އޮބާމާ، ސަރުކާރުގެ ސިއްރު ހާމަކުރި މީހާގެ އަދަބު ލުއި ކޮށް ދެއްވައިފި

އެމެރިކާ ސަރުކާރުގެ މުހިންމު ޑިޕްލޮމެޓިކް މައުލޫމާތުތަކެއް ދެހާސް ދިހަވަނަ އަހަރު ވިކިލީކްސްއަށް ސިއްރުން ފޯރުކޮށްދިން މަސްއަލައިގައި ތިރީސްފަސްއަހަރަށް ޖަލަށް ހުކުމްކުރެވިފައިހުރި ޗެލްސީ މެނިންގ ގެ އަދަބު ރައީސް ބަރަކް އޮބާމާ ލުއި ކޮށްދެއްވައިފިއެވެ. ރައީސް އޮބާމާގެ މިނިންމެވުމާއި ގުޅިގެން އޭނާ މިއަހަރުގެ މޭމަހުގެ ސަތާރަވަނަދުވަހު މިނިވަންވާނެއެވެ. އެމެރިކާގެ އަސްކަރިއްޔާގައި ޕްރައިވެޓެއްގެ މަގާމް އަދާކުރަމުން އައި އުމުރުން 29 އަހަރުގެ މެނިންގ ، ކުރިން މިނިވަންވާ ގޮތަށް އޮތީ ދެހާސް ސާޅީސްފަސްވަނަ އަހަރުއެވެ.

ޗެލްސީ މެނިންގ ލީކްކޮށްލި މައުލޫމާތު ތަކަކީ އެމެރިކާގެ މުޅިތާރީޚުގައިވެސް މިގޮތަށް ސިއްރުން ހާމަ ކުރެވުނު އެންމެ ގިނަ "ކްލެސިފައިޑް" މައުލޫމާތުކަމަށް ޚަބަރުލިބެއެވެ.

ވަކި ޖިންސަކަށް ނިސްބަތްނުވާ މެނިން ހުކުމް ތަންފިޒް ކުރަމުން އައީ ފިރިހެނުންނަށް ޚާއްސަ ޖަލެއްގައެވެ. އޭނާވަނީ މިދިޔަ އަހަރު ދެފަހަރެއްގެ މަތިން އަމިއްލަޔަށް މަރުވުމަށް މަސައްކަތް ކޮށްފައެވެ. އަދި ބަޑުހައިހޫނުކަމުގެ ހަޅުތާލެއްވެސް ކޮށްފައި ވެއެވެ.

ރައީސްކަމުގެ ދައުރުގައި އެންމެ ފަހުން ކުރެއްވި އެއްކަމެއްގެ ގޮތުން ރައީސް ބަރަކް އޮބާމާ ވަނީ ދުއިސައްތަ ނުވަ މީހެއްގެ ހުކުމް ލުއި ކޮށްދެއްވާފައެވެ. އަދި ފަސްދޮޅަސް ހަތަރު ކުށްވެރިންގެ އަދަބު މައާފްކޮށް ކޮށްދެއްވާފައިވެއެވެ. / ބީބީސީ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.