ކެތުލެބުގައި ސާޖިކަލް ފެސިލިޓީސް އިތުރުކޮށް ހިތުގެ ޓްރާންސްޕްލާންޓް ހެދޭ ވަރަށް ތަރައްގީ ކުރަނީ

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) ގައި ގާއިމް ކޮށްފައިވާ ކެތުލެބުގައި ދެން ކުރިއަށްއޮތީ އެތަނުގައި ސާޖިކަލް ފެސިލިޓީސް އިތުރުކޮށް ހިތުގެ ޓްރާންސްޕްލާންޓް ހެދޭ ވަރަށް ތަރައްގީ ކުރުން ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އައިޖީއެމްޗުގެ ސީނިއަރ ކޮންސަލްޓެންޓް އިންޓަރވެންޝަނަލް ކާޑިއެލޮޖިސްޓް ޑރ. ޢަލީ ޝަފީގު ވިދާޅުވީ އެ ޚިދުމަތް ތަޢާރަފު ކުރުމުން ދިވެހީންނަށް ވަރަށްބޮޑަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކެތުލެބު ހުޅުވުމަށްފަހު މިހާތަނަށް ފަސްހާހަށްވުރެ ގިނަމީހުން އެތަނުން ފަރުވާ ހޯދައިފައިވާ ކަމަށެވެ. ކުރިއަތް އޮތްނުގައި އެތަނުގެ ޚިދުމަތްތައް އިތުރުކޮށް ފުޅާވެގެންދާނެ ކަމަށެވެ. ޑރ. ޢަލީ ޝަފީގު ވިދާޅުވީ ހާޓު ޓްރާންސްޕްލާންޓަށް ދާނީ ފަޅާނުލާ ކުރާ އޮޕަރޭޝަންތައް ތަޢާރަފް ކުރުމަށްފަހު ކަމަށެވެ. އެ އެޕަރޭޝަން ވެސް މިއަހަރު ތެރޭގައި ފަށާނެ ކަމަށް އައިޖީއެމްއެޗުން ވިދާޅުވިއެވެ.

ޢަލީ ޝަފީގު ވިދާޅުވީ ކެތުލެބު ހުޅުވުނު ފަހުން ލިބިފައިވާ އެންމެބޮޑު ކާމިޔާބެއް ކަމަށް ދެކެވަޑައިންގަންނަވަނީ ހާޓުއެޓޭކުޖެހުގެން އެތަނަށް ގެންދާ ގިނަ މީހުންގެ ފުރާނަ ސަލާމަތް ކުރެވުން ކަމަށެވެ. ފާއިތުވި ތިން އަހަރުތެރޭގައި ހާޓުއެޓޭކު ޖެހިގެން އެ ތަނަށްވަނީ ދެހާސް މީހުން ގެންގޮސްފައެވެ. އޭގެ ތެރެއިން ފުރާނަ ސަލާމަތް ނުކުރެވުނީ އެންމެ ދެމީހެއްގެއެވެ. ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް އެ ހޮސްޕިޓަލަށް ހަފްތާއަކު 4 ވަރަކަށް މީހުން އަންނަ ކަމަށް އަލީ ޝަފީގު ވިދާޅުވިއެވެ. އެތަނުގައި އޮޕަރޭޝަން ކުރެވެން އަދިނެތެވެ. އެހެންނަމަވެސް ސަރުކާރުން މަސައްކަތް ކުރައްވަނީ މިއަހަރު އެ ޚިދުމަތް ފެށުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކެތުލެބުގެ ސުޕަރ ސްޕެޝަލިސްޓު ޑރ. ޕްރަތާބު ވިދާޅުވީ އެތަނުން މަސައްކަތް ކުރަމުން ގެންދަނީ މިސަރަހައްދުގެ ގައުމުތަކާ އެއް ހަމައަކަށް އައުމަށް ކަމަށެވެ. އެގޮތުން އޮޕަރޭޝަން ކޮށްގެން މެނުވީ ނުދެވޭ ފަރުވާ ކެތީޓަރގެ އެހީގައި ނުވަތަ ފަޅާނުލައި ދޭން ފަށަން މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ. އެ އީއީ ފަޅައިލައިގެން ދޭ ފަރުވާއަށްވުރެ ރިސްކުކުޑަ ކަމެކެވެ. މި ފަރުވާ ރާއްޖޭގައި ފެށުމުން އެކަން ވެގެންދަނީ އެޚިދުމަތް މިސަރަހައްދުގައިދޭ ދެވަނަ ގައުމަށެވެ. ފުރަތަމަ ގައުމަކީ އިންޑިއާއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.