ޑޮނަލްޑް ޖޭ. ޓްރަމްޕް އެމެރިކާގެ ރައީސް ކަމުގެ ހުވައި ކުރައްވައިފި

ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހުގެ ރޭ މާލޭ ގަޑިން 10 ޖެހި އިރު ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ. ޓްރަމްޕް އަކީ އެމެރިކާގެ 45 ވަނަ ރައީސެވެ. ރައީސް ކަމުގެ ހުވައި ކުރެއްވުމަށް ފަހު ރައީސް ޓްރަމްޕް ދެއްކެވި ވާހަކަފުޅު ފެއްޓެވީވެސް ރައީސް އޮބާމާގެ ސަރުކާރަށް ނުސީދާކޮށް ފާޑު ވިދާޅުވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި މިއަދަކީ ބާރުތައް ވޮޝިންގޓަނުން، ސީދާ ރައްޔިތުންނަށް ނަގުލުވީ ދުވަހެކެވެ. (އޮބާމާގެ ސަރުކާރުގައި) ވެރިރަށް ވޮޝިންގޓަން ތަރައްގީ ވިއެވެ. މުއްސަނދި ވިއެވެ. އެކަމަކު އާއްމު ރައްޔިތުން ފަގީރުވީއެވެ. ބިކަވީއެވެ. ކަރުޚާނާތައް ބަންދު ވީއެވެ.

"ގައުމުގެ ވެރި ރަށުގެ މަދު ބަޔަކު ސަރުކާރުގެ ފައިދާ މާ ގިނަ ދުވަސް ވާންދެން ނަގައިފި. އެ ފައިދާ އަގު އދާ ކުރަމުން ދިޔައީ އާދައިގެ ރައްޔިތުން." ޓްރަމްޕް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރު ގެންދިޔައީ ހަމައެކަނި ސަރުކާރުގެ ދިފާޢުގައި ފިޔަވަޅު އަޅަމުންނެވެ. ރައްޔިތުންގެ ނުވަތަ ގައުމުގެ ރައްކާތެރި ކަމަށްޓަކައި ކަމެއް ނުކުރެއެވެ. "އެބައި މީހުންގެ ކާމިޔާބީ އަކީ ތިޔަބޭފުޅުންގެ ކާމިޔާބީއެއް ނޫން. އެބައި މީހުންގެ ކުރިއެރުމަކީ ތިޔަބޭފުޅުންގެ ކުރިއެރުމެއް ނޫން. އަޅުގަނޑުމެންގެ ގައުމުގެ ވެރިރަށުގައި އެ މީހުން (ކާމިޔާބީތައް) ފާހަގަ ކުރަމުން ދިޔައިރު ގައުމުގެ އެތަންމިތާނގައި ނިކަމެތިކަމާއެކު ދިރިއުޅެމުން އައި ރައްޔިތުން ފާހަގަ ކުރާނޭ ކަމެއް ނެތް."

ރައީސް ޓްރަމްޕް "ޕީޕަލް އޮފް ދަ ވޯލްޑް" ނުވަތަ ދުނިޔޭގެ ރައްޔިތުންނޭ ވިދާޅުވެ ފެއްޓެވި ވާހަކަފުޅުގައި އެމެރިކާއާއި ދުނިޔޭގެ މިސްރާބު ކަނޑައަޅާނީ އެމެރިކާއިން ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ވަޒީފާތައް ހޯއްދަވައި ދެއްވާނެ ކަމަށާއި، އެމެރިކާގެ ކާމިޔާބީ އަލުން އިއާދަ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އުސޫލުތައް އެހެން ބައެއްގެ މައްޗަށް ގަދަކަމުން ވެރި ކުރުވާކަށް އަޅުގަނޑުމެން މަސައްކަތެއް ނުކުރާނަން. އަޅުގަނޑުމެންގެ ގޮތްތައް ރީތި ވެގެން މީހުން އެ ގޮތްތަކަށް އެނބުރޭ ވަރަށް އަޅުގަނޑުމެންގެ ގޮތްތައް އޮފު އަރުވާނަން." ޓްރަމްޕް ވިދާޅުވިއެވެ. އެހެން ގައުމުތަކާއެކު ހިތްހެޔޮކަމާއެކު ރަހުމަތްތެރިކަން ގާއިމު ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށާއި، އެހެންނަމަވެސް ކޮންމެ ގައުމަކުންވެސް އިސްކަން ދޭނީ އެ ގައުމެއްގެ މަސްލަހަތަށް ކަން އަބަދުވެސް ހަނދުމަފުޅު ބަހައްޓަވާނޭ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވިއެވެ.

އަދި ހަމައެކަނި ވާހަކަ ދައްކާ ސިޔާސަތުދާނުން ބޭނުންފުޅު ނޫން ކަމަށާއި، އެއްވެސް ފިޔަވަޅެއް ނާޅައި ތާއަބަދު ޝަކުވާ ކުރުން މަތީ ދެމިތިބޭ މީސްމީހުން ކައިރި ނުކުރައްވާނޭ ކަމަށްވެސް ވިދާޅުވިއެވެ.

މިހައި ތަނަށް އެކަހެރި ކޮށްފައި ތިބި އާއްމު ރައްޔިތުން އެކަހެރި ކޮށްފައި ތިބި ތިބުމަށް ނިމުމެއް އައީ ކަމަށާއި މިއަދުން ފެށިގެން އަޅުގަނޑުމެން ފާހަގަ ކުރާނީ ރައްޔިތުންގެ ކާމިޔާބީ ކަމަށްވެސް ޓްރަޕްމް ވިދާޅުވިއެވެ. އަދި ކޮންމެ ޕާޓީއެއް ވެރިކަމުގައި އޮތް ކަމުގައި ވިޔަސް މިއަދުން ފެށިގެން ސަރުކާރު ކޮންޓްރޯލު ކުރާނީ ރައްޔިތުން ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އިސްލާމީ ހަރުކަށި ފިކުރުގެ ނިރުބަވެރި ހަރަކާތްތައް ދުނިޔޭގެ ބިމުން ފުހެލައްވާނޭ ކަމަށާއި، އެންމެ ފަހުގެ ނޭވަޔާ ހަމަޔަށް އެމެރިކާގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް÷ޕުޅު ކުރެއްވުމުގައި ދެމިހުންނަވާނޭ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

"(އަމަލެއް ނުކޮށް ތިބެ) ހަމައެކަނި ވާހަކަ ދެއްކުމަށް ނިމުމެއް އައީ. ވާހަކަތަކަށް އަމަލީ ސިފަ ގެނައުމުގެ ވަގުތު ޖެހުނީ." އެ މަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.