ކޮރޯނާ ވައިރަސްހުރި ކަމަށް ޝައްކު ކުރެވިގެން އެކަހެރި ކޮށްފައިވާ މީހާގެ ގައިން އެފަދަ އެއްވެސް އަލާމާތްތައް މިހާރު ނުފެންނަ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ކޯރޯނާވައިރަސް އިން ރައްކާތެރިވުމަށް ރާއްޖޭގައި އަޅަމުންދާ ފިޔަވަޅުތަކާއި ރާއްޖޭގެ ހާލާތާމެދު ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިރޭ ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ޝައްކު ނުކުރެވުނަސް އެކަހެރި ކޮށްފައިވާ އަނެއް ދެމީހުންގެ ގައިން ވެސް އެފަދަ އަލާމާތްތައް މިހާރު ނުފެންނަ ކަމަށެވެ.
"ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވުނު ފަރާތުގެ ހާލަތު ރަނގަޅު. އެންމެ ފުރަތަމަ ޝައްކުކުރެވިގެން ގެންދިޔައިރު ފާހަގަވި އަލާމާތްތަކެއް މިވަގުތު ފެންނާކަށް ނެތް. އެހެންވީމާ އޭނާގެ ހާލަތު ރަނގަޅު. އިތުރަށް ބެލުމަށްޓަކައި އެކަހެރި ކުރި އެހެންމީހުންގެ ވެސް އިތުރު އަލާމާތްތަކެއްނެތް. އެކަހެރި ކުރެވުނުއިރު ހުރި އަލާމާތްތައް ވެސް މިވަގުތުނެތް،" މިނިސްޓަރ އަމީން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިހާރު މަސައްކަތް ކުރައްވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މިބައްޔާ ބެހޭގޮތުން މައުލޫމާތު ދެއްވުމަށް ކަމަށެވެ. އެގޮތުން މިއަދު ވަނީ ކޮރޯނާއާ ބެހޭ މައުލޫމާތު ރައްޔިތުންނަށް ދިނުމުގެ ހަރަކާތް މ ފަށައިފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ ހަރަކާތް ކުރިއަށްއޮތް ތިން ދުވަސްތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ފާއިތުވު 24 ގަޑިއިރުތެރޭގައި ވަނީ 712 މީހުންނާ ސުވާލުކޮށް ކޮރޯނާވައިރަސްއަށް ޝައްކުރެވިދާނެ ކުރައިޓީރިއާއަށް ފެތޭތޯ ބަލައިފައި ކަމަށެވެ. އެހެންނަމަވެސް އެއިން އެއްވެސް މީހަކު އެ ކުރައިޓީރިއާއަށް ނުފެތޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ ކުރައިޓީރިއާ އަކީ ޑަބްލިޔުއެޗުއޯއިން ކަނޑައަޅައިފައިވާ މިންގަނޑެކެވެ.
މިނިސްޓަރ ވިދާޅުވީ ޝައްކު ކުރެވުނު މީހުންގެ ލޭގެ ސާމްޕަލްތައް ޓެސްޓު ކުރުމަށްޓަކައި އިންޑީއާގެ ޕޫނޭއާ ހަމައަށް މިރޭ ފޯރާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. މިރޭގެ ވަގުތެއްގައި އެ ސާމްޕަލްތައް ލެބޯރަޓަރީއާ ހަމައަށް ފޯރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އިއްޔެއިން ފެށިގެން މަސައްކަތް ކުރައްވަނީ އައިސޮލޭޝަން ފެސިލީޓީސް އިތުރުކޮށް ފަރުވާ ދިނުމުގެ އިންތިޒާމު ވަރުގަދަ ކުރެއްވުމަށް ކަމަށެވެ.