އިޖުތިމާއީ ޒިންމާ އަދާކުރުމަށް ވިޔަފާރިވެރިންނަށް ހެޕީމާކެޓުން ގޮވާލައިފި

ކޮރޯނާ ވައިރަސް ފެތުރި، މުޅިދުނިޔެ ސިއްހީ ކުއްލި ހާލަތަކަށް ތައްޔާރުވެފައިވާ މިދަނޑިވަޅުގައި ވިޔަފާރިވެރީންގެ އިޖުތިމާއީ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށް ހެޕީމާކެޓުން އެހެން ވިޔަފާރިވެރިންނަށް ގޮވާލައްވައިފިއެވެ.

ހެޕީމާކެޓުގެ ސީއީއޯ އަލީ އިހުސާން ވިދާޅުވެފައިވަނީ ސިއްހީގޮތުން ރައްކާތެރިވުމަށް ބޭނުންވާ ޒަރޫރީ މުދާ ބައެއް ވިޔަފާރިވެރިން އަގުބޮޑުކޮށް ވިއްކަމުންދާތީ ހިތާމަކުރައްވާ ކަމަށެވެ. "ބައެއް ވިޔަފާރިތަކުން، ސިއްހީގޮތުން ރައްކާތެރިވުމަށް ބޭނުންވާ ޒަރޫރީ މުދާ، އަގުބޮޑުކޮށް ވިއްކުމަކީ ވިޔަފާރި ކުންފުންޏެއް ހިންގުމުގެ ޒިންމާ އަދާކުރާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ވަރަށް ހިތާމަކުރާ ކަމެއްކަމުގައި ދަންނަވަމެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އަޅުގަނޑުމެންގެ އިހުތިމާއީ ޒިންމާ އަދާކުރުމަށް ވިޔަފާރި ހިންގާ ފަރާތްތަކަށް ގޮވާލަމެވެ." އިހުސާން ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ ހެޕީމާކެޓުން ވިއްކާ ހޭންޑު ސެނިޓައިޒަރ ވިއްކެން އޮތް އެންމެ ކުޑައަގަށް މިހާރުވާނީ ތިރިކޮށްފައި ކަމަށެވެ. އަދި ސާޖިކަލް މާސްކު ޝިޕްމެންޓެއް އެތެރޭކޮށް ގަތްއަގުގައި ރައްޔިތުންނަށް އެ ފޯރުކޮށްދެވޭތޯ ބައްލަވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މާތްﷲ އަޅަމެން އެންމެން މިނުރައްކަލުން ސަލާމަތް ކުރައްވާތޯ ދުޢާދަންނަވަން،" އިހުސާން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.