ގެއްލުވާލައިފައިވާ މީހުންނާއި މަރާލައިފައިވާ މީހުންގެ މައްސަލަތައް ބަލާނެ ކޮމިޝަނެއް އުފެއްދެވުމަކުން ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވައުދު ފުރިހަމައެއް ނުވާކަމަށް ގެއްލުވާލައިފައިވާ އަހުމަދު ރިޟުވާނާއި، މަރާލައިފައިވާ ޔާމީން ރަޝީދުގެ އާއިލާއިން ބުނެފިއެވެ.
ރައީސަށް އެ ދެއާއިލާއިން ފޮނުވާފައިވާ ހުޅުވާލެވިފައިވާ ސިޓީއެއްގައި ވަނީ ކޮމިޝަން އުފެއްދި ފަހުން ވެސް އަހަރު ދުވަސް ވެގެންދިޔައިރު އެ ދެ މައްސަލަ އޮތް ހިސާބެއް ނޭނގޭ ކަމަށެވެ. އެންމެފަހުން ލިބިފައިވާ ޚަބަރަކީ މައްސަލަ އަލުން ތަހުގީގު ކުރަން އަނބުރާ ފޮނުވާލި ވާހަކަ ކަމަށާއި އެއްވެސް މުއައްސަސާއަކުން އެކަމާބެހޭ މައުލޫމަތެއް ދެ އާއިލާއާ ވެސް ހިއްސާ ކޮށްފައި ނުވާކަމަށެވެ.
އެސިޓީގައިވަނީ ރައީސަށް ވަރުގަދަ ސުވާލެއް ވެސް ކުރިމަތި ކުރުވައިފައެވެ. އެއީ އެތައްހާސް ދިވެހި ރައްޔިތުންގެ ކުރިމަތީގައި ޔާމީނާއި ރިޟުވާނާ ބެހޭ ގޮތުން ރައީސް ވެވަޑައިގެންނެވި ވައުދުތަކަށް މިވަނީ ކީއްތޯ ބުނެ ކޮށްފައިވާ ސުވާލެވެ. "8 ސެޕްޓެމްބަރު 2018 ވަނަ ދުވަހުގެރޭ އެތައްހާސް ދިވެހިރައްޔިތުންގެ ކުރިމަތީގައި އަޅުގަނޑުމެންގެ ދެއާއިލާއާ މުޅި އުމުރަށް ވަކިކޮށްފައިވާ އަޅުގަނޑުމެންގެ ލޮބުވެތި ކޮއްކޮ އަހުމަދު ރިޟުވާނާއި ޔާމީން ރަޝީދުގެ ނަން ވިދާޅުވެ ލޯފުޅުން ކަރުނަފޮދު އޮއްސަވަމުން ވެވަޑައިގެންނެވި ވައުދުތަކަށް މިވަނީ ކިހިނެއްތޯއެވެ؟" ހުޅުވާލައިފައިވާ ސިޓީގައި ބުނެފައިވެއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް އެޑުރެސް ކުރައްވައި ލިޔެފައިވާ އެސިޓީގައި ބުނެފައިވަނީ ހުޅުވާލެވިފައިވާ އެފަދަ ސިޓީއެއް ރައީސަށް ފޮނުވަން ޖެހުމަކީ ހިތާކުރާ ކަމެއް ކަމަށާއި ކުރިން އުންމީދު ވެސް ކޮށްފައިވާ ކަމެއް ނޫންކަމަށެވެ. "އެހެންނަމަވެސް މަނިކުފާނު ދިވެހިރާއްޖޭގެ ވެރިކަމަށް އިސްނަންގަވައިގެން އަޅުގަނޑުމެންނަށް ވެވަޑައިގެންނެވި ވައުދުތަކާއި ޒަޢާމަތަށް އަހަރު ދުވަހަށްވުރެ ގިނަވެގެންދިޔައިރުގައި ކަންތައްތައް ހިނގަމުންދާ ގޮތް ފެނުމުން އަޅުގަނޑުމެން ނިކަމެތި ހިތްތަކުގައި ހިނގަމުންދާ ޝުއޫރުތައް ހިއްސާކުރަން މަޖުބޫރުވީއެވެ." އެ ސިޓީގައި ވެއެވެ.
ރިޟުވާނާއި ޔާމީންއާ ބެހޭގޮތުން ރައީސް ވެވަޑައިގެންނެވި ވަޢުދުފުޅުތަކުގެ ސަބަބުން ދެ އާއިލާއަށް ވެސް އުންމީދު ތަކެއް ލިބިގެންދިޔަ ކަމަށާއި އެހެންނަމަވެސް މިއަދު ފެންނަމުންދަނީ ހިތާމަވެރި އެ ދެހާދިސާ ވެސް ސިޔާސީ ކަމަކަށްވެފައިވާތަން ކަމަށެވެ. ރައީސް އެވިދާޅުވި ބަސްފުޅުތަކަކީ ވޯޓު ހޯއްދަވަން ވިދާޅުވި ބަސްފުޅުތަކެއްގެ ގޮތަށް މިހާރު ބަދަލުވެފައިވާ ކަމަށް ވެސް އެސިޓީގައި ބުނެފައިވެއެވެ. އެހެން ބުނަންޖެހޭ އެތައް ސަބަބެއް އެބަހުރި ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެއެވެ.
"މަނިކުފާނާއި ދިވެހިރައްޔިތުންނަށްވެސް އެނގި ވަޑައިގަންނަވާނެ އެއްކަމަކީ ރިޟްވާނާއި ޔާމީން ރަޝީދުގެ ޝިކާރަވެރީންގެ ތެރޭގައި ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ބަޔަކާއި ސިޔާސީ ނުފޫޒު އޭގެތެރެއަށް ވަދެފައި އޮތްކަމެވެ. ސިޔާސީ ނުފޫޒު އޮތްކަން އެނގެނީ މޯލްޑިވްސް ޕޮލިސް ސާވިސަސްއިން ފުރަތަމަ ދުވަހުން ފެށިގެން އެ ދެކުދިންގެ މައްސަލައިގައިވެސް އަމަލުކޮށްފައިވާ ގޮތުންނެވެ. 2018 ވަނަ އަހަރު ވެރިކަން ބަދަލުވި އިރު އެއްވެސް މައްސަލައެއްގައި އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނެތުމަކީ ފުލުހުންގެ މުއައްސަސާއާ މެދުގައި ސުވާލު އުފެދިފައިވާ ކަމެކެވެ." އެސިޓީގައި ވެއެވެ.
އެސިޓީގައި ބުނެފައިވަނީ ސަރުކާރަށް އެކަމެއް ނުވިކަމަށާއި ކުރިން ވެސް ދެއާއިލާއިން އެދިފައިވާގޮތަށް ރާއްޖެއިން ބޭރުގެ އެހީތެރިކަން މިކަމުގައި ހޯދުމަށް އަނެއްކާ ވެސް ހުށަހަޅުއްވާ ކަމަށެވެ. ރާއްޖެއިން ބޭރުން އެކަން ކުރުމަށް ޚިޔާރު ކުރައްވަންވާނީ ވަކިފަރާތަކަށް ނުޖެހޭ ބައެއް ކަމަށާއި އެފަދަ ފަރާތްތައް އެބަތިބި ކަމަށްވެސް އެސިޓީގައި ބުނެފައިވެއެވެ.
ރިޟުވާނަށް ފާރަލީ ދެ ފުލުހެއް ކަމަށް މަރުކޮމިޝަނުން ވިދާޅުވެފައިވާއިރު އެދެމީހުންނާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވުމަކީ ސަރުކާރުގެ ފޭލިވުން ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެ ދެކުންދިންނަށް ލިބެންވާ އިންސާފަށް އެޅުނު ހުރަހެއް ކަމަށް ވެސް ބުނެފައިވެއެވެ.