ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި ޢާއިލާތައް ދެނެގަތުމަށްޓަކައި ދަފުތަރެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑާ، ފެމެލީ އެންޑް ސޯޝަލް ސަރވިސް އިން ހާމަކޮށްފި އެވެ.
އެމިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި ދަފުތަރެއް އެކުލަވައިލުމުގެ އިތުރުން، ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ޤަވާއިދުން މޮނިޓާކުރާނެ ނިޒާމެއް ވެސް ވަނީ އެކުލަވައިލާފައިވާފައެވެ.
ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތަކުގެ ދަފްތަރެއް އެކުލަވާލައްވައި މޮނީޓަރކުރުމުގެ މަސައްކަތް ފެށުމަށް ރައްޔިތުންގެ މަޖިލީހުން ޖެންޑަރ މިނިސްޓަރީ އަށް ދެއްވީ ހަތް ދުވަހުގެ މުހުލަތެކެވެ. އެ މުހުލަތުގެ ތެރޭގައި އެމަސައްކަތް ފުރިހަމަކޮށް ޖެންޑަރ މިނިސްޓްރީ ވަނި މަޖިލީހަށް ފޮނުވައިފައެވެ. ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ހިއްސާ ނުކޮށް ހުރި އެފަދަ މައުލޫމާތުތައް ދެނެގަނެ، އެ މައުލޫމާތުތައް ދަފްތަރުގައި ހިމެނުމަށް ދެއްވީ 30 ދުވަހުގެ މުހުލަތެކެވެ.
ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާޢިލާތައް ދެނެގަންނާނެ މިންގަނޑުތަކެއް ޖެންޑަރ މިނިސްޓްރީން މިހާރުވަނީ އެކުލަވާލައްވައިފައެވެ. މިފަދަ މިންގަނޑެއް އެމިނިސްޓްރީން އެކުލަވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ އެދިވަޑައިގެންނެވުމުގެ މަތިންނެވެ. ޢުމުރުން ދެ އަހަރުވެސް ނުވާ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ދިރާސާ ކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ ވަކިކަންތައްތަކެއް ކޮށް ނިންމެވުމަށް ޖެންޑަރ މިނިސްޓަރީއަށް މުހުލަތުތަކެއް ދެއްވައިފައެވެ. ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާޢިލާތައް ދެނެގަންނާނެ މިންގަނޑުތައް އެކުލަވާލެއްވުމަށް ދެއްވި ދެ ދުވަހުގެ މުހުލަތުގައި އެމަސައްކަތް ވެސް ޖެންޑަރ މިނިސްޓްރީން ވަނީ ފުރިހަމަ ކުރައްވައިފައެވެ. ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާޢިލާތައް ދެނެގަންނާނެ މިންގަނޑުތައް ރަށު ކައުން ސިލްތަކާވެސް ޙިއްސާކޮށްފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ. އަދި އެފަދަ ކުދިންނާއި އާއިލާތަ ދެނެގަންނާނެ ފޯމެޓެއްވެސް އެކުލަވާލައްވައި ކައުންސިލްތަކާ ވަނީ ޙިއްޞާކުރައްވައިފައެވެ. އެފަދަ ކުދިން އާއިލާތައް ދެނެގަތުމަށް ކައުންސިލްތަކަށް، މިހާރު ވަރަށް ފަސޭހަ ވާނެކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ފާހަގަ ކުރެއްވިއެވެ.
ޖިންސީ ގޯނާގެ ތުހުމަތުގައި ދައުވާ އުފުލުމަށްފަހު ބަންދުން ދޫކޮށްލާފައިވާ މީހުން ދެނެގަނެ، އެ މީހުން ދޫކޮށްލި ސަބަބުތައް އަލުން ދެނެގަތުމަށާއި އެފަދަ މީހުން މޮނީޓާ ކުރާނެ ނިޒާމެއް ޤާއިމް ކުރުމަށް ވެސް ވަނީ 30 ދުވަހުގެ މުހުލަތެއް ދެއްވައިފައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ޝަރުޢީ މަރުހަލާގައި އަވަސްކުރުމަށްޓަކައި ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކުރައްވައި އެފަދަ މައްސަލަތައް އެންމެ ލަސްވެގެން ނިންމަންޖެހޭ މުއްދަތެއް ކަނޑައެޅުމާބެހޭގޮތުން ރިޕޯޓެއް އެކުލަވާލައި މަޖިލީހަށް ފޮނުވުމަށް ވެސް 30 ދުވަހުގެ މުހުލަތެއް ވަނީ ދެއްވައިފައެވެ.
ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް މުއައްސަސާތަކުން އެކުދިންގެ ރައްކާތެރިކަމަށް ކުރާ މަސައްކަތްތަކާބެހޭ ޕާރފޯމަންސް އޮޑިޓެއް ހެދުމަށް ފަހު މަޖިލީހާ ހިއްސާ ކުރުމަށް ވެސް ޖެންޑަރ މިނިސްޓްރީއަށް ދެއްވައިފައި ވަނީ 30 ދުވަހުގެ މުހުލަތެވެ.
ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާ ބޭސް އަލުން ބޭނުން ކުރަން ފެށްޓެވުމަށް ވެސް ޖެންޑާ މިނިސްޓްރީ އަށް ވަނީ 30 ދުވަހުގެ މުހްލަތެއް ދެއްވައިފއެވެ. ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް ނުވަތަ ކުޑަކުދިން ރައްކާތެރި ކުރުމާބެހޭ ޑޭޓާބޭސް އަކީ 2009 ވަނަ އަހަރު ޤާއިމްކުރެއްވި ޑޭޓާބޭސް އެކެވެ. މިހާރު އެޑޭޓާބޭސްގެ މަސައްކަތް ރަނގަޅަށް ނުހިނގާކަން ކަމާބެހޭ މުޢައްސަސާ ތަކުން ދެއްވި މަޢުލޫމާތު ތަކުން ހާމަވެއެވެ. ޢުމުރުން ދެއަހަރު ވެސް ނުވާ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާކުރި މަސައްލައިގައި ވެސް ކަމާ ގުޅުންހުރި މުޢައްސަސާ ތަކުގެ މެދުގައި މަޢުލޫމާތު ހިއްސާ ނުކުރެވުމުގެ މައްސަލަ ވަނީ ދިމާވެފައެވެ.
ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ މުޤައްރިރު ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަޙްމޫދު ވިދާޅޫވީ ހުރިހާ މުޢައްސަސާތައް އެކުގައި މަސައްކަތްކުރާނެ ނެޓް ވާރކަކަށް ވެގެންދާނީ ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާ ބޭސް ކަމުގައެވެ.