ޓީޕީޕީން އެމެރިކާ ވަކިކުރުމުގެ ލިއުމުގައި ރައީސް ޑޮނަލް ޓްރަމްޕް ސޮއި ކުރައްވައިފި

ވިޔަފާރިއާބެހޭ ބައިނަލް އަޤްވާމީ މުއާހަދާއެއްކަމަށްވާ "ޓްރާންސް ޕެސިފިކް ޕާޓްނަރޝިޕް" ނުވަތަ ޓީޕީޕީ އިން އެމެރިކާ ވަކިކުރުމުގެ ލިއުމުގައި ރައީސް ޑޮނަލް ޓްރަމްޕް ސޮއި ކުރައްވައިފި އެވެ. މިއީ ކެމްޕެއިން ވައުދެއްގެ ގޮތުގައިވެސް ޓްރަމްޕް ހުށައަޅުއްވާފައިވާކަމެކެވެ. ބާރަގައުމެއް ގުޅިގެން އުފައްދާފައިވާ ވިޔަފާރިއާ ބެހޭ މުއާހަދާ ޓީޕީޕީ އަކީ ރައިސް ބަރަކް އޮބާމާގެ އިސްނެންގެވުމުގެ މަތިން އުފެދިގެން ދިޔަ މުއާހަދާއެކެވެ. ޓީޕީޕީ އިން ވަކިވުމުގެ ލިއުމުގައި ސޮއި ކުރެއްވުމަށްފަހު ޓްރަމްޕްވިދާޅުވީ މިއަދުމިކުރެވިގެންދިޔައީ އެމެރިކާގެ މަސައްކަތް ތެރިންނަށް ވަރަށް ބޮޑަށް މަންފާކުރާނެ ކަމެއް ކަމުގައެވެ.

ޓީޕީޕީ އިން ވަކިވުމަކީ ހަމައެކަނި ރަމްޒީ ސިފައެއްގައި އަދި ކުރެވެން އޮތް ކަމެކެވެ. އެހެނީ ކޮންގްރެސްގައި އުޅޭ ޚިޔާލްތަފާތުވުމެއްގެ ސަބަބުން މުއާހަދާ އަދިވެސް ތަސްދީޤު ނުކުރެވި ވާތީއެވެ.

ކެމްޕެއިން ދުވަސްވަރު ޓްރަމްޕް ވިދާޅުވެފައިވަނީ ޓްރާންސް ޕެސިފިކް ޕާރޓްނަރޓިޕް މުއާހަދާ އަކީ އެމެރިކާއަށް ވަރަށް ގެއްލުންދައްކާނެ މުއާހަދާއެއްކަމުގައެވެ. އަދި އެމުއާހަދާގެ ސަބަބުން އެމެރިކާގެ އުފެންދުންތެރިކަމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

ވިޔަފާރިއާ ބެހޭބަޔެއް އިސްފަރާތްތަކާ ހޯމަދުވަހު ވައިޓްހައުސްގައި ބައްދަލް ކުރެއްވުމަށްފަހު ޓްރަމްޕްވަނީ ކޯޕޮރޭޓް ޓެކްސް ފަނަރަ ނުވަތަ ވިހި އިންސައްތަ ދައްކޮށްދެއްވާނެ ކަމަށް ވައުދުވެ ވަދައިގެންފައެވެ. އަދި ވިޔަފާރީގެ ހަރަކާތްތައް އެމެރިކާއިން ބޭރަށް ނުގެންގޮސް އެމެރިކާގައި ވަޒީފާތައް އުފެދިގެންދާ ގޮތަށް ކަންތައްތައް ކުރިޔަށް ގެންދާނަމަ ، ވިޔަފާރިއަށް ހުރަސްއެޅޭ ގަވާއިދުތަކާ އުސޫލުތައްވަރަށް ބޮޑަށް ލުއިކޮށްދެއްވާނެ ކަމަށްވެސް ތްރަމްޕް ވަނީ ވިދާޅުވެފައެވެ .

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.