ރައީސް ޢިއްޒުއްދީން ސްކޫލް ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ޢިއްޒުއްދީން ސްކޫލް މިއަދު ހުޅުވައި ދެއްވައިފިއެވެ. މިއީ ކުރިން އެމްއީއެސް ހިންގި ޢިމާރާތުގައި ސަރުކާރުން ގާއިމް ކުރެއްވި އައު ސްކޫލެވެ.

ސްކޫލް ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މި  ސްކޫލް ހުޅުވުމާއެކު ސަރުކާރުގެ ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ އައު މަރުޙަލާއެއް ފެށިގެންދާނެ ކަމަށެވެ.

މިއީ މާލޭގައި ހުޅުވި އެއްދަންފަޅިއަށް ކިޔަވައިދޭ ފުރަތަމަ ސްކޫލެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ މިފެށުނު އައު މަރުޙަލާގެ ދަށުން މިސިޔާސަތު ތަންފީޒު ކުރެވޭނީ، ދަރިވަރުންނަށް ކިޔަވައިދިނުމުގެ އިތުރުން، ތަރުބަވީ އަޚްލާގާއެކު، ހަށި ހެޔޮކަމުގެ ޙަރަކާތްތައް ހިމެނޭ، ވަށައިޖެހިފައިވާ ނިޒާމެއްގެ ތެރެއިން ކަމުގައެވެ.

"މި ނިޒާމު ތަންފީޒުވާއިރު، ބެލެނިވެރިޔާ އޮފީހަށް ދާނީ، 7:40 އަށް ދަރިފުޅު ގެންގޮސް ސްކޫލަށް ލައިފަ. ސްކޫލުގައި ދަރިވަރުންގެ ދުވަސް ފަށާނީ ހެނދުނުގެ ނާސްތާއިން. އެސެމްބްލީއަށް ފަހު އޮންނާނީ ކިޔެވުން. މެންދުރު ނަމާދު ވަގުތު ޖެހުމުން، ސްކޫލްގައި ނަމާދުކޮށް މެންދުރުގެ ކެއުން އޮންނާނެ. ބެލެނިވެރިޔާ އޮފީސް ނިމިގެން ގެއަށް ދާނީ، ހެނދުނު ސްކޫލަށް ލީ ދަރިފުޅު ގޮވައިގެން. އޭރު ދަރިފުޅު ހުންނާނީ، އިތުރު ޙަރަކާތްތަކާއި އިތުރު އެހީދޭ ކްލާސްތައް ވެސް ނިންމައިގެން. ދެން އެދުވަހު ދަރިވަރުވެސް، ބެލެނިވެރިޔާ ވެސް އިތުރު ވަގުތަކު ސްކޫލަށް އަންނާކަށް ނުޖެހޭނެ" މި ނިޒާމުގެ އިތުރު ތަފްޞީލު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ހުރިހާ ދަރިވަރުންނަށް، ރައީސް ވަނީ މަރުޙަބާ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ މިއަހަރު ވެސް، އެއް ދާއިރާއަކަށް ދައުލަތުގެ ބަޖެޓުން އެންމެ މަތީ ޕަސެންޓޭޖެއް ކަނޑައަޅާފައި ވަނީ ތަޢުލީމީ ދާއިރާއަށް ކަމަށެވެ. އެގޮތުން ބަޖެޓްގެ 12 އިންސައްތަ، ނުވަތަ 4.4 ބިލިއަން ރުފިޔާ މިއަހަރު ތަޢުލީމަށް ކަނޑައަޅާފައިވާއިރު އެއީ މިދިޔަ އަހަރަށްވުރެ 1 ބިލިއަން ރުފިޔާ އިތުރު ޢަދަދެއްކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަތޮޅުތަކުގެ ތަޢުލީމީ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް މިއަހަރުގެ ބަޖެޓުން، 330 މިލިއަން ރުފިޔާ ކަނޑައެޅިފައިވާކަމަށެވެ. އަދި މާލޭގެ ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތް ހެދުމަށް 65 މިލިއަން ރުފިޔާއާއި، ހުޅުމާލޭގައި އައު ސްކޫލެއް ޢިމާރާތް ކުރުމަށް 54 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ތިބެގެން ހިލޭ ޑިގްރީއަށް ކިޔެވުމަށް ސަރުކާރުން ފަހިކޮށްދިން ފުރުޞަތުތަކުގެ ތެރެއިން މިދިޔަ އަހަރު ނިމުނުއިރު 5590 ދަރިވަރަކަށް ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ފައިސާ ދޫކުރެވިފައިވާކަމަށެވެ. އަދި ކިޔެވުމަށް ދެވޭ ސްޓޫޑެންޓް ލޯނުގެ އިންސްޓަރެސްޓް 3 އިންސައްތަ ކުޑަކޮށް ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު25 އިންސައްތަ އިތުރުކޮށްދީފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.