ފާނަ ބޮޑުކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއް އަރިއަތޮޅުގައި ފަށައިފި

ފާނަ ބޮޑުކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ފިޝަރީޒް މިނިސްޓްރީން ފަށައިފިއެވެ.

އެ މިނިސްޓްރީން ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ ކަނޑުފަޅުން ލިބޭ އިގްތިސާދީ ނަފާ އިތުރުކޮށް، ހެޔޮގޮތުގައި ބޭނުންކުރުމަށް ފެށި މަޝްރޫއެއް ކަމަށެވެ.

ވަރލްޑް ބޭންކުގެ ހިލޭ އެހީގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ކުރިއަށް ގެންދާ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއު ހިންގަނީ އަރިއަތޮޅު ދެކުނުބުރީގައެވެ. މި މަޝްރޫއު ފަށްޓަވައި ދެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެއަތޮޅު މަހިބަދޫގައެވެ. މިއަދު ހެނދުނު ބޭއްވުނު ރަސްމިއްޔާތެއްގައި މި މަޝްރޫއު ފަށްޓަވައި ދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދެވެ.

 މިއީ "ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތަރައްޤީކުރުމުގެ ޒަރީއާއިން، އިޤްތިޞާދު ކުރިއަރުވައި، އާމްދަނީގެ ފުރުސަތުތައް އިތުރުކުރުމުގެ ގޮތުން، މޫދު ކޮށީގައި ފާނަ ބޮޑުކުރުން ތަޖުރިބާ ކުރުމަށް، ރައްޔިތުން ޝާމިލުވާގޮތަށް ހިންގޭ ފުރަތަމަ ޕްރޮޖެކްޓެކެވެ. 18 މަސްދުވަހަށް ހިންގާ މި ޕައިލެޓް ޕްރޮޖެކްޓުގައި، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ، ދަނގެތި، އޮމަދޫ އަދި ދިގުރަށުން ޖުމްލަ 20 ފަރާތަކަށް މޫދުކޮށްޓާއި، ކުދި ފާނައާއި ފާނަ ބޮޑުކުރުމަށް ބޭނުންވާ ކާނާ ހަވާލުކޮށް، މި މަސައްކަތަށް ބޭނުންވާ ތަމްރީނު ދީގެން، ފާނަ މާކެޓް ސައިޒަށް ބޮޑުކުރެވޭނެއެވެ." މިނިސްޓްރީން ވިދާޅުވިއެވެ.

މި މަސައްކަތުގައި ފަސް އަންހެނަކީ 15 ފިރިހެނުން ވަނީ ބައިވެރިވެފައެވެ. ޕައިލެޓް ޕްރޮޖެކްޓް ނިމުމުން، މިހަރަކާތުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން، މި މަސައްކަތުގައި ކުރިއަށްދާ ފަރާތްތަކަށް ދީފައިވާ ކޮށި މިލްކުކުރެވޭނެއެވެ. އަދި ފާނަ ބޮޑުކުރުން ތަޖުރިބާކުރުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާއަށް ބަލައި، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފާނަ ބޮޑުކުރުމުގެ މަސައްކަތް ފުޅާކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ރާއްޖޭގައި ވަށާޖެހޭ ގޮތަކަށް މެރިކަލްޗަރ ސިނާޢަތެއް ތަރައްޤީކުރުމަށް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ތެރޭގައި، މެރިކަލްޗަރ ތަރައްޤީކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި، މި ދާއިރާއިން އިންސާނީ ވަސީލަތްތައް ބިނާކުރުމަށް ބޭނުންވާ ތަމްރީނުދޭ ތަނެއްގެ ގޮތުގައި ކ. މަނިޔަފުށީގައި މެރިކަލްޗަރ ޓްރެއިނިންގ އެންޑް ޑެމޮންސްޓްރޭޝަން ފެސިލިޓީއެއް ދަނީ ބިނާކުރަމުން ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ. އަދި ފާނައާއި އެހެނިހެން ބާވަތްތައް ވިއްސައިގެން، މެރިކަލްޗަރ މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް ޅަދިރުން ފޯރުކޮށްދިނުމަށްޓަކައި ގއ. މާނާގަލާގައި މިނިސްޓްރީން ގެންދަވަނީ މަލްޓި ސްޕީޝީޒް ހެޗަރީއެއް ބިނާކުރަމުން ކަމަށް ވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.