އެމެރިކާގެ 45 ވަނަ ރައީސް ޑޮނަލްޑް ޖޯން ޓްރަމްޕް ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ދެއްވި ޚިތާބުގެ ދިވެހި ތަރުޖަމާއެއް


ނޯޓް: ތިރީގައި އެވަނީ އެމެރިކާގެ 45ވަނަ ރައީސް މރ. ޑޮނަލްޑް ޖޯން ޓްރަމްޕް، ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު، ދެއްވި ޚިތާބުގެ ދިވެހި ތަރުޖަމާއެކެވެ. ގައުމެއްގެ ސިޔާސީވެރިންނަށާއި އަދި އާއްމު ރައްޔިތުންނަށްވެސް، ފައިދާކޮށްފާނޭ އަގުހުރި ނުކުތާތަކަށް، އެމަނިކުފާނުގެ ޚިތާބުގައި، އަލިއަޅުވާލެވިފައި ވެއެވެ. އޭގެ ތެރޭގައި ގައުމެއް ވުޖޫދުގައި އޮތުމުގެ ބޭނުމަކީ އެގައުމުގެ ވަކިވަކި ފަރުދުނުންނަށް ޚިދުމަތް ކުރުން ކަން ހިމެނެއެވެ. އަދި، މިޚިދުމަތް ލިބިދެނީ އެގައުމުގެ މުއްސަނދިކަން، ވަކި ބަޔެއްގެ އަތްމައްޗަށް ނުގޮސް، ހަމަހަމަ ގޮތެއްގައި އެންމެންގެ ތެރޭގައި ބެހެވިގެންކަން ހިމެނެއެވެ. މިކަންވެގެން ދަނީ ގައުމުގައި މަސައްކަތްތެރިކަން ދިރުވައި ވަޒީފާތައް އުފައްދައިގެންނެވެ. އަދި އެވަޒީފަތައް ފުރާނޭ އިލްމާއި ހުނަރު ލިބިފައިވާ ބަޔަކު އުފެއްދިގެންނެވެ. އަދި، ގައުމުގެ އަމާންކަމާއި ސަލާމަތްކަން ހޯދަންޖެހޭނީ އެގައުމުގެ މީހުންގެ މަސައްކަތުންކަންވެސް ފާހަގަ ކުރައްވާފައި ވެއެވެ. އަދި ގައުމުގެ ސިޔާސީ ވެރިންވާން ޖެހޭނީ ވައިއަނގަ ތެޅުމުންނާއި ޝަކުވާކުރުމުން ދުރުހެލިވެ، މިކަންކަން ކުރާނޭ މަގު ކޮށަން އެނގޭ ބަޔަކަށެވެ. އަދި ތަނަށް ކުރި އެރުން އަންނާނީ އެންމެންވެސް ތެދުވެރިވެ އިޚުލާސްތެރިވެގެންނެވެ. އެކަކު އަނެކަކަށް ކަމޭ ހިތައި ލޮބުވެތިވެގެންނެވެ. އެއްބައިވެ އެކަތިގަނޑަކަށްވެސް ވާންދަސްވެގެންނެވެ. ގައުމުގެ މީހުންގެ މެދުގައި އުފެދޭ ޚިޔާލު ތަފާތުވުން ތަކާއި ދެބަސްވުންތައް ބަހުސް ކުރެވި ސުލްހަވެރި ގޮތުގައި ހައްލު ކުރެވިގެންނެވެ. އަދި، ގައުމުގެ މީހުންނަށް ދިރުންދޭ އަގުތައް ލިބިގަތުމުގައި ދީނުގެ މުހިއްމުކަންވެސް މިޚިތާބުން ފާހަގަވެގެންދެއެވެ. އަދި ދީނީ އީމާންކަމާއި ދީނީ އަގުތަކަކީ ގައުމެއް ކުރިއަރައި ތަރައްގީ ވުމަށް ހުރަސްއަޅަ ކަމެއް ނޫންކަން ވެސް ރައީސް މރ. ޓްރަމްޕްގެ ޚިތާބުން ފެނިގެންދެއެވެ. (އ.ހ.)


އުއްތަމަ ފަނޑިޔާރު ރޮބާރޓްސް، ރައީސް ކާރޓަރ، ރައީސް ކްލިންޓަން، ރައީސް ބުޝް، ރައީސް އޮބާމާ، އެކުވެރި އެމެރިކާގެ މީހުން، އަދި ދުނިޔޭގެ މީސްތަކުން، ޝުކުރިއްޔާ!

އަހަރުމެން، އެމެރިކާގެ މުވާތިނުން، (މިތާ) މިވަގުތު އަތް މިގުޅުވާލަނީ އަހަރުމެންގެ ގައުމު އަލުން ބިނާކޮށް، އަދި އަހަރުމެންގެ ގައުމުގެ ވައުދު އަހަރުމެންގެ މީސްތަކުންނަށް އަލުން ގެނެސް ދިނުމުގެ މަތިވެރި ގައުމީ މަސައްކަތެއް ކުރުމަށްޓަކައެވެ.

އަހަރުމެން އެންމެން އެކުގައި އެމެރިކާގެ މަސީރު އާއި އަދި ދުނިޔޭގެ މަސީރު ވެސް ކަނޑައަޅާލާނަމެވެ. ކުރިއަށް އަންނަން އޮތް އެތައް އެތައް އަހަރުތަކަށެވެ.

ގޮންޖެހުންތައް އަހަރުމެންނާ ކުރިމަތިވާނެއެވެ. އުދަނގޫތަކާ އަހަރުމެން ކުރިމަތިލާނަމެވެ. ނަމެވެސް، އަހަރުމެން ކުރަންޖެހޭ ކަމެއްކޮށް ނިންމާނަމެވެ.

ކޮންމެ ހަތަރު އަހަރަކު، ވެރިކަމުގެ ބާރު، ސުލްހަވެރިކަމާއި އަދި ކަނޑައެޅިފައިވާ ހަމަތަކާ އެއްގޮތުގެ މަތީން، އެއް ފަރާތަކުން އަނެއް ފަރާތަކަށް ބަދަލު ކުރުމަށްޓަކައި މި ހަރުފަތްތަކު މަތީގައި އަހަރުމެން އެއްވަމުއެވެ. އަދި ރައީސް އޮބާމާއަށާއި (އޭނާގެ އަނބިކަނބަލުން) ދައުލަތުގެ މައިކަމަނާ މިޝޭލް އޮބާމާއަށް، އަހަރުމެން ޝުކުރުވެރިވަމެވެ. ވެރިކަން ބަދަލުކުރުމުގެ ހުރިހާ މަރުހަލާއެއްގައި، އެބޭފުޅުން ވެދެއްވި ދީލަތި އެހީތެރިކަމަށްޓަކައެވެ. މިކަމުގައި އެބޭފުޅުން ހެޔޮފުޅުކަން ވަރަށްވެސް ބޮޑެވެ.

ކޮންމެއަކަސް، މިއަދުގެ ހަފްލާގައި، ވަރަށް ޚާއްސަ މާނައެއް އެކުލެވިގެން ވެއެވެ. އެހެނީ ވެރިކަމުގެ ބާރު މިއަދު ބަދަލުވެގެން މިދަނީކީ ވެރިކަމުގެ އެއް އިދާރާއެއްގެ އަތްމަތިން އެހެން އިދާރާއެއްގެ އަތްމައްޗަކަށް ނޫނެވެ. ނުވަތަ އެއް ޕާރޓީއަކުން އަނެއް ޕާރޓީ އަކަށްވެސް ނުމެނޫންމެއެވެ. ނަމަވެސް، މިއަދު، ވެރިކަމުގެ ބާރު، އަހަރުމެން ވޮޝިންޓަން ޑި.ސީ.އިން ނަގައިފައި އަނބުރާ މިދެނީ ކަލޭމެން އާއްމު މީސްތަކުންގެ އަތްމައްޗަށެވެ.

ބަލައިގަނެވޭ ވަރަށް ވުރެ މާގިނަ ދުވަސް ވަންދެން، އާއްމު މީސްތަކުން، އެކަމުގެ އަގު ދައްކަމުން ދިޔައިރު، އަހަރުމެންގެ ގައުމުގެ ވެރިކަން ކުރާ ރަށުގެ މަދު މީސްކޮޅަކު ސަރުކާރު ހިންގުމުގެ ފައިދާ ނަގައިފިއެވެ.

ވޮޝިންގްޓަން ކުރިއަރައި އެރަށަށް ފާގަތިކަމާއި މުއްސަނދިކަން ލިބުނެވެ. ނަމަވެސް އާއްމު މީސްތަކުން އެ ކުރިއެރުމާއި ފާގަތިކަމުގައި ބައިވެރިއެއް ނުކުރެވެއެވެ.

ސިޔާސީވެރިން ކުރިއަރައި އެމީހުންގެ އަތްމަތި ތަނަވަސް ވިއެވެ. ނަމަވެސް (އާއްމުންގެ) ވަޒީފާތައް ގެއްލި ދިޔައީއެވެ. އަދި ފެކްޓަރީތައް ބަންދުކުރެވުނީއެވެ.

(އަހަރުމެންގެ) ސަރުކާރުގެ މުއައްސަސާ (ތަކުގެ މީހުން، އެމީހުން)ގެ އަމިއްލަ މަސްލަހަތުތައް ރައްކާކުރިއެވެ. ނަމަވެސް އާއްމު މުވާތިނުންގެ މަސްލަހަތު އެމީހުން ރައްކަލެއް ނުކުރެއެވެ.

އެމީހުންނަށް ލިބުނު ނަސްރުތަކަކީ ކަލޭމެން އާއްމު މީހުންނަށް ލިބުނު ނަސްރުތަކެއް ނޫނެވެ. އެމީހުން ހޯދައިގަތް ކާމިޔާބީތަކަކީ ކަލޭމެން ހޯދާއިގަތް ކާމީޔާބީތަކެއް ނޫނެވެ. އެމީހުންނަށް ލިބުނު ނަސްރުތަކާއި ހޯދި ކާމިޔާބީތައް، އަހަރުމެންގެ ވެރިރަށުގައި ފާހަގަކޮށް އިހުތިފާލު ކުރަމުން ގެންދިޔައިރު، ރަށުގެ ކަންކޮޅުގައި ދިރިއުޅުމުގެ ދަތިއުނދަގުލާ ހަނގުރާމަ ކުރަމުން ދިޔަ އާއިލާތަކަށް އިހުތިފާލުކުރާނޭ މާ ބޮޑު ކަމެއް ލިބިފައެއް ނެތެވެ.

މި ހުރިހާ ކަމެއް ދެން ބަދަލު ވެގެން ދާނެއެވެ. މިބަދަލުވުން ފެށެނީ ހަމަ މިތަނުގައެވެ. ހަމަ މިހާއިރުއްސުރެންނެވެ. އެހެނީ މި(ވެރިކަމުގެ ބާރު ބަދަލުވުމުގެ) ވަގުތަކީ ކަލޭމެންގެ ވަގުތެކެވެ. (ވެރިކަން ބަދަލުވުމުގެ) މި ވަގުތުގެ މިލްކުވެރިފަރާތަކީ ކަލޭމެންނެވެ.

މި ވަގުތުގެ މިލްކުވެރިފަރާތަކީ މިތަނަށް އެއްވެ ތިބި އެންމެންނެވެ. އަދި މުޅި އެމެރިކާގެ ކަންކޮޅުތަކުގައި މި އިހުތިފާލު (ޓީވީގެ ޒަރިއްޔާއިން) ބަލަމުން ގެންދާ އެންމެނެވެ.

މިއަދަކީ ކަލޭމެން އެންމެންގެ ދުވަހެވެ. މިއިހުތިފާލަކީ ކަލޭމެން އެންމެންގެ އިހުތިފާލެކެވެ.

އަދި މިއީ، އާދެ، އެކުވެރި އެމެރިކާގެ ވިލާތުތަކަކީ، ކަލޭމެންގެ ރަށެވެ.

ހަގީގަތުގައިވެސް، މުހިއްމީ ވެރިކަން ކުރަނީ ކޮންޕާޓީއެއްތޯ ބެލުމެއްނޫނެވެ. ނަމަވެސް ވެރިކަން އޮތީ ހަގީގަތުގައިވެސް އާއްމު ރައްޔިތުންގެ އަތްމަތީގައިތޯ ބެލުމެވެ.

20 ޖެނުއަރީ 2017 ފާހަގަވެ ހަނދާން ކުރެވެމުންދާނީ އާއްމު މީސްތަކުން އަހަރުމެންގެ މިގައުމުގެ ވެރިކަން ހިންގާ މީހުންނަށް ވެގެން ދިޔަ ދުވަހުގެ ގޮތުގައެވެ.

އެމީހުންގެ މަތީން ހަނދާން ނައްތާލެވިފައިވާ އަހަރުމެންގެ ގައުމުގެ އަންހެނުންނާއި ފިރިހެނުންގެ މަތިން ދެނެއް ހަނދާން ނައްތާލެވިގެން ނުދާނެއެވެ.

ކޮންމެ މީހަކުވެސް، މިހާރު، ކަލޭމެންގެ ވާހަކަތައް ކަނުލައި އެބަ އަޑު އަހައެވެ.

ދަސް ދަސް މިލިޔަނުން ކަލޭމެން އައިސް، މީގެ ކުރިން، އެފަދަ ހަރަކާތެއް، ދުނިޔެ ދެކިފައިނުވާ ތާރީޚީ ހަރަކާތެއްގެ ތެރޭގައި ހިމެނޭ ބަޔަކަށް، ކަލޭމެން ވެގެން ހިނގައްޖެއެވެ.

މިހަރަކާތުގެ ނާރެސް ކަމުގައި ވަނީ ވަރަށްވެސް މުހިއްމު، ހިތުގައި ބިންވަޅު ނެގިފައިވާ ގަބޫލު ކުރެވުމެކެވެ. އެގަބޫލުކުރެވުމަކީ ގައުމެއް ވުޖޫދުގައި އޮތުމުގެ ބޭނުމަކީ އެގައުމުގެ މުވާތިނުންނަށް ޚިދުމަތް ކުރުމެވެ.

އެމެރިކާގެ މީހުން ބޭނުންވަނީ އެމީހުންގެ ކުދީންނަށް ރަގަޅު މޮޅެތި މަދަރުސާތައް ހުރުމެވެ. އެމީހުންގެ އާއިލާތަކަށް އަމާންކަން ލިބިފައިއޮތް އަވަށްޓެރި ހިސާބު ގަނޑެއް އޮތުމެވެ. އަދި، އެމީހުން މަސައްކަތް ކުރަން ރަގަޅު ވަޒީފާތަކެއް ލިބިފައި އޮތުމެވެ.

މިކަންކަމަށް އެދެވޭ އެދެވުމަކީ އިންސާފުގެ ހަމަތަކުން ބަލައިގަނެވޭ އަދި އެކަންކަން އެމީހުންނަށް ލިބިދޭން ޖެހޭކަން ބުއްދިވެސް ގަބޫލުކުރާ ހެޔޮލަފާ ބައެއްގެ އަދި ހެޔޮލަފާ ރައިއްޔިތެއްގެ އެދުންތަކެކެވެ.

ނަމަވެސް އަހަރުމެންގެ ވަރަށް ގިނަ މުވާތިނުންނަށް ކުރިމަތިލާން ޖެހިފައިވަނީ މުޅިން ތަފާތު އެހެން ވާގިއުއަކާ އެވެ. މައިންނާއި ޅަދަރީން ވަނީ އަހަރުމެންގެ ރަށްރަށުގެ އެތެރެވަރީގައި ފަގީރުކަމުގެ މަޅީގައި ޖެހިފައެވެ. ދަބަރު ޖަހައި ވީރާނާ ވެފައިވާ ފެކްޓަރީތައް، މަހާނަގާތަކެއް ފަދައިން، އަހަރުމެންގެ ގައުމުގެ ރަށްފުށުގެ ބިންތަކުގައި ފެތުރި ވިއްސިވިހާލިވެފައި ވެއެވެ. އަހަރުމެންގެ ތައުލީމީ ނިޒާމުވަނީ، އެ ނިޒާމު ހިންގާލުމަށް އެތައް ޚަރަދުތަކެއް ކުރެވިފައިވިޔަސް، އަހަރުމެންގެ ޅަ ޒުވާން ރަގަޅު ކުދިންތައް، އިލްމު އުނގެނުމުން، މަހުރޫމު ކޮށްފައެވެ. އަދި ޖަރީމާތަކާއި ގޭންގުތަކާއި ޑުރަގުގެ ވަބާވަނީ އެތައް އެތައް ފުރާނަތަކެއް ގެއްލުވާލައި ނެތިކޮށްލާފައެވެ. އަދި، ހަގީގީ ސިފަ އެކަމަށް ނުގެނެވިއޮތް (އެތައް އެތައް ބަޔެއްގެ) ގާބިލިއްޔަތާއި އެކަށޭނަކަން، އަހަރުމެންގެ ގައުމުން، ނިގުޅައިގެންފަ އެވެ.

އެމެރިކާގެ މި ލޭއޮހޮރުވުން މި ހިސާބުން ހުއްޓުވާލަމެވެ. ހަމަ މިވަގުތު ހުއްޓުވާލަމެވެ.

އަހަރުމެންނަކީ އެއް ބަޔެކެވެ. އެހެންވެ، އެމީހުންގެ ވޭނަކީ ހަމަ އަހަރުމެންގެ ވެސް ވޭނެވެ. އެމީހުން ދެކޭ ހުވަފެންތަކަކީ ހަމަ އަހަރުމެންވެސް ދެކޭ ހުވަފެންތަކެކެވެ. އެމީހުން ހޯދާ ކާމިޔާބީ ވާނީ ހަމަ އަހަރުމެންގެވެސް ކާމިޔާބީ އަކަށެވެ. އަހަރުމެން ހިއްސާ ކުރަނީ އެއް ހިތެކެވެ. އެއް ގެއެކެވެ. އަދި މަތިވެރިވެގެންވާ އެއް މަސީރެކެވެ.

މިއަދު، އަހަރެން ކުރާ ވެރިކަމުގެ މިހުވަޔަކީ ހުރިހާ އެމެރިކާނުންނަށް ތެދުވެރިވެ ހުންނާނޭ ކަމުގެ ހުވަޔެކެވެ.  

އެތައް އެތައް ދަސްއަހަރުތަކެއް ވަންދެން، އެމެރިކާގެ ސިނާއަތްތެރިކަމަށް އަޅާނުލައި، ބޭރުގައުމުތަކުގެ ސިނާއަތްތެރިކަން، އަހަރުމެން މުއްސަނދި ކޮށްދީފީމުއެވެ. އަދި އެހެން ގައުމުތަކުގެ ލަޝްކަރުތަކުގެ ޚަރަދުތައް ކުޑަކޮށްދީ ބަލަހައްޓައިފީމުއެވެ. އަހަރުމެންގެ އަސްކަރިއްޔާތު ހިތާމަވެރި ގޮތެއްގައި ނިކަމެތިވެ ދަށްވެގެން ދިޔުމަށް ދޫކޮށްލާފައެވެ. އަހަރުމެންގެ އަމިއްލަ ހުދޫދު ދިފާކުރުމުން މަނާވެގަނެ ވެސް، އެހެންގައުމުތަކުގެ ހުދޫދު އަހަރުމެން ދިފާއުކޮށްދެމެވެ. އަދި، އެމެރިކާގެ ތަހުތީބިނާ ހަލާކުވެ މަރާމާތު ނުކުރެވޭ ދަރަޖައަށް ވެއްޓިފައިވަނިކޮށް، (އެކަމާ އަޅާނުލައި) ބޭރު ގައުމުތަކަށް، ޓުރިލައަނުން ޓުރިލައަނުން ޑޮލަރު އަހަރުމެން ޚަރަދު ކުރީމެވެ.

އަހަރުމެން އެހެން ގައުމުތައް މުއްސަނދިކޮށްދީފީމު އެވެ. އަހަރުމެންގެ މުދަލާއި ބާރާއި އަދި އަހަރުމެންގެ ކެރުން ހޭދަވެ ގެއްލިގެން ދިޔައީ އަހަރުމެންގެ ރަށުގެ އުފުގުން ބޭރުގައި (އެހެން ގައުމުތަކުގަ)އެވެ.

(އަހަރުމެންގެ) ފެކްޓަރީތަކުގެ ދޮރުތައް، އެއްތަނަކަށް ފަހު އަނެއް ތަނެއް، ބަންދުކުރެވި، އަހަރުމެންގެ އައްސޭރިތައް ދޫކޮށް ހިނގައްޖެއެވެ. އެ ފެކްޓަރީތައް ވަޒީފާނެތިކޮށްފައި ދިޔަ އެތައް އެތެއް މިލިޔަން އެމެރިކާގެ މަސައްކަތު މީހުންނާމެދު ކުޑަވެސް ވިސްނުމެއް ފިކުރެއް ކޮށް ނުލައެވެ.

އިގުތިސާދީގޮތުން އަހަރުމެންގެ މެދު ފަންތީގެ މީހުންގެ މުދަލާއި މުއްސަނދިކަން އެމީހުންގެ ގެއިން ނަގައިގަނެވިގެން ގެންދެވިއްޖެއެވެ. އަދި އެމީހުންގެ މުދަލާއި މުއްސަނދިކަން މުޅި ދުނިޔޭގައި އަލުން ބަހާލެވުނެވެ.

ނަމަވެސް އެއީ މާޒީއެވެ. ދެން މިހާރު އަހަރުމެން ބަލަމުން ދާނީ ހަމަ އެކަނި މުސްތަގުބަލަށެވެ.

އަހަރުމެން މިއަދު މިތާ އެއްވެ ޖަމާވެފައި ތިބެ އާ އަމުރެއްގެ އަޑު އިއްވާލަމެވެ. ކޮންމެ ރަށެއްގައި، ކޮންމެ ބޭރު ގައުމެއްގެ ވެރިރަށުގައި އަދި ކޮންމެ ބާރުހިންގާ ހޯލެއްގައި ގުގުމައި ދިޔުމަށްޓަކައެވެ.

މިއަދުން ފެށިގެން، އަހަރުމެންގެ ބިމުގައި ވެރިކަން ހިނގަމުން އަންނާނީ މުޅިން އާ ތަސައްވުރެއްގެ މަތީންނެވެ.

މިއަދުން ފެށިގެން ކުރިއަށް ދާތަން ފެންނާނީ ހަމައެކަނި އެމެރިކާއަށް އިސްކަން ދިނުމުގެ ތަސައްވުރެވެ. އެމެރިކާއަށް އިސްކަން ދިނުމުގެ ތަސައްވުރެވެ.

ޓެކްސާއާއި ބެހޭ، ހިޖުރަކުރުމާ ބެހޭ، ޚާރިޖީ ކަންކަމާ ބެހޭ، މިހުރިހާ ކަންކަމަކާ ބެހޭ ކޮންމެ ގަރާރެއްމެ ކަނޑައަޅާލެވޭނީ އެމެރިކާގެ މަސައްކަތްތެރިންނަށާއި އެމެރިކާގެ އާއިލާތަކަށް ފައިދާވާގޮތަށެވެ.

އެހެން ގައުމުތައް، އަހަރުމެންގެ އުފެއްދުންތައް އުފެއްދުމުގެ އަސަރުތަކުންނާއި އަހަރުމެންގެ ކުންފުނިތައް ވަގަށް ގެންދިޔުމުންނާއި އަހަރުމެންގެ ވަޒީފާތައް ހަލާކުކޮށް ނެތިކޮށްލުމުނާއި މިކަންކަމުން، އަހަރުމެން އަހަރުމެންގެ ހުދޫދު ރައްކާކޮށް، ބަލަހައްޓަން ޖެހެއެވެ. މިފަދަ ރައްކާތެރިކުރުމުގެ ސަބަބުން އަހަރުމެންނަށް އިތުރު ފާގަތިކަމާއި ބާރު ލިބިދޭނެއެވެ.

އަހަރެން، އަހަރެންގެ އެންމެ ފަހުގެ ނޭވަޔަށް ދާންދެން ކަލޭމެންނަށްޓަކައި ގަދައަޅައި މަސައްކަތްކުރާނަމެވެ. އަދި ކަލޭމެންގެ ހައްގުތައް ހޯދައިދިނުމުގައި އަހަރެން ފަހަރެއްގައިވެސް ފަސްޖެހި ފޭލިވެގެން ނުދާނަމެވެ.

އެމެރިކާ އަނެއްކާވެސް ކާމިޔާބު ހޯދަން ފަށާނެއެވެ. މީގެ ކުރިން ދުވަހެއްގާވެސް ކާމިޔާބު ނުހޯދިފައިވާ ދަރަޖައަކަށެވެ.

އަހަރުމެންގެ ވަޒީފާތައް އަނބުރާ އަލުން ގެންނާނަމެވެ. އަހަރުމެންގެ ހުދޫދު އަހަރުމެން އަނބުރާ އަލުން ހޯދާނަމެވެ. އަހަރުމެންގެ މުދަލާއި މުއްސަނދިކަން އަބުރާ އަލުން ހޯދާނަމެވެ. އަދި އަހަރުމެން ދެކޭ ހުވަފެންތައް އަލުން އަނބަރުއި ހޯދައި ހަގީގަތަކަށް ހަދާލާނަމެވެ.

އަހަރުމެން މަގުތަކާއި މައިމަގުތައް، ފާލަންތަކާއި ވައިގެ ބަނަދަރުތައް، ނަފަގުތަކާއި ރޭލުގެމަގުތައް އަހަރުމެންގެ އަޖައިބުކުރުވަނިވި ގައުމުގެ ކަންކޮޅުތަކުގައި ބިނާ ކުރާނަމެވެ.

އަހަރުމެން، އަހަރުމެންގެ މީހުން، ދައުލުގެ ޚައިރާތުގެ ފައިސާއިން ދިރިއުޅުން ވޭތުކުރުމުން ބޭރުކޮށް، އެމީހުންނަށް މަސައްކަތް ކުރެވޭނޭ ގޮތް، ހަދައިދޭނަމެވެ. އަހަރުމެންގެ ގައުމު، އަހަރުމެންގެ އަމިއްލަ އަތުން، އަހަރުމެންގެ ހިތްވަރާއި މަސައްކަތުން، އަލުން ބިނާ ކުރަމުންނެވެ.

އަހަރުމެން ތަބާވަމުންގެންދާނީ ވަރަށް ސާދާސީދާ ދެ އުސޫލަކަށެވެ. އެމެރިކާގެ އުފެއްދުންތައް ގަތުމެވެ. އަދި އެމެރިކާގެ މީހުންނަށް އުޖޫރަދީ އެމީހުން ލައްވައި މަސައްކަތް ކުރުމެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގެ ރަހުމަތްތެރިކަމާއި އެގައުމުތަކުގެ ހެޔޮއެދުން އަހަރުމެން ހޯދަން މަސައްކަތްކުރާނަމެވެ. ނަމަވެސް މިކަން އަހަރުމެން ކުރާނީ ކޮންމެ ގައުމަކަށްވެސް އެމީހުންގެ އަމިއްލަފައިދާ އިސްކުރުމުގެ ހައްގު ލިބިގެންވާކަން ވިސްނި ގަބޫލުކުރެވިފައި ތިބެއެވެ.

އަހަރުމެންގެ ދިރިއުޅުމުގެ ގޮތް އެހެންމީހުންގެ މައްޗަށް ފަރުޟުކުރާކަށް އަހަރުމެން ބޭނުމެއްނޫނެވެ. ނަމަވެސް އަހަރުމެން މަސައްކަތް ކުރާނީ އަހަރުމެންގެ ދިރިއުޅުމުގެ ގޮތް، އެހެންމީހުން ތަބާވާން އޮތް، ވިދާ ދިރިހުރި މިސާލަކަށް ހެދުމަށްޓަކައެވެ.

އަހަރުމެންނާ ބޭރުގައުތަކާއި ދެމެދު އޮތް ކުރިއްސުރެވެސް އޮތް އެއްބައިވުންތަކަށް ތާއީދުކޮށް ބާރުދީ އަދި އެފަދައާ އެއްބައިވުންތައް ގާއިމުކުރާނަމެވެ. އަދި ހައްދުފަހަނައަޅައިފައިވާ އިސްލާމީ ނިރުބަވެރިކަމާ ދެކޮޅަށް ތަހުޒީބީ ދުނިޔެ އެއްބައިކުރުވައި އެ ނިރުބަވެރިކަން މުޅިދުނިޔޭގެ މޫނުމަތިން އެއްކޮށް ފޮހެލައި ނެތިކޮށްލާނަމެވެ.

އަހަރުމެންގެ ސިޔާސަތުގެ މުގުލުގައި އޮތީ އެކުވެރި ވިލާތުތަކުގެ އެމެރިކާއަށް އެއްކޮށް ވަލާއުދީ ވަފާތެރިވުމެވެ. އަދި އަހަރުމެންގެ ގައުމަށް، އަހަރުމެންވާ ވަފާތެރިވުމުގެ ތެރެއިން، އަހަރުމެން އެކަކު އަނެކަކަށްވެސް ވަފާތެރިވާން އަލުން ދަސްވާނެއެވެ.

ވަތަނިއްޔަތުގެ މަގަށް، ކަލޭމެންގެ ހިތްތައް ހުޅުވާލުމުން، އެކަކު އަނެކަކާ ދޭތެރޭ ޝައްކުކޮށް ނުބައި ހީކުރުންތައް ހީކުރުމަކަށް ޖާގައެއް ނޯންނާނެއެވެ.

އިންޖީލު އަހަރުމެންނަށް ބުނެދެނީ މިހެންނެވެ. "މާތްﷲގެ މީސްތަކުން އެކުވެ އެއްބައިވަންތަކަން މަތީ އުޅުމުން ކިހާ ހިތްގައިމު ވެފައި ރަގަޅުވާނެ ހެއްޔެވެ."
އަހަރުމެންގެ ހިތުގައި އޮތް އެއްޗެއް ފާޅުގައި ބުނަންވާނެއެވެ. އަހަރުމެންގެ ދެބަސްވުންތަކާ ބެހޭގޮތުން ތެދުވެރިކަމާއެކު ބަހުސްކުރަން ވާނެއެވެ. ނަމަވެސް އެއްބައިވެ އެކަތިގަނޑަކަންވެވޭތޯ އަބަދުވެސް އަހަރުމެން މަސައްކަތްކުރަން ވާނެއެވެ.

އެމެރިކާ އެއްބައިވެ އެކަތިގަނޑަކަށްވެއްޖެ ހިނދެއްގައި އެއްވެސްބަޔަކަށް އެމެރިކާ ނުހުއްޓުވޭނެއެވެ.

އެއްވެސް ބިރެއް ޖެހެލުންވުމެއް ނެތެވެ. އަހަރުމެންވަނީ ރައްކާތެރި ކުރެވިފައެވެ. އަދި އަބަދުވެސް އަހަރުމެންވާނީ ރައްކާތެރިކުރެވިގެންނެވެ.

އަހަރުމެންނަށް ރައްކާތެރިކަން ލިބިފައިވަނީ އަހަރުމެންގެ އަސްކަރިއްޔާތުގެ މަތިވެރި އަންހެނުންނާއި ފިރިހެނުންގެ ކިބައިންނެވެ. އަދި އަހަރުމެންގެ ގާނޫނު ހިންގާ ބާރުތަކުންނެވެ. އަދި، އެންމެ މުހިއްމީ އަހަރުމެންނަށް މާތްﷲގެ ކިބަފުޅުން ރައްކާތެރިކަން ލިބިފައިވުމެވެ.

ދެން އެންމެފަހުގެ ވާހަކައަށް އޮތީ އަހަރުމެން ބޮޑެތި ކަންތައްތައް ކުރުމަށް ވިސްނައި އަދި އެއްވުރެވެސް ބޮޑެތި ހުވަފެންތައް ދެކެންޖެހޭނޭކަމުގެ ވާހަކައެވެ.

ގައުމެއް ދިރިއޮންނާނީ ކަންކަން ހާސިލުކުރުމަށް މަސައްކަތް ކުރެވިގެންކަން، އެމެރިކާގައި، އަހަރުމެން ދަންނަމުއެވެ.

އެއްވެސް ކަމެއްނުކޮށް – އަބަދު ޝަކުވާކޮށް ކަންކަމުގެ ހައްލުހޯދަން މަސައްކަތްނުކުރާ-، ހުސް އަނގަތަޅާ ސިޔާސީވެރިން، ދެނެއް، އަހަރުމެން ބަލައެއް ނުގަންނާނަމެވެ.

ވައި އަނގަތެޅުމުގެ ވަގުތު ހިނގައްޖެއެވެ.

މިހާރު މިއޮތީ ކަން ކުރުމުގެ ވަގުތު އައިސްޖެހިފައެވެ.

ކަމެއް ނުކުރެވޭނެޔޭ ކަލޭމެންގެ ގާތުގައި ބުނަން، އެއްވެސް މީހަކަށް، ޖާގަދީގެން ނުވާނެއެވެ. އެމެރިކާއާއި ކުރިމަތިވާ އެއްވެސް ގޮންޖެހުމަކީ އެމެރިކާގެ ހިތާއި އެމެރިކާގެ މަސައްކަތްކުރަން ކެރުމާއި އަދި އެމެރިކާގެ ރޫހާއި ނުބައްދަލު އެއްޗަކަށް ނުވެއެވެ.

އަހަރުމެން ފޭލިވެގެން ނުދާނެއެވެ. އެމެރިކާއަށް އަލުން ކުރިއަރައި ކާމިޔާބު ލިބި، އެމެރިކާ މުއްސަނދިވެ، އެމެރިކާއަށް ފާގަތިކަން ލިބޭނެއެވެ.

އަހަރުމެން މިތިބީ އާ ސާސްކަފެއް ފެށޭ ހިސާބުގައެވެ. ފަޒާގެ ސިއްރުތައް ހޯދައިގަނެ، ބަލިތައް މެދުވެރިކުރުވާ ވޭނާއި ހިތާމަތަކުން ދުނިޔެ ސަލާމަތް ކޮށް، އަދި މާދަމާގެ ހަކަތަތަކާއި ސިނާއަތްތަކާއި ޓެކްނޮލޮޖީތަކުގެ ބާރުގެ ފައިދާ ހޯދުމަށް ތައްޔާރުވެގެންނެވެ. 

އަހަރުމެންގެ ގައުމާ މެދު ފަޚުރުވެރިވާ އާ ފަޚުރުވެރިވުމެއް އަހަރުމެންގެ ރޫހު ހިލުވާލައި އަހަރުމެންނަށް ދުރު ދައްކުވައި އަހަރުމެންގެ ތެރޭގައިވާ ބައިބައިވުންތަކުގެ ބައްޔަށް ޝިފާ ހޯދައިދޭނެއެވެ.

އަހަރުމެންގެ ސިފައިންގެ ދުވަސްވީ ހިކުމަތްތެރި ބަސްކޮޅެއްގެ މަތިން ހަނދާންކުރަންވީ ވަގުތު އައިސް ޖެހިއްޖެއެވެ. އަހަރުމެން ކަޅަސް ނުވަތަ އޮޅަލިވިޔަސް ނުވަތަ ދޮން ވިޔަސް އަހަރުމެންގެ ގައިން އޮހޮރެނީ ހަމަ ގައުމު ދެކެ ލޯބިވާ މީހުންގެ ރަތްކުލައިގެ ލެއެވެ. އަހަރުމެން އެންމެންނަށްވެސް މަތިވެރިވެގެންވާ އެތައް މިނިވަންކަމެއް ލިބިފައި އެބަ އޮތެވެ. އަދި އަހަރުމެން އެންމެންވެސް ސަލާން ކުރަނީ ހަމަ އެމެރިކާގެ މަތިވެރި އެއް ދިދައަކަށެވެ.

އެހެންވެ، ކުއްޖަކު އުފަންވަނީ ފެތުރިފައިވާ ޑިޓްރޮއިޓް ސިޓީގައިވިޔަސް ނުވަތަ ގަދަވައިރޯޅިއަށް ހުށަހެޅޭ ނެބްރާސްކާގެ ތިރިބިންތަކުގައި ކަމަށް ވިޔަސް، (ސިޓީއެއްގައި ނުވަތަ ރަށްފުށުގައި ކަމަށް ވިޔަސް)، އެކުދިންނަށް ރޭގަނޑުގައި ފެންނާނީ ހަމަ އެއް އުޑެކެވެ. އެކުދިންގެ ހިތްތައް ފުރާލެވޭނީ ހަމަ އެއްކަހަލަ ހުވަފެންތަކަކުންނެވެ. އެކުދިންގެ ފުރާނަ އަޅުއްވައި އެކުދިންނަށް ދިރުން ދެއްވަނީ ހަމަ އަރަހުށި އެއް ޚާލިގުވަންތަ ފަރާތަކުންނެވެ.

އެހެންވެ، އެމެރިކާގެ ހުރިހާ އެންމެން - ކައިރިއާއި ދުރުގެ ރަށްތަކުގައިވާ މީހުންނާއި އަދި ކުދި ބޮޑު ހުރިހާ ރަށެއްގައިވާ މީހުންނާއި، މިފަރުބަދައާއި އެފަރުބަދައިގެ ދެމެދުގައިވާ  މީހުންނާއި އަދި މިކަނޑާއި އެކަނޑުގެ ދެމެދުގައިވާ މީހުންވެސް - މިވާހަކަ ކޮޅު އަޑުއަހާށެވެ.

ދެން ދުވަހަކުވެސް، ކަލޭމެންނާ އަޅާނުލައި ދޫކޮށެއް ނުލާނަމެވެ.

ކަލޭމެންގެ އަޑާއި ކަލޭމެންގެ އުއްމީދުތަކާއި ކަލޭމެންގެ ހުވަފެންތައް ވެގެންދާނީ އެމެރިކާގެ މަސީރު ކަނޑައަޅައިދޭ ކަންތަކަށެވެ. އަދި ކަލާމެންގެ ހިތްވަރާއި ކަލޭމެންގެ ހެޔޮލަފާކަމާއި ކަލޭމެންގެ ލޯބި، އަބަދުވެސް އަހަރުމެންނަށް (މި މަސީރު ކަނޑައެޅުމުގެ) މަގުގައި ހިނގަމުންދާއިރު އެމަގު އަލިކޮށްދޭނެއެވެ.

އަހަރުމެން އެންމެން އެކުވެގެން އެމެރިކާ އަލުން ބާރުގަދަ ތަނަކަށް ހަދާނަމެވެ.

އަހަރުމެން އެމެރިކާ މުދާވެރިކޮށް މުއްސަނދިތަނަކަށް އަލުން ހަދާނަމެވެ.

އަހަރުމެން އަލުން އެމެރިކާ ފަޚުރުވެރި ކުރުވާނަމެވެ.

އަހަރުމެން އެމެރިކާ އަމާން ތަނަކަށް އަލުން ހަދާނަމެވެ.

އާނއެކެވެ! އަދި އަހަރުމެން އެންމެން އެކުވެގެން އެމެރިކާއަކީ މަތިވެރިވެގެންވާ ތަނަކަށް އަލުން ހަދާނަމެވެ.

ޝުކުރިއްޔާ! މާތްﷲ ކަލޭމެންނަށް ރަހުމަތްލައްވައި ނިއުމަތް ދެއްވާށި! މާތްﷲ އެމެރިކާއަށް ރަހުމަތްލައްވައި ނިއުމަތް ދެއްވާށި! ޝުކުރިއްޔާ! މާތްﷲ އެމެރިކާއަށް ރަހުމަތްލައްވައި ނިއުމަތް ދެއްވާށި!

ޑޮކްޓަރ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
ޑޮކްޓަރ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ތަފާތު މަވްޟޫޢުތަކަށް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ. ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް ކަމުގައިވާ އަލްމަރްޙޫމް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދުގެ ދަރިކަލެކެވެ. މާލޭގައި ތަޢުލީމު ހާސިލު ކުރެއްވުމަށް ފަހު އޭނާ ފުރަތަމަ ޑިގްރީ ނެންގެވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީން މާސްޓަރސް ޑިގްރީ ހާސިލު ކުރެއްވުމަށް ފަހު ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީންނެވެ. އޭނާ ދިރި އުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތް ކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވާށެވެ.

1 ޚިޔާލު

  1. ޓްރަމްޕްގެ ތަގުރީރުގަ ނިންމާލަމުން އޭނަ ބުނަނީ މިހެން، "god bless you god bless america" (ގޯޑް ބްލެސް ޔޫ، ގޯޑް ބްލެސް އެމެރިކާ) އަޅެ ފަހެ ތަރުޖަމާ ކުރި މީހާ ބުނެ ދީފާނަންތަ އެ ބުނާ ގޯޑް އަކީ ހަމަ ހަގީގަތުގައިވެސް މާތް ﷲ ގެ ވާހަކަތަ؟ ކީކޭ ދެން ބުނާނީ ބައެއް ދިވެހީންނަށް ވެފަ މިތިބަ ގޮތަކާއި މެދު ހަމަ އަންތަރީސް ވާވަރުވޭ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.