އައްޑޫސިޓީން ބިންހިއްކާ ސަރަހައްދުތައް ކަނޑައަޅައިފި

އައްޑޫ ސިޓީން ހިއްކުމަށް ހަމަޖެހިފައިވާ ބިންތައް ހިއްކާނެ ސަރަހައްދުތައް އައްޑޫ ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.

އައްޑޫން ބިންހިއްކުމަށް ކައުންސިލުން ވަނީ ފަސް ސަރަހައްދެއް ކަނޑައަޅައިފައެވެ. އެއީ ހިތަދޫ ލިލީމަގުން ދެކުނުން ލިންކް ރޯޑުގެ އިރަށް އޮތް ސަރަހައްދުން އާރު.އޭ.އެފް ސަރަހައްދާއި، ހިތަދޫ ޕޯޓުގެ ދެކުނުން ލިންކް ރޯޑުގެ އިރަށް އޮތް ސަރަހައްދުން ގައުކެނޑި ސަރަހައްދާއި، މަރަދޫ އަދި މަރަދޫފޭދޫ ގެ ފުއްޓަރު ސަރަހައްދާއި، ހުޅުމީދޫ މެދު ބަނދަރުގެ އިރަށް އޮތް ސަރަހައްދާއި، އިސްމެހެލާ ހެރައިގެ ހުޅަނގު ފަޅުތެރެއެވެ.

ސިޓީކައުންސިލުން މިގޮތަށް ނިންމެވީ ޖެނުއަރީ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް ބައްދަވުމުގައެވެ. ބިންހިއްކުމަށް  މި ސަރަހައްދުތައް ކަނޑައެޅުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން އެދުވަހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންވަނީ އެގޮތަށް ނިންމަވައިފައެވެ. އެދުވަހުގެ ވޯޓުގައި 6 މެމްބަރުން ވޯޓުދެއްވިއެވެ.

 ހިތަދޫން ހިއްކުމަށް ހަމަޖެހިފައިވަނީ 90 ހެކްޓަރު ބިމެވެ. މަރަދޫ އަދި މަރަދޫފޭދޫ އިން ހިއްކުމަށް ހަމަޖެހިފައިވަނީ 75 ހެކްޓަރު ބިމެވެ. ހުޅުދޫ އަދި މީދޫއިން 38 ހެކްޓަރު ބިމެވެ. ރިސޯޓު ތަރައްގީ ކުރުމަށް ހިއްކުމަށް ހަމަޖެހިފައިވާ 25 ހެކްޓަރ ބިމެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިމަސައްކަތް ހަވާލުކޮށްފައިވަނީ އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަރ އިންޖިނިއަރިންގ ލިމިޓެޑާއި، އެލް.އީ.އޭ އެސޯސިއޭޓް ސައުތު އޭޝިޔާ ޕްރައިވެޓް ލިމިޓެޑާއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.