ކޮރޯނާ ވައިރަސްގެ މިންގަނޑަށް ފެތޭ މީހަކު ރާއްޖެއިން ފެނިއްޖެ ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މި މިންގަނޑަށް ފެތޭ މީހަކީ ރޭ ޗައިނާއިން ރާއްޖެއައި 20 އަހަރު މީހެއް ކަމަށެވެ. އޭނާ މިހާރުވަނީ ހެލްތު މިނިސްޓްރީގެ އައިސޮލޭޝަން ފެސިލިޓީއެއް ކަމަށްވާ ފޮނަދޫގައި ބަހައްޓައިފައެވެ. އޭނާ އެބައްޔަށް ޕޮޒިޓިވް ވެފައިތޯ ބެލުމަށް ސާމްޕަލް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އޭނާ ރާއްޖެއައިފަހުން ބޭރަށް ނުކުމެ ނޫޅޭ ކަމަށާއި އެހެންކަމުން އެއްވެސް ބަޔަކާ ދިމާވެ ކޮންޓެކްތް ވެފައި ނުވާކަމަށް އައިޖީއެމްޗުގެ ޑޮކްޓަރ ޒިޔާން ވަނީ މިބައްދަލުވުމުގައި ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އައިޖީއެމްޗުގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމަކުން ވަނީ އޭނާ ބަލައި ޗެކޮކޮށްފައި ކަމަށެވެ. ބެލި ބެލުމުން އަރިދަސްފުސްރޯގާ ހުރިކަން ފާހަގަވި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ހުމެއްނެތް ކަމަށައި ޗެސްޓްވެސް ސާފު ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާގެ ހާލަތު ސީރިއަސްއެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ މާލެއައިސް ޓެސްޓް ހަދަން ދިޔައީ އަމިއްލައަށެވެ. ޓެސްޓް ހަދަން ދިޔައީ ރޯގާގެ އަލާމާތްތައް ހުރެގެންނެވެ.
ކޮރޯނާވައިރަސް ހުރެދާނެ ކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރެއިން އެއް މިންގަނޑަކީ ވޭތުވެދިޔަ 14 ދުވަސްތެރޭގައި ބަލި ފެތުރެމުންދާ ސަރަހައްދުގެ މީޓް މާކެޓަކަށް ދިޔުމެވެ. މިނިސްޓަރ އަމީން ވިދާޅުވީ އެމީހާވަނީ އެފަދަ މާކެޓަކަށް ޒިޔާރަތް ކޮށްފައި ކަމަށެވެ. މި މީހާއަކީ ޗައިނާގައި އުޅޭފައި ރާއްޖެއައި ދިވެއްސެކެވެ. އޭނަށް ކޮރޯނާވައިރަސް ޖެހިފައިވާކަން ކަށަވަރުވާނީ ޓެސްޓުގެ ނަތީޖާ ލިބުމުންނެވެ. މާދަމާ ނަތީޖާ ލިބޭނެއެވެ.