ކަރަން ޖޯހަރްގެ ބަޔޮގްރަފީ ނެރެފި

ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރ، ޑައިރެކްޓަރ، އަދި މޮޑެލް ކަރަން ޖޯހަރުގެ ބަޔޮގްރަފީ ނެރެފިއެވެ. ކަރަން ގެ ބަޔޮގްރަފީގެ ނަމަކީ "އޭން އަންސުއިޓެބްލް ބޯއި" އެވެ.

ރަސްމީކޮށް ފޮތް ނެރުމުގެ ކުރީން މި ފޮތުގެ އެކި ބައިތައް ވަނީ އިންޑިއާގެ ނޫސްތަކުގައި ޝާއިޢުކޮށްފައެވެ. އެހެންކަމުން ގިނަ ބައެއްގެ ސަމާލުކަންވަނީ މި ފޮތަށް ލިބިފައެވެ.

މުމްބާއީގައި ބޭއްވި ޙަފްލާއެއްގައި ކަރަންގެ ފޮތް ނެރެދިނީ ޝާހު ރުކް ޚާނެވެ. އޭގެ އިތުރުން ޝާހު ރުކް ގެ އަންހެނުން ގޯރީއާއި އާލިއާ ބަޓް އަދި ސިދާތް މަލޯތްރާ ބައިވެރިވިއެވެ.

މި ފޮތަކީ ކަރަންގެ ޙަޔާތުގެ މައްޗަށް ލިޔެފައިވާ ފޮތެކެވެ. ތުއްތު އިރުން ފެށިގެން ފިލްމީ ދާއިރާގައި ލިބުނު ކާމިޔާބީގެ މައްޗަށް އަލި އަޅުވާފައިވެއެވެ. އަދި އޭނާގެ ޒާތީ ދިރިއުޅުމާއި ބެހޭ ގޮތުންވެސް ވަރަށް ތަފްޞީލުކޮށް  މިފޮތުގައި ލިޔެފައިވެއެވެ.  

ފޮތް ނެރުމަށް ޕެންގުއިން ރެންޑަމް ހައުސް އިންޑިއާގައި ބޭއްވި ހަފްލާގައި ކޮލަމިސްޓު އަދި ނޮވެލިސްޓު ޝޯބާ ޑޭ ވަނީ ކަރަން އާއި އިންޓަވިއު ކޮށްފައެވެ. އާއްމުން ކަރަންގެ ސެކްޝުއަލިޓީ އާ ބެހޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެމުން ކަރަން ބުނީ އެކަމާ ގުޅޭގޮތުން އޭނާ ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް ފޮތުގައި ލިޔެފައިވާނެ ކަމަށާއި އެވާހަކަ އިތުރަށް ދައްކަން ބޭނުންނުވާ ކަމަށެވެ. ޑޭޓިން ވެބްސައިޓެއް ބޭނުންކުރި ވާހަކަ ދައްކަމުން ކަރަން ބުނީ އޭނާ އަށް ޖަޕާނުންވެސް ހުށަހެޅުން ލިބުނު ކަމަށެވެ، އަދި ޙަޔާތުގައި ބޭނުންވާ ކަންކަން ކުރުމަށް ތަފާތު ގޮތްގޮތަށް މަސައްކަތް ކުރާންޖެހޭނެކަމަށެވެ. ވެބްސައިޓުގެ ނަން ހާމަ ކުރާން އޭނާވަނީ ދެކޮޅުހަދާފައެވެ.

ކަރަން ބުނި ގޮތުގައި އޭނާ އަކީ ލޯބިގެ ޙަޔާތުގައި ކާމިޔާބު މީހެއް ނޫންކަމަށްވެސް ކަރަން ބުނެފައިވެއެވެ.

ކަރަންގެ ކާމިޔާބު ފިލްމުތަކުގައި މަސައްކަތް ކޮށްފައިވާ މަޝްހޫރު ތަރި ކާޖޮލްއާ އޭނާ ދެމެދު މިހާރުވަނީ މައްސަލަ ޖެހިފައެވެ. ކަރަންގެ ބަޔޮގްރަފީގައި ކާޖޮލްއާ އޭނާއާއި ދެމީހުންގެ 25 އަހަރުވީ ގުޅުން މިހާރު ކަނޑާލާފައިވާ ކަމަށް ފޮތުގައި ލިޔެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައި ވެއެވެ. އެކަމާ ގުޅޭގޮތުން ޝޯބާ ކުރި ސުވާލަށްވެސް ކަރަން ބުނީ ފޮތުގައި އެވާހަކަ ލިޔެފައިވާނެކަމަށާއި އެވާހަކަވެސް އިތުރަށް ދައްކަން ބޭނުންނުވާ ކަމަށެވެ.

ދަރިއެއް އެޑޮޕްޓުކުރުމާ މެދު އޭނާ ބުނީ ސްޓޫޑެންޓް އޮފް ދި އިޔަރ އަށްފަހު ފިލްމުގެ ތަރީން ކަމުގައިވާ އާލިއާ ބަޓާއި، ސިއްދާތު މަލޯތުރާ، އަދި ވަރުން ދަވަން އަކީ އޭނާގެ ދަރިން ކަމުގައި ދެކޭ ކަމަށެވެ.

ކަރަން އާ ބެހޭގޮން ޝާހް ރުކް ބުނެފައިވަނީ ކަރަން އަކީ "ވަރަށް ތޫނުފިލި ކުއްޖެއް، ވަރަށް ހިތްވަރުގަދަ ކުއްޖެއް، ވަރަށް ކެރޭ ކުއްޖެއް. ކަރަން އަކީ ވަރަށް ރަނގަޅު ކުއްޖެއް. އެކަމަށް އޭނާގެ މައިންބަފައިން ހެކިވާނެ. ކަރަންގެ މަންމައަށް ވެސް ވަގުތު ދޭނެ. މަންމައާއެކު ވަގުތު ހޭދަ ކުރާން އޭނާ ވަރަށް ބޭނުންވާނެ. ކަރަންއަށް ވަރަށް ރަނގަޅަށް މީހުނެ އެނގޭނެ."

"އަޅުގަނޑު މި ޙަފްލާއަށް މިއައީ އެވޯޑެއް ލިބޭނެ ކަމުގެ އުއްމީދުގައި. މަޝްހޫރު ޑައިރެކްޓަރެއްގެ ފިލްމުގައި ސޮއި ކުރެވޭނެކަމުގެ އުއްމީދުގައި. ބޮލީވުޑުގައި މިހާރު ފައި ހަރު ކުރެވިފައިވާ ކަމުގެ ޔަގީންކަން ލިބިއްޖެ. ފޮތުގެ އެއް ޗެޕްޓަރު ވަނީ އަޅުގަނޑާއި، އަޅުގަނޑުގެ ޢާއިލާއަށް ޚާއްޞަކޮށްފައި." އޭނާގެ ވާހަކަ ނިންމާލަމުން ޝަހްރުކް ބުނެފައިވެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.