ރާއްޖޭގެ އިޤްތިޞާދީ ދުވެލި މިއަހަރު ހުންނާނެ ކަމަށް ބެލެވެނީ 7.5 އިންސައްތައިގައި: ރައީސުލްޖުމްހޫރިއްޔާ

ރާއްޖޭގެ އިޤްތިޞާދީ ދުވެލި މިއަހަރު ހުންނާނެ ކަމަށް ބެލެވެނީ 7.5 އިންސައްތައިގައި ކަމަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުރި މިސްރާބާއި، ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކަށް ބަލާއިރު، މިއަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުންނާނެ ކަމަށް ބެލެވޭ ނިސްބަތް ކަމަށެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ ބަޖެޓާ ބެހޭ މުހިންމު ސިޔާސަތުތަކެއްވެސް ހާމަކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ މި އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރެކޯޑް މިންވަރަކަށް ބޮޑު ބަޖެޓެއްކަމަށެވެ. އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާ ބަޖެޓަކީ ވެސް، ބޮޑު ބަޖެޓަކަށް ވާނެކަމަށް ވިދާޅުވިއެވެ. ސަބަބެއް ކަމަށް ވިދާޅުވީ މިއަހަރާއި އަންނަ އަހަރަކީ ސަރުކާރުގެ ތަރައްޤީގެ ވަޢުދުތައް ފުއްދުމުގެ ޢަމަލީ މަސައްކަތް ފަށަން ރާވާފައިވާ ދެ އަހަރު ކަމަށްވުމެވެ. ނަމަވެސް އޭގެ ފަހުން ސަރުކާރުން އަމާޒު ހިފާނީ، ދަރަނި ކުޑަ ބަޖެޓަކަށްކަމަށް ވިދާޅުވިއެވެ.

"މިއީ ރަނގަޅު ރޭވުމެއްގެ މަތިން، އަމާޒެއް އޮވެގެން ކުރަމުން އަންނަ މަސައްކަތެއް." ސަރުކާރުން ބަޖެޓް ރޭވުމުގައި ގެންގުޅުއްވާ ސިޔާސަތު ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިދިޔަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވާ ފައިސާގެ ތަފްޞީލާއި މިއަހަރު ލިބޭނެކަމަށް ލަފާކުރައްވާ އާމްދަނީގެ ތަފްޞީލްވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ހާމަކުރެއްވިއެވެ.

މިދިޔަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ ޖުމްލަ 23.1 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު ދައުލަތުގެ ޖުމްލަ ޚަރަދަކީ 28.3 ބިލިއަން ރުފިޔާއެވެ. އަދި ދައުލަތުގެ ބަޖެޓު ޑެފިސިޓަކީ 5.2 ބިލިއަން ރުފިޔާއެވެ.

އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި، މިއަހަރު ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 29.9 ބިލިއަން ރުފިޔާކަމަށް ރައީސް ވިދާޅުވިއެވެ. މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު، 30 އިންސައްތަ އިތުރު މިންވަރެއްކަން ފާހަގަ ކުރެއްވިއެވެ. އާމްދަނީގެ ގޮތުގައި މިއަހަރު ލިބޭނެ ކަމަށް ލަފާކުރެވެނީ، 24.7 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު، 12 އިންސައްތަ އިތުރު މިންވަރެއްކަން ވެސް ފާހަގަ ކުރެއްވިއެވެ. މި އަހަރުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި 5.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ އިޤްތިޞާދީ ދުވެލި މިއަހަރު ހުންނާނެ ކަމަށް ބެލެވެނީ 7.5 އިންސައްތައިގައި ކަމަށް ވާއިރު ރާއްޖޭގެ އެވްރެޖް އިންފްލޭޝަން ހުންނާނެ ކަމަށް ބެލެވެނީ 1 އިންސައްތައިގައި ކަމަށް ވެސް ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 753 މިލިއަން ޔޫ.އެސް ޑޮލަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި، 818 މިލިއަން ޔޫއެސް ޑޮލަރު ހުންނާނެކަމަށް އަންދާޒާތަކަށް ބަލާއިރު، ބެލެވޭ ކަމަށް ވެސް ވިދާޅުވިއެވެ. މިދިޔަ އަހަރު ނިމުނުއިރު، ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުރީ 315 މިލިއަން ޔޫއެސް ޑޮލަރުކަން މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިކުރުމުގެ ސިޔާސަތުގެ ދަށުން، ޓެކްސް ނިޒާމު ވަރުގަދަކޮށް، އާމްދަނީން ނެގޭ ހުރިހާ ޓެކުހެއް އެއް ޤާނޫނެއްގެ ދަށަށް ގެނެވިފައިވާކަން ރިޔާސީ ބަޔާނުގައު ރައީސް ފާހަގަ ކުރެއްވިއެވެ. މި ބަދަލާއެކު އަލަށް ތަޢާރުފްވި، އުޖޫރައިގެ އާމްދަނީން ޓެކްސް ނެގުމުގެ ކަންކަން، މިއަހަރުގެ އެޕްރީލް މަހުން ފެށިގެން ކުރިއަށްދާނެކަންވެސް ފާހަގަކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.