ކުޑަކުދިންނަށް ޖިންސީ އަދި ޖިސްމާނީ އަނިޔާދޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލާ ހިންގާ ހަރަކާތްތަކަށް ފުލުހުން މަރުހަބާ ކިޔައި އެކަމަށް ހިތްވަރު ދެއްވައިފިއެވެ.
ފުލުހުން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ގއ. ކަނޑުހުޅުދޫ ގައި ތުއްތުކުޖަކު ރޭޕު ކުރި މައްސަލައަށްފަހު އެފަދަ ކަންކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި އާންމުން ޒިންމާދާރު ކުރުވައި އަދި ކުދިންނަށް އެފަދަ އަނިޔާދޭ ފަރާތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލުމުން އެފަދަ މައްސަލަތައް ރިޕޯޓު ކުރުމަށް އާންމުނަށް ހިތްވަރު ލިބުގެންދާނެ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެފަދަ ރޫޙެއްގައި އެންމެން މަސައްކަތްކޮށް އެއްވެސް ފަސްޖެހުމެއްނެތި އެފަދަ މައުލޫމާތު ފުލުހުންނާއި ކަމާބެހޭ ފަރާތްތަކާ ހިއްސާ ކުރުމަކީ އެފަދަ އަމަލުތައް ހިންގާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދިނުމަށް މަގުފަހިވާނެ ކަމެއް ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ކުޑަކުދިންގެ ހައްގުތައް ހޯދުމަށް ހެޔޮނިޔަތުގައި ހިންގާ މިފަދަ ހަރާކަތްތަކުގައި ބައެއް ފަރާތްތަކުން ގާނޫނާ ޚިލާފު އަމަލުތައް ހިންގައި ކުޑުކުދިންނާއި ޚާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ލިބި ބިރުވެރިކަން އުފެދޭ ފަދަ އަމަލުތައް ތަކުރާރު ކުރަމުންދާކަން ފުލުހުންނަށް ފާހަގަވެފައިވާ ކަމަށް އެބަޔާނުގައިވެއެވެ. އެގޮތުން މީހުން ދިރިއުޅޭ ތަންތަނާއި ހޮސްޕިޓަލް ފަދަ ތަންތަނަށް އެއްވެ އަދުގަދަކޮށް ހަޅޭއްލަވައި މުދަލާއި ތަކެއްޗަށް ގެއްލުންދީ ގާނޫނީ ހަމަތަކުން ބޭރުން މީހުންނަށް އަނިޔާކޮށް ހަދަމުންދާ ކަމުގެ މައްސަލަތައް ކުރިމަތިވަމުންދާ ކަން ހިތާމައާއެކު ފާހަގަ ކުރާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެފަދަ ކަންކަމަކީ އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާވެސް ޚިލާފުކަމެއް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް އެއްވެ އަޑު އުފުލުމުގެ ރުހާވެސް ޚިލާފު ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ. އެހެންކަމުން ގާނޫނީ އިމުގެ ބޭރުން އެއްވެސް ކަމެއް ނުކުރުމަށާއި މީހުންނަށް އަނިޔާ ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި އެފަދަ ކަންކަމުގައި ތުހުމަތު ކުރެވޭ މީހުންނަށް އަނިޔާކޮށް ގޯނާ ކުރުމަށް ބައެއް މީޑީއާތަކުން ހިތްވަރުދޭ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. ކަމެއްގައި ތުހުމަތު ކުރެވޭ މީހާއާ މެދުވެސް އަމަލުކުރަން ވާނީ ގާނޫނާއި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާ އެއްގޮތަކަށް ކަމަށާއި އެފަދަ މީހުންނާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށް އެހީވެދިނުމުގައި ފަރުދީ ޒިންމާ އަދާކުރުމަށް އެދޭކަމަށް ވެސް އެބަޔާނުގައިވެއެވެ.
ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ރައްޔިތުން ކުރާ މަސައްކަތުގައި އަބަދުވެސް ފުލުހުންގެ އެއްބާރުލުން ލިބޭނެ ކަމަށާއި ގާނޫނީ ހަމަތަކުގެ ތެރެއިން ކުރިއަށްގެންދާ އެއްވުންތަކަށް ފުލުހުންގެ އެހީތެރިކަން ލިބޭނެ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެފަދަ އެއްވުންތަކުގެ ނާޖާއިޒު ފައިދާ ނަގައި ގާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.