ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ދެއްވާ އަހައްމިޔަތުކަން ހުރިހާ ފުލުހުން ޝުކުރުވެރިކަމާއެކު ބަލައިގަނޭ: ކޮމިޝަނަރ އޮފް ޕޮލިސް

ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ދެއްވާ އަޙައްމިއްޔަތު ދިވެހި އެންމެހައި ފުލުހުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ހުޅުމާލޭގައި ފުލުހުންނަށް ޚާއްސަކޮށްގެން އަޅާ ފުލެޓްގެ މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވާލެއްވުމަށް އެގްޒެކެޓިވް ބޯޑު މެމްބަރުންނާއެކު މިއަދު މެންދުރުފަހު ހުޅުމާލޭއަށް ވަޑައިގެން އެތަނުގެ މަސައްކަތް ބައްލަވާލެއްވުމަށްފަހު ފުލުހުންގެ އެގްޒެކެޓިވް ބޯޑު މެމްބަރުންނާއި ޕޮލްކޯގެ އިސްވެރިންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.

ފުލުހުންގެ ވެލްފެއަރގެ ކަންކަން ހަރުދަނާކުރުމުގެ ގޮތުން ފުލުހުން ހިއްސާވާ ގޮތަށް އުފައްދާފައިވާ ވިޔަފާރި ކުންފުނި 'ޕޮލްކޯ" އާއި ސަރުކާރުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ މަސައްކަތް ބައްލަވާލެއްވުމަށްފަހު އެގްޒެކެޓިވް ބޯޑުގެ މެމްބަރުންނާއި ޕޮލްކޯގެ އިސްވެރިންނާއި މަޢުލޫމާތު ހިއްސާކުރައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފު ވިދާޅުވީ މި ޕްރޮޖެކްޓްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދަވާތީ އެކަމާއި ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށާއި މިހާރު މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާނަމަ ކައިރި މުސްތަޤުބަލެއްގައި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް އެފުލެޓްތަކުގައި ދިރިއުޅެން ފެށޭވާރުވާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި ޕޮލްކޯގެ މި ޕްރޮޖެކްޓަށް ސަރުކާރުން ވެދެއްވާ ދީލަތި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފު ދިވެހި އެންމެހައި ފުލުހުންގެ ނަމުގައި އަދުގެ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. ޖުމްލަ 350 ފުލެޓް ހިމެނޭ ގޮތަށް އިމާރާތްކުރެވޭ މި ޕްރޮޖެކްޓް ބެހިފައިވަނީ 3 ބްލޮކަކަށެވެ. އެއީ 12 ބުރީގެ އޭ ބްލޮކް، އަދި ބީ ބްލޮކް އާއި ސީ ބްލޮކުގައި 14 ބުރިއެވެ. މި ޕްރޮޖެކްޓުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބަށް ބަލާއިރު މިއިމާރާތުގެ 14 ބުރީގެ ބީ ބްލޮކްގެ ކޮންކްރީޓް ހުރިހައި މަސައްކަތެއް ނިމި 4 ވަނަ ބުރިއާއި ހަމައަށް ރޭނުމުގެ މަސައްކަތްވަނީ ނިމިފައެވެ. އަދި އަނެއް ދެ ބްލޮކުގައިވެސް ކޮންކްރީޓް މަސައްކަތް ވަނީ ފެށިފައެވެ.ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި އިމާރާތުގެ އޭބްލޮކްގެ ފުރަތަމަ ބުރީގެ މަސައްކަތް އެއްކޮށް ނިންމައި އެއިމާރާތުގެ ފުލެޓްތައް ހުންނާނެ ގޮތުގެ ނަމޫނާތަކެއް ދައްކާލެވޭނެ ކަމަށް މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން މަޢުލޫމާތު ދެއްވިއެވެ. އަދި އެފުލެޓްތަކަށް ބޭނުންވާ ފަރުނީޗަރުތަކާއި އެހެންވެސް ސާމާނުތައް ރާއްޖެއިން ބޭރުން ޑިއުޓީ ފްރީކޮށް ގެނެސްދިނުމުގެ އިންތިޒާމްތައްވެސް ޕޮލްކޯއިން ހަމަޖައްސައިދިނުމަށް ވަނީ ނިންމާފައެވެ. ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ މަސައްކަތް ހަލުވިކަމާއެކު ނިމިގެން ދިއުމަކީ ހުރިހާ ފުލުހުންގެވެސް އުންމީދެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.