ގުޖްރާތީ ބަހުގެ ތެރެއަށް އިނގިރޭސި ބަސް ވައްދައިފި

ގުޖްރާތީ ބަހަށް އިނގިރޭސި ބަަސްކޮށާރުންް ގިނަ ލަފުޒުތަކެއް އިތުރުކޮށްފިއެވެ. މިބަދަލަކީ ވަޠަނީ މީހުންގެ ހިތަށް ނުތަނަވަސްކަން ގެންނާނެ ބަދަލެއްކަމާމެދު ޝައްކެއްވެސް ނެތެވެ. ގުޖްރާތީ ބަސްފޮތް، ސަރްތް ގުޖްރާތީ ޖޮދާނީ ކޯޝް، އަށް ގުޖްރާތް ވިދްޔަޕިތުން 10000 އާ ލަފުޒު އިތުރުކޮށްފިއެވެ. އެ 10000 ލަފުޒުގެ %50 އަކީ އިނގިރޭސި ބަސްކޮށާރުގެ ލަފުޒުތަކެވެ.

ސަރްތް ގުޖްރާތީ ޖޮދާނީ ކޯޝްއަކީ އާރާއިބާރު ލިބިފައިވާ، ސަރުކާރާއި އުނގަންނައިދޭ މުއައްސަސާ ތަކުގެ ތާއީދު ލިބިފައިވާ އަދި އެމުއައްސަސާ ތަކުން ބަލައިގެންފައިވާ ބަސްފޮތެކެވެ. މިބަސްފޮތަކީ މަހާތުމާ ގާނދީގެ އިސްނެންގެވުމަކަށް 1929 ގައި ފެއްޓި ޕްރޮޖެކްޓެކެވެ. 75000 ލަފުޒު ހިމެނޭ 1200 ޞަފްޙާގެ ބަސްފޮތް އިޞްލާޙު މިކުރެވެނީ 50 އަހަރު ފަހުންނެވެ.

ބަސްފޮތުގެ އާ އިސްދާރެއް ޝާއިޢުކުރުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ މަހުގެ ފަހުކޮޅުއެވެ. ލެކްސިކޯގްރާފަރު ނިރަންޖަނާ ވޯރާ އާ ޙަވާލާދީ އިންޑިއާގެ ނޫސްތަކުގައި ވާގޮތުން އަލަށް ޝާއިޢުކުރެވޭ ބަސްފޮތުގައި ވޭތުވެދިޔަ 20 އަހަރުތެރޭގައި އަދާހަމަކުރެވުނު ހުރިހާ ބަދަލެއް އެކުލެވޭނެއެވެ. ބަސްފޮތް އިޞްލާޙު ކުރުމުގެ މަސައްކަތް ކުރީ 8 މެންބަރުން ހިމެނޭ ކޮމެޓީއަކުންނެވެ. ނިރަންޖަނާ އަކީ އެޓީމުގެ އިސް ލެކްސިކޯގަރާފަރެވެ.

އިޞްލާޙުކުރެވުނު ބަސްފޮތުގައި "އައިވަރީ ޓަވަރ"، "އެޓިޓިއުޑް"، އަދި "ހަރޓް އެޓޭކް" ފަދަ އިނގިރޭސި ލަފުޒުތައް ހިމެނެއެވެ. "އެކްސްޓްރާޕޮލޭޝަން" ފަދަ އުނދގޫ ލަފުޒުތައްވެސް ބަސްފޮތުގައި ހިމަނާފައިވެއެވެ. އިނގިރޭސި ލަފުޒު ހިމެނުމުގެ އިތުރުން ބައެއް ގުޖްރާތީ ލަފުޒުތަކުގެ މާނަ ލިޔެފައިވަނީވެސް އިނގިރޭސި ބަހުންނެވެ. މިސާލަކަށް، "ޕުނަރްވަސަން ކެންދްރާ" މާނައަކީ "ރިހެބިލިޓޭޝަން ސެންޓަރ" އެވެ. މާނަ ބަޔާންކުރުމަށް އިނގިރޭސި ލަފުޒު އިޚްތިޔާރުކުރީ މިހާރަކަށް އައިސް އެފަދަ ލަފުޒުތައް ވަރަށް ބޮޑަށް ޢާއްމުވެފައިވާތީ ކަމަށް ވޯރާ އާ ޙަވާލާދީ ނޫސްތަކުގައިވެއެވެ.

އިނގިރޭސި ލަފުޒުތަކުގެ އިތުރުން ޕޯޗުގީޒް، ފްރެންޗް، ފާރިސީ، އުރުދޫ، އަދި އިންޑިއާގެ ތަފާތު ބަސްބަހުގެ ލަފުޒުތައްވެސް އާ އަދާހަމައިގައި (އަޕްޑޭޓްގައި) ހިމަނާފައިވެއެވެ. ކުރީގެ ޗާޕުގައި ހިމެނޭ ބައެއް ލަފުޒުތައް އުނިކުރެވިފައިވެސް ވެއެވެ. އުނިކުރެވުނު ލަފުޒު ތަކަކީ ޤާނޫނީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ބަލައިނުގަންނަ ލަފުޒު ތަކެވެ. އުނި ނުކޮށްހުރި އެފަދަ ލަފުޒުތަކުގެ މާނަ ވަނީ ބަދަލުކުރެވިފައެވެ. މިސާލަކަށް، ޗާރަން ކޮމިއުނިޓީގެ މީހުން ވަނީ ބަސްފޮތުގައި ޗާރަން މާނަ ކޮށްފައިވާ ގޮތާ ދެކޮޅު ހަދާފައެވެ. ކުރީން މާނަކޮށްފައިވަނީ ރަސްގެފާނުގެ ހިތް އުފާކޮށްދޭން މިއުޒިކާއި ލަވަ އުފައްދާ މުޖްތަމަޢެއްގެ ގޮތުގައެވެ. ނަމަވެސް އާ މާނައަކީ ލަވަ އުފައްދާ ކޮމިއުނިޓީ އެވެ.

1929 ގައި ބަސްފޮތް އަލަށް އެކުލަވައިލިއިރު ގާނދީ ވަނީ ބަސްފޮތަށް ބަދަލުގެނައުން މަނާ ކުރައްވައިފައެވެ. އޭރު ބަސްފޮތުގައި ހިމެނެނީ 43743 ލަފުޒެވެ. ލަފުޒުތަކުގެ މާނަ ހިމަނާފައިނުވެއެވެ. މާނަ ހިމަނައިގެން ބަސްފޮތުގެ ދެވަނަ އެޑިޝަން ޝާއިޢު ކުރެވުނީ 1931 ވަނަ އަހަރުއެވެ. ތިންވަނަ އެޑިޝަންގައި 10169 ލަފުޒު ހިމެނެއެވެ. އެ އެޑިޝަން ޝާއިޢުކޮށްފައިވަނީ 1937 ވަނަ އަހަރުއެވެ. ބަސްފޮތުގެ ހަތަރުވަނަ އެޑިޝަން ޗާޕުކުރީ 1967 ވަނަ އަހަރުއެވެ. 9046 ޞަފްޙާގެ މައްޗަށް އެކުލެވޭ އެޑިޝަނުގައި 68467 ލަފުޒު ހިމެނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.