންމެ ގިނަ ފައިސާއެއްވެސް ހުލިވެ ގެއްލިގެން ހިނގައިދާނެ ކަމެވެ.

ބޭރުގެ ދިރާސާތަކުން ދައްކާގޮތުގައި ނަސީބު ނަންބަރު ދިމާވެގެން ކުއްލިއަކަށް މުއްސަނދިވާމީހުންގެ %35  މީހުން 10 އަހަރު ދުވަހުގެ ތެރޭގައިބަނގުރޫޓްވެ އިފްލާސްވެއެވެ. އެ %35 އަކީ ލިބުނު ހުރިހައި އެއްޗެއް ގެއްލުނު މީހުންނެވެ. ލިބުނުު ފައިސާގެ ބޮޑުބައެއް ގެއްލުނު މީހުންވެސް އެހައި ގިނައެވެ. ނަމަވެސް މި ދިރާސާގައި އެމީހުނެއް ނުހިމެނެއެވެ!

ކުއްލިތަނަވަސްކަން ލިބޭމީހުންނަށް ދިމާވާ އެންމެ ބޮޑެތި މައްސަލަތައް:

ޚަރަދު މާބޮޑުވުން: އަޅުގަނޑުމެންގެ ކޮންމެ މީހަކުވެސް ގަންނަން ބޭނުން އެކަމަކު ނުގަނެވިފައިވާ ވަރަށް ގިނަތަކެތީގެ ލިސްޓެއް ހިތުގައި އޮވެއެވެ. ގެއެއް ގަތުން، ބޭރު ގައުމެއް ބަލައިލުން، އަގު ބޮޑު ކާރެއް، ކެމެރާއެއް ލެންސުތަކާއެކު، ލާންޗެއްް ގަތުން، ދަރިންނަށް ރަނގަޅު ތައުލީމެއް ހޯދައިދޭން ބޭރަށް ފޮނުވުން ފަދަ ކަންކަމަކީ ވަރަށް ގިނަމީހުންގެ އުއްމީދެކެވެ. ކުއްލިއަކަށް ގިނަ ފައިސާތަކެއް ލިބުމުން ހިތަށް އަރަނީ ތިމަންނާއަކީ މިހާރު ވަރަށް ބޮޑު މުއްސަންޖެކެވެ، ވީމާ އުޅެން ޖެހޭނީ ''މުއްސަނދިން އުޅޭގޮތަށެވެ''. ޙަގީގަތަކީ ގިނަ މުއްސަނދިން އުޅެނީ މާ ޚަރަދު ބޮޑުކޮށެއްނޫނެވެ.  އަޅުގަނޑުމެންގެ ހިތަށް މި ތަސައްވަރު ކުރެވެނީ ފިލްމުން ދައްކާ ދެއްކުމެެކެވެ. އެމެރިކާގައި މީގެ ވިއަސަކަށް އަހަރު ކުރިން ވަރަށް މަޝްހޫރުވި ފޮތް   “The Millionaire Next Door”  (އަވައްޓެރި މަހުޖަނު ) މިފޮތުގައި  އާންމުކޮށް ފެންނަން ހުރި މިސާލުތަކަކީ އެމެރިކާގެ ގިނަ މީހުންނަށް ތިމަންނާގެ އަވައްޓެރިއަކީ މިލިއަނަރެއްކަމެއް ނޭނގޭކަމެވެ. އެމީހުންގެ ދިރިއުޅުން އެހައިވެސް ސާދާކަމުންނެވެ!

ތިމަންނައަށް އެންމެ ޚާއްސަގޮތެއްގައި ބޭނުން ޖެހިފައިވާ ތަކެއްޗާއި ތިމަންނާ ވަކި ސަބަބަކާ ނުލައި ހަމަ 'ބޭނުން' ތަކެތި ވަކިކުރަން ދެނެގަންނާށެވެ! އިލެކްޓްރޯނިކް ސާމާނު މިހާ ގިނައިން އިޝްތިހާރު ކުރާ ޒަމާނެއްގައި  އިސާހިތަކު މި އިޝްތިހާރުގެެ ހޮޅި ދަށުވެ ހާސްކޮށްލަފާނެއެވެ! ތަކެތި ގަތުމަށް ކުރެވޭ ޚަރަދަކީ ވަރަށް ފަސޭހައިން އެކަމަށް ދެވިހިފާކަމެކެވެ. ކޮންމެ ދެވިހިފުމެއްގައިވެސް ވާގޮތަކީ އެކަމެއް ގިނައިން ކުރިވަރަކަށް ލިބޭ ހިތްހަމަ ޖެހުން ކުޑަވުމެވެ. އަނެެއްކާވެސް ހިތްހަމަޖެހޭތޯ އެކަން އިތުރަށް ކުރެވޭނީއެވެ!

މިކަމުގެ ތެރެއަށް ނުވަނުމަށް، އަބަދުވެެސް ހިތުގަައި ބާއްވާނީ ތަކެތިން އުފާ ނުލިބޭނެކަމާއި ގިނަދުވަހަށް ހަނދާން ހުންނަކަހަލަ ކަންތައް ދިމާވާނީ  އާއިލާއާ އެކު އުފާވެރި ވަގުތު ހޭދަކުރުމުން ކަމުގައެވެ. ތިމަންނައަށް ވަގުތީ އުފަލެއް ލިބޭ ކަންކަމާއިި ހިތުގެ އަޑިން އެންމެ އުފާވާ ކަންކަން ވަކިކޮށްލާށެއެވެ. އެންމެ އުފާވެރިކަމެއްލިބެނީ ފައިސާއިން ގަނެވޭތަކެތިން ނޫންކަން އިސާހިތަކު އެނގޭނެއެވެ. ބަލަންވާވަރަށް ނުބަލައި ކުރެވޭ އިންވެސްޓްމަންޓްތައް: ކުއްލި ފައިސާ ލިބޭ ގިނަމީހުންނަށް އެންމެ ބޮޑެތި ގެއްލުން ވެފައި ހުރީ މިފަދަ ނާކާމިޔާބު އިންވެސްޓްމެންޓުންނެވެ. ގިނަ މީހުން އިންވެސްޓްމަންޓުގެ ވާހަކަ ދައްކާއިރު އެމީހުންނަށް ގެއްލުންވި އިންވެސްޓްމެންޓުގެ ވާހަކައެއް ނުދައްކައެވެ. ވީމާ ކާމިޔާބު މީހުންނާ ބައްދަލުވެ ވާހަކަ ދެކެވޭއިރު ހިވާނީ އެމީހުން ދުވަހަކުވެސް ' ޅައެއްޗެއް ނާޅާ' ކަމުގައެވެ! ޙަގިގަތަކީ ގިނަ ވިޔަފާރިވެރިން މުއްސަނދިންނަށްވަނީ ވިއްސަކަށް އަހަރުގެ ތަޖުރިބާގެ ފަހުންނެވެ. ވީމާ ތަޖުރިބާ ލިބިފައި ތިބި މީހުންގާތުން މައުލޫމާތު ލިބިގެން މަޑުމަޑުން ފަހަރަކު ކަމެއް ކުރަމުން ލިބުނު ފައިސާ އިންވެސްޓު ކުރާށެވެ. ތިމާގެ މީހުންނާއި ރަހުމަތްތެރިންގެ އާދޭސް! ކުއްލި ތަނަވަސް ކަމެއް ލިބޭހިނދު އެންމެ ފުރަތަމަ އެކަން އެނގޭނީ ގާތް ތިމާގެ މީހުންނަށާއި އެކުވެރިންނަށެވެ. ދަރަންޏަށް 'ފައިސާކޮޅެއް' ލިބޭތޯ ތަފާތު ބަހަނާތައް އިވެން ފަށާނެއެވެ. ތިބާގެ އަތުން ވަގުތީ ލޯނެއް އެމީހުންގެ ލޯނެއް އަދާކުރަން ބޭނުންވާނެއެވެ. މިފަދަ ތަފާތު ކަންތައް ހަމަ އިސާހިތަކު ފެންނަން ފަށާނެއެވެ. މީގެ ތެރެއިން ގިނަމީހުންނަކީ ހަމަ ހަގީގަތުގައިވެސް އެންމެ ގާތްތިމާގެ މީހުންނާއި ހަމަ އެންމެ އެކުވެރިންނެވެ. ނޫންނަމަ މިއީ ދައްކާވަރުގެ ވާހަކައެއްވެސް ނޫނެވެ. މިއީ ފަސޭހަކަމެއްނޫންކަމަށް ތަޖުރިބާކާރުން ލިޔުއްވަނީ މިހެންވެއެވެ. ވީމާ އެންމެ ގާތް މީހުން ކަނޑައަޅަައި އެމީހުންނަށް ވަކި ބަޖެޓެއް އެކަށައަޅައި އެގޮތުގައި ސާބިތުވެ ހުންނާށެވެ. ހުރިހައި ތިމާގެ މީހުންނާއި ރައްޓެހި އެންމެން ހަމަހަމަ ކުރަން ޚިޔާލުވެސް ނުކުރާށެވެ. އެންމެންދެކެ އެއްވަރަށް ލޯބި ނުވެވޭފަދައިން، އެންމެންނެއް ފައިސާއަކުންވެސް ނުރުއްސޭނެއެވެ.! ވިޔާނުދާ އުޅުމެއްގެ ސަބަބުން އަބަދުވެސް ދަތިހާލުގައި އުޅޭ ގާތްތިމާގެ މީހުންގެ ދިރިއުޅުމަކަށް، ތިބާ ލިޔެލާ ޗެކަކުން ހަމަ އެއްވެސް ބަދަލެއް ނާންނާނެއެވެ. ނަމަވެސް، ކުއްލިއަކާ އެކްސިޑެންޓެއްފަދަ ކަމަކުން ދެރަގޮތެއް ދިމާވި މީހަކަށް އެހީވުމުން އޭނާއަށް އެ ކޮށްދެވުނީ ވަރަށް ބޮޑު ހެޔޮކަމެކެވެ. ގާތް ތިމާގެ މީހުންނަށާއި ރަހުމަތްތެރިންނަށް ތިބާއަށް ކުއްލިޔަކަށް ލިބުނު ތަނަވަސްކަމުން ދަރަންޏަށް ފައިސާ ދޫކުރަން ފަށައިފިނަމަ، އެމީހުން ދަރަނިވެރިކުރެވުނީއެވެ. ގިނަފަހަރު މިފަދަ ލޯނަކުން ފައިސާ ގެންގުޅެން ނުދަންނަމީހުންނަކަށް ރާހަތެއް ނުކުރެއެވެ.

އެތައްލައްކަ ބަޔަކު މިރާއްޖޭގައި ދިރިއުޅޭއިރު މާވަހަރެއް ހޮވަން މިލިބެނީ ވަރަށް މަދުންނެވެ. މާވަހަރު ފެންނަ ވާހަކަ ފައިބެ އަހަރުގެ މެދުތެރޭގައި ތަންކޮޅެއް ގިނައިން އިވުނު ނަމަވެސް މިއީ އާންމު ގޮތެއްގައި ވަރަށް ނާދިރު ކަމެކެވެ. (ފަހުން ހާމަ ވިި ގޮތުގައި، އެ ދުވަސްވަރުވެސް ގިނައިން ފެނުނީ ޖަނަވާރު ސަރުބީއެވެ) އަޅުގަނޑުމެންގެ އާބާދީއަށް ވިސްނާލާއިރު އެވަރެޖް ގޮތެއްގައި އަހަރެއްގެ ތެރޭގައި މާވަހަރެއް މިފެންނަނީ ލަފާކުރެވޭގޮތުގައި  ކޮންމެ އެއްލައްކަ މީހުންގެތެރެއިން އެންމެ މީހަކަށެވެ. ވީމާ ހަމަ ޔަގީނުންވެސް އެމީހަކީ ނަސީބު ގަދަ މީހެކެވެ. އެލިބުނީ ވަރަށް ބޮޑު ނިޢުމަތެކެވެ. އެއްގޮތަކަށްވެސް ބަދުނަސީބު އެއްޗެކޭ ކިޔާނެ ޖާގައެއް ނެތެވެ. ﷲ ދެއްވި ނިޢުމަތަށް ޝުކުރުކޮށް، ވިސްނައިގެން ދިރިއުޅުން ބައްޓަން ކުރަންވީއެވެ. ތިމަންނާގެ ޙައްގާއި، އަނެކުންގެ ޙައްގާއި މާތް ﷲ ގެ މަގުގައި ޚަރަދު ކޮށް މި އިމްތިހާނުން ފާސްވާންވީއެވެ.  ކީރިތި މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވާހެން އަޅުގަނޑުމެންނަށް އޮތީ، މި ދުނިޔޭގައި ގިނަ ދުވަހު ހުންނާނޭކަމަށް ބަލައިގެން ދުންޔަވީ ކަންތައް ކުރުމެވެ. މާދަމާވެސް މަރުވެދާނެކަމަށް ބަލައިގެން އާޚިރަތް ދުވަހަށް ތައްޔާރުވުމެވެ. އެންމެ ރަނގަޅީ  ހުރިހައި ކަމެއްވެސް މެދުމިނުގައި ބެހެއްޓުމެވެ.

-------------------------------------

އަޙްމަދު ސަމީރު ޢަލީ
އަޙްމަދު ސަމީރު ޢަލީއަކީ މި ޒަމާނުގެ ލިޔުންތެރީންގެ ތެރެއިން ފާހަގަ ކޮށްލެވޭ މޮޅު ލިޔުންތެރިއެކެވެ. ޢިލްމީ ލިޔުންތަކާއި، އުފެއްދުންތެރި ލިޔުންތައް ލިޔުއްވުމުގައި ފުންނާބު އުސް ލިޔުންތެރިއެކެވެ. އޭނާގެ ލިޔުންތައް ކިޔައިލާން ފަސޭހަ ވެފައި ޢިބާރާތްތައް ނަލައެވެ. ފަށުއި އެމުނުމެއް ހުރެއެވެ. ލިޔުމުގެ ތެރެއަށް ކިޔުންތެރިޔާ ދަމައިގަންނަ ގޮތެއް ހުރެއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.