ދުނިޔޭގެ އެންމެ ބޮޑު "ޑްރަގް ލޯޑް" ގެ މައްޗަށް ދަޢުވާ އުފުލައިފި

ދުނިޔޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ، ޑްރަގް ޓްރެފިކް ކުރުމުގެ އޮޕަރޭޝަން ހިންގި ކަމުގެ ދައުވާ ، މަޝްހޫރު   "ޑްރަގްލޯޑް " އަލްޗަޕޯ ގެމައްޗަށް އެމެރިކާގެ ކޯޓެއްގައި  އުފުލައިފިއެވެ. ނަމަވެސް އޭނާވަނީ ދައުވާޔަށް އިންކާރު ކޮށްފައެވެ. އެމެރިކާގެ ޕްރޮސެކިއުޓަރުން ވަނީ އޭނާގެ މުދާ ނުވަތަ "އެސެޓުން" ސާދަ ބިލިއަން ޑޮލަރު ހިފެހެއްޓުމުގެ އަމުރަކަށް ވެސް އެދިފައެވެ .

"އަލްޗަޕޯ" ވަނީ ދެހާސްފަނަރަ ވަނަ އަހަރު ، މެކްސިކޯގެ ހައިސެކިއުރިޓީ ޖަލެއްގަ ބަހައްޓާފަހުއްޓާ ، ބިމުއަޑިން މަގެއް ކޮނެގެން ފިލާފައެވެ. ދެހާސް ސޯޅަވަނަ އަހަރު އޭނާ އަލުން ހައްޔަރު ކުރެވުނު ތާރީހުން ފެށިގެންވެސް އޭނާގެންދިޔައީ ޝަރީއަތަށް އެމެރިކާއަށް ނުގެންދާނެ ގޮތެއް އޮތްތޯ ބަލަމުންނެވެ.

"އަލްޗަޕޯ" އަކީ ފާއިތުވި ވިއްސަކަށް އަހަރުވެސް އެމެރިކާގެ ފެޑަރަލް އިދާރާތަކުން ހޯދަމުންދާ މީހެކެވެ.

އޭނާ މެކްސިކޯއިން އެމެރިކާއަށް ގެންދެވުނީ ހުކުރު ދުވަހުއެވެ. އޭނާގެ މައްޗަށް ނިއުޔޯކްގެ ކޯޓެއްގައި ސަތާރަކަމެއްގެ މައްޗަށް ދައުވާ އުފުލިފައިވެއެވެ. އޭގެތެރޭގައި ޑްރަގް ޓްރެފިކް ކުރުމާއި ލައިސަންސް ނެތި ހަތިޔާރުގެންގުޅުމާއި ، މަނީ ލޯންޑަރިން  އަދި އެއްގައުމުން އަނެއް ގައުމަށް ފައިސާ ސްމަގްލް ކުރުން ހިމެނެއެވެ.

ދައުވާ އިއްވަމުން އެމެރިކާގެ އެޓާނީ ރޮބަޓް ކޭޕަރސް ވިދާޅުވީ މުޖްރިމެއްގެ ދިރިއުޅުން ނޫން ދިރިއުޅުމެއް އޭނާ ދެކެފައިނުވާކަމަށާ މިގޮތުން މީހުން މެރުމާ ލޭއޮހޮރުވުން އަދި ހަރުކަށިކަން މިއީ އޭނާގެ ހަޔާތުގެ ބަޔެއްކަމަށާ ، މިކަމުގެ ޒިންމާ މިއަދު އޭނާ އުފުލާ މިކަންކަމަށް ޖަވާބުދާރީ ވާންޖެހޭނެ ކަމުގައެވެ.

"އަލްޗަޕޯ" ގެ މައްޗަށް ކުށްސާބިތުވެއްޖެ ނަމަ މައާފެއްނެތް ގޮތަށް އުމުރު ދުވަހަށް ޖަލަށް ލެވޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.