ޗައިނާއިން ފެނުނު ނޭވާލާ ނިޒާމަށްޖެހޭ ބަލިން ރައްކާތެރިވުމަށް ރާއްޖެއިން ފިޔަވަޅު އަޅަންފަށައިފި

ޗައިނާއިން ފެނުނު ނޭވާލާ ނިޒާމަށްޖެހޭ ބަލިން ރައްކާތެރިވުމަށް ރާއްޖެއިން ފިޔަވަޅު އަޅަންފަށައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗުޕީއޭ) އިން ނެރެފައިވާ ނޫސްބަޔަނެއްގައި ވިދާޅުވެފައިވަނީ ޗައިނާގައި ފެތުރެމުންދަނީ ނޮވެލް ކޮރޯނާ ވައިރަހުން ޖެހޭ ބައްޔެއް ކަމަށެވެ.

އެބަލި ޗައިނާގެ ވުހާން ސިޓީގައި އެ ބަލި ފެތުރެން ފަށައިފައިވަނީ ހުސްވި ޑިސެމްބަރު މަހުން ފެށިގެންނެވެ. އެހިސާބުން ފެށިގެން މިހިނގާ ޖެނުއަރީ 20 ހަމައަށް 142 މީހެއްގެ ގައިން އެބަލިވަނީ ފެނިފައެވެ. މިހާތަނަށް ދެ މީހަކު ވަނި އެބަލީގައި މަރުވެފައި ކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދީފައިވާ ކަމަށް އެޗުޕީއޭ އިން ވިދާޅުވެފައިވެއެވެ.

އެތަނުން ވިދާޅުވެފައިވަނީ ރާއްޖެ އަށް ވެސް އެ ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ލަފާދީފައިވާ ކަމަށެވެ. އެހިސާބުން އެބަލިން ރައްކާތެރިވުމުގެ ފިޔަވަޅު އަޅަމުންދާ ކަމަށް ބުނެފައިވެއެވެ.

ޖަޕާނާއި ތައިލެންޑުގެ މިބަލި ފެނިފައިވާ ކަމަށް ވެސް އެބަޔާނުގައިވެއެވެ. އެގޮތުން ތައިލެންޑުން ދެ މީހަކާއި ޖަޕާނުން އެކަކު ފެނިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. މިބަލި އަރަނީ ސީފުޑު ނުވަތަ ޖަނަވާރުން އަރާ ޖަރާސީމަކުން ކަމަށް ލަފާކޮށްފައިވާ ކަމަށް އެބަޔާނުގައިވެއެވެ.

އެބަލިން ރައްކާތެރިވުމަށްޓަކައި ޗައިނާއަށް ދަތުރުކުރިޔަސް ދޫނިސޫފާ ސޫފި އަދި ޖަނަވާރު ގެންގުޅެ، ވިއްކާ އަދި ކަތިލާ ތަންތަނަށް ނުދިއުމަށާއި ބަލިމީހުންނާ ކައިރިނުވުމަށް ނުވަތަ އެމީހުންނާއެކީ ނޫޅުމަށާއި ސައިބޯނި ލައިގެން ގިނައިން އަތްދޮވުމަށް އިރުޝާދު ދެއްވާފައިވެއެވެ. އޭގެ އިތުރަށް ކެއްސާ އަދި ކިނބިހި އަޅާއިރު ޓިޝޫއެއް ފަދަ އެއްޗަކުން ރަނގަޅަށް ނޭފަތާއި އަނގަ ނިވާކުރުމަށް އިރުޝާދު ދެއްވާފައި ވެއެވެ. އަދި ޓީޝޫ ބޭނުން ކުރުމަށްފަހު ޑަސްބިން އަށް އެއްލާލުމަށް ވެސް އިރުޝާދުދީފައިވެއެވެ.

އެޗުޕީއޭއިން ބުނެފައިވަނީ މިބަލި ފެތުރޭ ހިސާބަށް ދަތުރުކޮށްފައިވާ މީހުންގެ ތެރެއިން ނޭވާލާން އުނދަގޫވުން ފަދަ އަލާމާތެއް ފެންނަ ކަމަށްވާނަމަ މާސްކު އަޅައިގެން އުޅުމަށާއި ސިއްހީ ޚިދުމަތެއް ހޯދަންނޫން އެހެން އެއްވެސް ކަމެއްގައި ބޭރަށް ނުނިކުތުމަށެވެ.

އޭގެ އިތުރަށް ފާއިތުވި 14 ދުވަހު އެފަދަ ގައުމަކަށް ދަތުރުކޮށްފައިވާ ގައުމުތަކާއު ޓްރާންސިޓުކޮށްފައިވާ ގައުމުތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް އެޗުޕީއޭ އިން ވިދާޅުވެފައިވެއެވެ. މިބަލިން ރައްކާތެރިވުމަށް ޑަބްލިޔުއެޗުއޯގެ ލަފާގެ މަތީން އިތުރުފިޔަވަޅުއަޅުއްވާނެ ކަމަށް ވެސް އެޗުޕީއޭއިން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.