ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ ކަމަށްވާ ފުވައްމުލަކު ސިޓީއާއި އައްޑޫސިޓީއަށް ޔެލޯއެލާޓު ނެރެފިއެވެ. އެ ދެސިޓީއަށް ޔެލޯއެލާޓު ނެރުނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. ޔެލޯ އެލާޓު ނެރެފައިވަނީ މިރޭ 22:50 އިން 1:00 އަށެވެ.
މީގެ އިތުރުން މެޓު އޮފީހުންވަނީ މުޅި ރާއްޖެއަށް ވައިޓު އެލާޓު ވެސް ނެރެފައެވެ. ވައިޓު އެލާޓު ނެރުނީ މުޅި ރާއްޖެއަށް އުދައަރާނެ ކަމަށް ލަފާ ކުރެވޭތީއެވެ. ވައިޓު އެލާޓު ނެރެފައިވަނީ މިރޭ 12:00 އިން 3:00 އަށެވެ.
ރާއްޖޭގެ އާންމު މޫސުމަށް ބަލާއިރު މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ އެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށް މެޓުން ވިދާޅުވެފައިވެއެވެ.
އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 06 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މެދުތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވިދާޅުވެފައިވެއެވެ. ކަނޑު ދަތުރު ކުރައްވާ ފަރާއްތަކުން މޫސުމަށް ސަމާލުވުމަކީ އެދެވިގެންވާ ކަމެއް ކަމަށް ވެސް މެޓުން ވިދާޅުވެފައިވެއެވެ.
ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.