ދީބާޖާ މައްސަލަ ރިވިއުކުރުމަށް އެޓާނީ ޖެނެރަލް އޮފީހުން ސްޕްރީމްކޯޓަށް ހުށަހަޅައިފިއެވެ. މިކަން ހާމަކުރައްވައިފައި ވަނީ އެ އޮފީހުން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އޭޖީ އޮފީހުން ވިދާޅުވެފައިވަނީ ދީބާޖާ މައްސަލަ ރިވިއުކުރުމަށް ނިންމެވީ ދީބާޖާ އަށް ބަދަލު ދިނުމާ ގުޅޭ ގޮތުން ސްޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމާމެދު އާންމުންގެ ކަންބޮޑުވުންތައް ހުރިކަމަށް ރައީސުލްޖްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވުމާ ގުޅިގެން އާންމު މަސްލަޙަތަށް ރިޔާޢަތްކޮށް ކަމަށެވެ.
ދީބާޖާ އަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމަށް ސިވިލްކޯޓުން ކުރިޙުކުމް 2018 ގައި ހައިކޯޓުން ބާޠިލްކުރިއެވެ. ނަމަވެސް ދިބާޖާއިން އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ހައިކޯޓުން އެމައްލަ ބަލައިގެންފައި އޮތީ އިސްތިއުނާފު މުއްދަތު ފަހަނަޅައި ދިޔަފަހުން ކަމަށްވާތީ ސްޕްރީމް ކޯޓުން މިދިޔައަހަރު ވަނީ ހައިކޯޓްގެ ނިންމުން ބާތިލްކޮށް، ދީބާޖާ އަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމަށް ސިވިލްކޯޓުން ކުރިޙުކުމް ދަމަހައަޓައިފައެވެ.
ދިބާޖާއަށް ބޮޑުބަދަލެއް ދޭންޖެހުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމުން އެ މައްސަލާގައި މެދު މިނުގެ ހައްލެއް ހޯދުމަށް ސެޓްލްމެންޓް ކޮމިޓީއެއް ހަދައި ދީބާޖާއާއެކު މަޝްވަރާކޮށް މިދިޔައަހަރު ސަރުކާރުން ވަނީ ގޮތެއް ނިންމައިފައެވެ. އެ މަޝްވަރާތަކަށްފަހު ނިންމެވީ ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށެވެ.
ދިބާޖާއަށް ބަދަލު ދިނުމުގެ މައްސަލަ ރިވިއުކުރުމަށް އޭޖީ އޮފީހުގައި އެދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީންވެސް ވަނީ މިދިޔަ އަހަރު ނިންމައިފައެވެ.
ދީބާޖާ އިންވެސްޓްމެންޓާއެކު އުތުރުގެ ހަތަރު އަތޮޅެއްގެ ދަތުރުފަތުރު ހިދުމަތް ދިނުމަށް އެއްބަސްވެ އެމަސައްކަތް ހަވާލުކުރީ 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް އެއްބަސްވުމުގެ ދަށުން ސަރުކާރުން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު ރައީސް މުޙައްމަދު ވަޙީދުގެ ވެރިކަމުގައި އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ.