ޓްރިޕްލް އެކްސްގެ ޕްރޮމޯޝަނަށް ފަހު ދީޕިކާ އެމެރިކާގައި

ދީޕިކާ ޕަޑުކޯންގެ ފުރަތަމަ ހޮލީވުޑް ފިލްމު، ޓްރިޕަލް އެކްސް: ރިޓަރން އޮފް ދަ ޒެންޑަރ ކޭޖް ޕްރޮމޯޓް ކުރުމަށް އިންޑިއާގައި ބޭއްވުނު ޙަރަކާތަކަށް ފަހު އޭނާ މިވަގުތު ހުރީ އެމެރިކާ ގައެވެ. މި ފިލްމުވަނީ ޖަނަވަރީ 14 ވަނަ ދުވަހު އިންޑިއާގެ ސިނަމާގައި އަޅުވާފައެވެ. އެހެންނަމަވެސް އެމެރިކާގައި މި ފިލްމު ރިލީޒް ކުރާނީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

ދީޕިކާ މިވަގުތު ދަނީ އެމެރިކާގައި ފިލްމު ޕްރޮމޯޓު ކުރުމުގެ ތަފާތު ޙަރަކާތްތަކުގައި ބައިވެރިވަމުންނެވެ. އެގޮތުން އޭނާވަނީ އަންގާރަ ދުވަހުގެރޭ އެލެންގެ ޑި ޖެންރޭ ގެ ޝޯއަށް ޝޫޓުކޮށްފައެވެ. 18 ޖަނަވަރީގައި އޮންނަ އެލެން ޝޯގެ މެހްމާނަކީ ދީޕިކާއެވެ. ދީޕިކާވަނީ ޝޫޓިން އަށްފަހު އޭނާގެ ފޭނުންނާ ފޮޓޯއެއް ހިއްސާކޮށްފައެވެ.

ޝޯގެ ސްނެޕްޗެޓް ހެންޑްލް އަށް ނަގާފައިވާ ފޮޓޯއެއްވެސް ވަނީ ހިއްސާކޮށްފައެވެ. މިފޮޓޯ ނަގާފައިވަނީ އޭނާގެ ޓީމާއެކު އެވެ. ފޮޓޯގައި ލިޔެފައިވަނީ "ލިވް، ލަވް، ލާފް" އެވެ. ލިވް، ލަވް، ލާފް އަކީ ޑިޕްރެޝަން ޖެހިފައިވާ މީހުންނަށް އެހީ ވުމަށް ދީޕިކާ އުފައްދާފައިވާ ފައުންޑޭޝަނެކެވެ. ދީޕިކާ ވަނީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ޑިޕްރެޝަނަށް ފަރުވާ ހޯދާފައެވެ. ލިވް، ލާފް، ފައުންޑެޝަން އުފައްދަން މެދުވެރި ސަބަބަކީ އެއީއެވެ.  

ދީޕިކާގެ ފޭނުން މިހާރު ތިބީ މި ޝޯގެ އިންތިޒާރުގައެވެ. މިއީ މަޝްހޫރު ކޮމޭޑިއަން އެލެން ގެ ޝޯގައި ދީޕިކާ ބައިވެރިވާ ފުރަތަމަ ފަހަރެވެ.

ޓްރިޕަލް އެކްސް: ރިޓަރަން އޮފް ދަ ޒެންޑަރ ކޭޖް ޑައިރެކްޓް ކޮށްފައިވަނީ ޑީ. ޖޭ. ކެރޫސޯ އެވެ. ދީޕިކާ އާ އެކު މިފިލްމުގައި އުޅޭ އެހެން ތަރީންނަކީ ވިން ޑީސެލް، ނީނާ ޑޮބްރެވް، އަދި ރޫބީ ރޯޒް އެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.