ސްކްރީނަކީ ޑިޖިޓަލް ހެރޮއިން އެއް

ޒަމާނާއެކު ދަރިން ގެންގުޅޭގޮތްވެސް ވަނީ ބަދަލުވެފައެވެ. ތުއްތުއިރުން ފެށިގެން ޓެކްނޮލޮޖީއާ ރައްޓެހި ކުރުވުމުގެ މަސައްކަތްވެސް ފެށެއެވެ. ސްމާޓް ފޯނާއި، ޓެބްލެޓާއި، އައިޕެޑަކީ ބޮޑާހާކާ ކޮންމެ ފަހަރަކު ކުޅެންދޭ އެއްޗެއްސަށް ވެއްޖެއެވެ. ނިންދަވަނީގެ ސްކްރީނުން ކޮންމެވެސް އެއްޗެއް ދައްކައިގެންނެވެ. ކާންދީ، ރީތިކޮށް ހަދަނީވެސް ދަރީންގެ އަތަށް ފޯނު ނުވަތަ ޓެބްލެޓް ދީގެންނެވެ.

ގިނަވަގުތު ސްކްރީނެެއްގެ ކުރިމަތީގައި ހޭދަކުރާން ފެށުމުން އެއަށް ވަރަށް ބޮޑަށް ދެވިހިފައެވެ. ކުރިން ސަކަރާތްޖަހައި މަޖާކޮށް އުޅޭ ކުދީން ބަސްމަދުވެ ނެގިމަޑުވެފައި ތިބެއެވެ. މީހުންނާ ވާހަކަދައްކާން ބޭނުމެއް ނުވެއެވެ. ހުރިހާ ވަގުތެއްވެސް ހޭދަ ކުރަން ބޭނުންވަނީ ސްކްރީނާއި އެކުއެވެ. ކޮންމެވެސް ގޭމެއް ކުޅޭށެވެ. ނުވަތަ ލަވައެއް ނުވަތަ ކާޓޫނެއް ނުވަތަ ފިލްމެއް ބަލާށެވެ.

ޓެކް ޑިޒައިނަރުންނާއި އިންޖިނިއަރުން އެމީހުންގެ ދަރީން ތުއްތުއިރު ކުޅެން ފޯނާއި އައިޕެޑް ފަދަ ތަކެތި ނުދެއެވެ. ސްޓީވް ޖޮބްސްގެ ދަރީން ތަރުބިއްޔަތު ކުރަމުންދިޔައީ ސްކްރީނާ ދުރުގައެވެ. ސިލިކަން ވެލީގެ ޓެކް އެގްޒެކެޓިވުންނާއި، އިންޖިނިއަރުންގެ ދަރީން ތުއްތު އިރު ވެއްދީ ޓެކްނޮލޮޖީއާ ރައްޓެހި ނޫން ސްކޫލްތަކަށެވެ. ގޫގުލް ފައުންޑަރ ސަރގޭ ބްރިންއާއ، ލެރީ ޕޭޖް ދިޔަ މޮންޓެސޫރީ ސްކޫލްތަކުގައި ޓެކްނޮލޮޖީ ބޭނުމެއް ނުކުރެއެވެ. އެމޭޒަންގެ ބާނީ ޖެފް ބޯޒް އާއި ވިކިޕީޑިއާގެ މަސްއޫލުވެރިޔާ ވެސް ދިޔައީ ޓެކްނޮލޮޖީއާ ރައްޓެހި ނޫން ސްކޫލްތަކަށެވެ.

ސްކްރީނުގެ ސަބަބުން ދަރީންނަށް ނޭދެވޭ އަސަރުކުރާކަން ބައެއް ބެލެނިވެރިންނަށް ފާހަގަކުރެވެއެވެ. ފޯނާއި، ޓެބްލެޓް ނުވަތަ އައިޕެޑް އަތުލުމުން ރޮއެ، ރުޅިގަދަވާކަން ފާހަގަކުރެވެއެވެ. އަދި ސްކްރީނާ ވަކިކުރުމުން ކުރާނެ ކަމެއް ނެތިގެން ފޫހިވެގެން އުޅޭ ކަންވެސް އެނގެއެވެ. އެއްވެސް އެހެން ކަމަަކަށް ޝައުޤުވެރި ނުވާކަން އެނގެއެވެ. އެހެންނަމަވެސް ކުޅެންދެނީ ފޯނާއި ޓެބްލެޓެވެ.  

ސްކްރީނަށް ދެވިހިފުމަކީ ހީކުރާވަރަށް ވުރެވެސް ނުރައްކާ ކަމެކެވެ. ޔޫސީއެލްއޭގެ ނިއުރޯސައިންސް ޑައިރެކްޓަރު ޑރ. ޕީޓަރ ވައިބްެރޯވ ދެކޭ ގޮތުގައި ސްކްރީނަކީ "އިލެކްޓްރޯނިކް ކޮކެއިން" އެވެ. ޗައިނާގެ ދިރާސާވެރިން ދެކޭގަތުގައި އެއީ "ޑިޖިޓަލް ހެރޮއިން" އެވެ. ވީޑިއޯ ގޭމަށް ޕެންޓަގަން އާއި ޔޫއެސް ނޭވީ ގެ އެޑިކްޝަން ރިސާޗު ހެޑް ޑރ. އެންޑްރޫ ޑޯން ދެކޭ ގޮތުގައި ވީޑިއޯގޭމާއި، ސްކްރީން ޓެކްނޮލޮޖީ އަކީ "ޑިޖިޓަލް ފަރމާކެއިއާ (ގްރީކް ބަހުން ޑްރަގް)" އެވެ.

ސްކްރީނަށް ދެވިހިފައިފައިވާ ކުއްޖެއްގެ ސިކުނޑި މަސައްކަތް ކުރަނީ މަސްތުވާ ތަކެއްޗަށް ދެވިހިފައިފައިވާ މީހެއްގެ ސިކުނޑި މަސައްކަތްކުރާ ގޮަތަށެވެ. ދިރާސާތަކުން ދައްކާގޮތުގައި ސްކްރީނުގެ ސަބަބުން ޑިޕްރެޝާނާއި އެންޒައެޓީއަށް މަގުފަހިވެއެވެ. އަދި ރުޅިގަދަވެ ގޮތްދޫނުކުރާން އުޅެއެވެ. އެފަދަ ކުދީން އުޅެނީ ޚިޔާލީ ދުނިޔޭގައެވެ. ޙަޤީޤީ ދުނިޔޭގައި ހިނގާ ކަންކަމަށް ހުންނަ ޝައުޤު ކުޑައެވެ. ނޫނީ އެއްވެސް ޝައުޤެއް ނުހުރެއެވެ.

ދަރިންނަށް ނޭދެވޭ އަސަރު ކުރާކަން ބެލެނިވެރިންނަށް ފާހަގަކުރެވި ފަރުވާއާއި ހަމައަށް ދާއިރު އޮންނަނީ ވަގުތު ފާއިތުވެފައެވެ. ސްކްރީން ބޭނުން ކުރުން ހައްދުފަހަނައަޅައި ދިއުމުން ފަރުވާ ކުރަން ވަރަށް އުނދަގޫ ކަމަށް ޑޮކްޓަރުން ދެކެއެވެ.

އެމެރިކާގެ ކުޑަކުދިންގެ ޑޮކްޓަރުންގެ އެކެޑަމީގެ 2013 ވަނައަހަރުގެ ޕޮލިސީ ބަޔާނުގައިވާ ގޮތުން 8-10 އަހަރާ ދެމެދުގެ ކުދީން ޑިޖިޓަލް މީޑިއާގައި ދުވާލަކު 8 ގަޑި އިރު ހޭދަ ކުރެއެވެ. ފުރާވަރުގެ ކުދީން ދުވާލަަކު 11 ގަޑިއިރު ސްކްރީނުގެ ކުރިމަތީގައި ހޭދަ ކުރެއެވެ. ކޮންމެ 3 ކުދީންގެ ތެރެއިން އެއް ކުއްޖަކީ ސްމާޓް ފޯނު ނުވަތ ޓެބްލެޓް ބޭނުންކުރާ ކުދީންނެވެ. ޑރ. ކިމްބަރލީ ޔަންގް ގެ އަތްމަތީ ފޮތް، "އިންޓަނެޓް އެޑިކްޝަން" ގައި ހާމަކޮށްފައިވާ ގޮތުގައި ކޮލެޖުގައި އުޅޭ ކުދީންގެ ތެރެއިން %18 ކުދީންނަކީ ސްކްރީނަށް ދެވިހިމުފުމުގެ ސަބަބުން ފުރަވާ ހޯދާ ކުދީންނެވެ.

ކޮންމެ ކަމެއްގައިވެސް ޙައްދެއް އޮންނާނެއެވެ. ޙައްދު ފަހަނައަޅައި ދިއުމުން ޑިޓޮކްސް ކުރާން ޖެހެއެވެ. އެއީ މަސްތުވާ ތަކެތި ނުވަތަ ޑިޖިޓަލް ދެވިހިފުންކަމުގައި ވިޔަސްއެވެ. ފަރުވާގެ އަސަރު ފެންނާނީ ޑިޓޮކްސް ކުރުމަށްފަހު ފަރުވާ ފެށުމުންނެވެ. ޑިޓޮކްސް ނުކޮށް ކިތަންމެ ފަރުވާއެއް ކުރިއަސް އޭގެ މަންފާއެއް ނުކުރާނެއެވެ. ސްކްރީނަށް ދެވިހިފުމުން ނުވަތަ ޓެކްނޮލޮޖީއަށް ދެވިހިފުމުން ފަރުވާ ފެށުމުގެ ކުރިން ޑިޖިޓަލް ޑިޓޮކްސް ކުރަންޖެހެއެވެ. ކޮމްޕިއިޓަރާއި، ސްމާޓް ފޯނާއި، ޓެބްލެޓާއި މުޅީން ދުރުވާންޖެހެއެވެ. އެންމެ ބޮޑަށް ޑިޖިޓަލް ޑިޓޮކްސް ކުރާއިރު ޓީވީއާވެސް މުޅީން ދުރުވާންޖެހެއެވެ. ޑިޖިޓަލް ޑިޓޮކްސްގެ މުއްދަތަކީ ހަ ހަފްތާއެވެ. ހަ ހަފްތާ ވަންދެން ސްކްރީނާ މުޅިން ދުރުގައި ދަރީން ގެންގުޅެން ޖެހެއެވެ. އެއީ ނާރުގެ ނިޒާމު ކުރިންހުރި އަޞްލަށް ރުޖޫޢަކުރަން ބޭނުންވާ މުއްދަތެވެ. މަސްތުވާތަކެއްޗާއި، ރަލާއި ދުރުގައި އުޅެވިދާނެއެވެ. ސްކްރީންތައް ތިޔާގި ދުވަސްވަރެއްގައި ސްކްރީނާއި ދުރުގައި އުޅުންވާނީ ވަރަށް އުނދަގޫ ކަމަކަށެވެ.

ވަކި ޙައްދެއްގެ ތެރޭގައި ދަރީން ގެންގުޅުމަކީ ފަސޭހަކަމެއް ނޫނެވެ. ފުރަތަމަ ފިޔަވަޅަކަށް އުމުރުން ހަތަރު އަހަރާއި ފަސް އަހަރު ނުވަތަ އަށްއަހަރުގެ ކުދީން ސްކްރީނާ ދުރުގައި ގެންގުޅޭށެވެ. މާނައަކީ މައިންކްރާފްޓްްގެ ބަަދަލުގައި ލީގޯ، އައިޕެޑްގެ ބަދަލުގައި ފޮތް، ޓީވީ ގެ ބަދަލުގައި ކުޅިވަރާއި، ވަށައިގެންވާ ތަކެތި ޚިޔާރުކުރާށެވެ. ވެއްޔާ، ފެނާއި، ކުޅެން ދަރީންނަށް ފުރުޞަތު ދޭށެވެ. ގަސްގަހަށް އަރަން ފުރުޞަތު ދޭށެވެ. މޫދަށް ގެންދާށެވެ. ހަނޑުލާއި، ފުށާއި، ކުލައާއި، ގޭގައި ހުންނަ ތަކެތި ދަރިން ކުޅެންދޭށެވެ. އިޚްތިޔާރުގައިވާނަމަ 10 އަހަރު ފުރުމުގެ ކުރީން ސްކޫލުގައިވެސް ސްކްރީނު ބޭނުންކުރުން މަނާކުރާށެވެ.

ސްކްރީނު ވަގުތު މަދުކުރަނީ ނުވަތަ ސްކްރީނާއެކު ވަގުތު ހޭދަކުރަން ފުރުޞަތު ނުދެނީ ކީއްވެގެންކަން ތެދުވެރިކަމާއެކު ދަރިންނަށް ކިޔައިދޭށެވެ. ކާންދޭވަގުތު ސްކްރީނަށް ބަރޯސާނުވާށެވެ. ދަރިންނާ އެކު ކާން އާދަ ކުރާށެވެ. ދަރިންނާ ވާހަކަ ދައްކާށެވެ. މަޖާކުރާށެވެ. ދަރިންނާއެެކު ވަގުތު ހޭދަ ކުރާށެވެ.

ސްކްރީނަށް ދެވިހިފާފައިތިބޭ ކުދިންނަކީ އެކަހެރި ދިރިއުޅުމަށް ލޯބިކުރާ ކުދިންނެވެ. ދުނިޔޭގެ ކަންކަމާ މެދު ވިސްނައި ފިކުރުކުރާކަށް ނޭނގޭނެއެވެ. އެހެންމީހުންނާއެކު އުޅެން އަފަދަ ކުދިންނަށް ވަރަށް އުނދަގޫވާނެއެވެ. ދުނިޔޭގެ ކަންކަމާމެދު ވިސްނާ ބަޔަކަށް ދަރިން ހަދާށެވެ. ޙަޤީޤި ދިރިއުޅުން ތަޖްރިބާކުރަން ފުރުޞަތުދޭށެވެ. ޢާއިލާއާއި ރައްޓެހިންނާއި އެކު ސަަކަރާތްޖަހައި ކުޅެން ފުރުޞަތު ހޯދައިދޭށެވެ. އޭރުން ގުޅުން ބަދަހި ކުރާން ދަސްވާނެއެވެ. އެކަހެރިކޮށް އުޅެން ދަރިން ދޫކޮށްނުލާށެވެ.

ސްކްރީނުން ކުދީންގެ ހެދިބޮޑުވުމަށް އަސަރު ފޯރައެވެ.  ސްކްރީނަކީ ނަފްސާނީ ގޮތުން ހަށިގަނޑު ތަރައްޤީވާން މެދުވެރިވާ ހުރަހަކަށް ވެއެވެ.  ސްކްރީނަށް ދެވިހިމުފުމުގެ ކުރިން އެކަމަށް ފިޔަވަޅު އަޅާށެވެ.

 

     

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.