އައްޑޫ ދަމަނަވެށީގެ ރަސްމީ ތައްގަނޑު ފަޅުރަށަކުން ފެނިއްޖެ

އައްޑޫސިޓީ މަރަދޫފޭދޫ ގައި ހުންނަ އައްޑޫ ސިޓީ ދަމަނަވެށީން ވަގަށް ނަގައިފައިވާ އެ އޮފީހުގެ ރަސްމީ ތައްގަޑާއި ވެކްސިން ތައްގަޑުގެ ތެރެއިން އޮފީސް ތައްގަނޑު ފެނިއްޖެއެވެ.

އެ ތައްގަޑު ވެނިފައިވަނީ ގދ. ނަޑެއްލާ ކައިރީގައި އޮންނަ މާފުށި ކިޔާ ފަޅުރަށެއްގެ އުތުރުފަރާތު ގޮނޑުދޮށުން ނެވެ.

ތައްގަނޑު ފެނިފައިވަނީ ނަޑެއްލާ ކައުންސިލްގައި މަސައްކަތްކުރާ ޙުސައިން އަލީ ނަމަކަށް ކިޔާ މުވައްޒަފަކަށެވެ. މާފުއްޓަކީ އޭނާގެ ނަމުގައި އޮންނަ ފަޅުރަށެކެވެ.

"ހޮނިހިރު ދުވަހު އޭނާ އެރަށަށް ދިޔައީ އާއިލާއާއެކު ޕިކްނިކް. ދަތުރުގޮސް އުޅެނިކޮށް ގޮނޑު ދޮށުން އޭނާއަށް އެ ފެނިފައިވަނީ. ފެނުނުއިރު އޭގައި ބައިވަރު ވެލިވެސްހުރި ކަމަށްވަނީ. އެ ހިފައިގެން އައިސް އޭނާ ވަނީ ނަޑެއްލާ ކައުންސިލާ ޙަވާލުކޮށްފައި،" ނަޑެއްލާ ހެލްތު ސެންޓަރުގެ އިސްބޭފުޅަކު ވިދާޅުވިއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ އެ ތައްގަނޑު ފެނުނު ޚަބަރު ލިބުމުން ނަޑައްލާ ކައުންސިލަށް ގުޅާފައި ނަޑެއްލާ ސިއްހީމަރުކަޒާ އެ ހަވާލުކުރަން އެދިފައިވާނެ ކަމަށެވެ. އެހެންނަމަވެސް މައުލޫމާތު ލިބިފައިވަނީ އެ ތައްގަނޑު މިހާރުވަނީ ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމެމޯރިއަލް ހޮސްޕިޓަލަށް ފޮނުވައިފައެވެ.

އައްޑޫސިޓީ ދަމަނަވެށީގެ ރަސްމީ ތައްގަނޑު ފެނުނަސް ވެކްސިން ތައްގަނޑު ފެނިފައެއް ނުވެއެވެ. ބައެއް އާއްމުންނާއި ދަމަނަވެއްޓާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވެސް އެންމެ ކަންބޮޑުވެފައިވަނީ ވެކްސިން ތައްގަނޑު ފެނިފައި ނުވާތީއެވެ.

ނެޑެއްލާ ކައުންސިލްގެ ރައީސް ފައިސަލް ނަޖީބު މިއަދު ވިދާޅުވީ އެ ތައްގަނޑު ފެނުމުން އެކަން ހެލްތު މިނިސްޓްރީއަށް ވަގުތުން އެންގިކަމަށެވެ. އެވާހަކަ ހެލްތުމިނިސްޓްރީން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް އެންގުމުން އެ ހޮސްޕިޓަލުން ގުޅައިގެން އެއާމެދު އަމަލުކުރާނެ ގޮތާމެދު ވާހަކަ ދެއްކެވި ކަމަށް އޭނާ ވިދާޅުވިއެވެ.

 "މިހާރު އަޅުގަނޑުމެންވާނީ މިއަދު ހެނދުނު ތިނަދުއަށްދިޔަ ފެރީން އެ ތައްގަނޑު ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރ ސައީދަށް އެޑްރެސްކޮށް ފޮނުވާފައި. ފޮނުވިއިރު ވެސް އޭގައި ވެލިހުރި. ވަރަށްބޮޑަށް ވެލި ސާފުކޮށްފައި ފޮނުވީވެސް. މިތައްގަނޑުގެ މަޢުލޫމާތު އަޅުގަނޑުމެންނަށް ލިބިފައިވަނީ މީޑިއާއިން،" ފައިސަލް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.