މާފުށީ ޖަލުގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދު އެއްވެސް ތަފާތު ކުރުމެއްނެތި ހަމައާއި އުސޫލެ ތެރެއިން ހުރިހާ އިނާޔަތެއް ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެމިނިސްޓްރީން ނެރެފައިވާ ނޫސްޔާނެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީނާ ބެހޭ ގޮތުން މިޑީއާގައި ފަތުރަމުންދަނީ ހަގީގަތް އޮޅޭ ވާހަކަތަކެއް ކަމަށެވެ. "ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކުގެ ދަށުން ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ގައިދީންނަށް ކަށަވަރުކޮށްދޭންޖެހޭ އަސާސީ، އިންސާނީ ހައްގުތަކާއި ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް އިސްވެ ދެންނެވުނު ގައިދީއާމެދު އެއްވެސް ތަފާތުކުރުމެއްނެތި ފޯރުކޮށްދެމުންދާ ކަމުގައި ދެންނެވީމެވެ." މިނިސްޓްރީން ވިދާޅުވެފައެވެ.
މިނިސްޓްރީން ވިދާޅުވީ މީޑިއާގައި ފަތުރާ މައުލޫމާތާ ގުޅޭ އެއްވެސް ޝަކުވާއެއް ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ވެސް އަދި އެމަނިކުފާނުގެ އާއިލާގެ ފަރާތުން ވެސް ލިބިފައި ނުވާކަމަށެވެ.
ރައީސް ޔާމީނާ މެދު ޖަލުގައި ނިކަމެތިކޮށް ހިތައި އަނިޔާވެރިވަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިހާރުދަނީ ޚަބަރު ފަތުރަމުންނެވެ. އެހެންނަމަވެސް އެއީ ދޮގެއް ކަމަށް ހޯމްމިނިސްޓްރީން ވިދާޅުވިއެވެ.
އެ މިނިސްޓްރީގެ އިރުޝާދުގެ ދަށުން އިނިސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާވިސް މާފުށީ ޖަލަށް ވަޑައިގެން ރައީސް ޔާމީނާ ބައްދަލުކުރެއްވި ކަމަށާއި އެބައްދަލުވުމުގައި ރައީސް ޔާމީނަށްހުރި ދަތިތަކާބެހޭ ގޮތުންވެސް މައުލޫމާތު އޮޅުން ފިލުއްވި ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން އެއްވެސް ޝަކުވާއެއް ކުރައްވާފައި ނުވާކަމަށް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.
މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް ގައިދީންގެ ހައްގުތައް ކަށަވަރުކޮށްދިނުން ކަމަށް ވެސް ހޯމް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އަދި ގައިދީން އިސްލާހުކޮށް ރަނގަޅު ބައެއްގެ ގޮތުގައި އަލުން މުޖުތަމައަށް ގެނައުމަކީ ވެސް ސަރުކާރުގެ ސިޔާސަތު ކަމަށް ވިދާޅުވެފައިވެއެވެ.