ޓޮބޭކޯ ސެޒޭޝަން ކުލިނިކެއް ހަންޏާމީދޫގައި ހުޅުވަނީ

ހަންޏާމީދި ސިއްހީ މަރުކަޒު

 ޓޮބޭކޯ ސެޒޭޝަން ކުލިނިކެއް އދ. ހަންޏާމީދޫ ސިއްހީ މަރުކަޒުގައި ފެށުމަށް ނިންމަވާފައި ކަމަށް އެ މަރުކަޒުން ވިދާޅުވެއްޖެއެވެ.

މިއީ އެރަށުގައި ތިބި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ޚާއްސަކޮށްގެން ފަށާ ކުލިނިކެކެވެ. މަގުސަދަކީ ދުންފަތުން އިސްތިއުމާލު ކުރުން ހުއްޓާލުމަށް ބޭނުންވާ މީހުންނަށް އެކަމުގައި އެހީތެރިކަން ފޮރުކޮށްދިނުން ކަމަށް ވެސް އެތަނުން ވިދާޅުވެފައިވެއެވެ.

އެ މަރުކަޒުން މިހާރުވަނީ ދުންފަތުން އިސްތިއުމާލުކުރުން ހުއްޓާލުމަށް ބޭނުންވެފައިވާ މީހުން އެ ކުލިނިކުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފައެވެ. ރަޖިސްޓްރީ ކުރަން އަންނައިރު ކޮންމެ މިހެއްގެ ހާލަތު ދެނެގަތުމަށް އެސެސްމެންޓެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް އެމަރުކަޒުން ވިދާޅުވިއެވެ.

ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވާން އެދޭ ފޯމު މިމަހުގެ 16 ދުވަހާ މެންދުރުފަހު 1:00 އާ ހަމައަށް އެމަރުކަޒުން ލިބެން ހުންނާނެއެވެ. އެ މުއްދަތުގައި ފޯމު ދޫކުރަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެދުވަހަކު ހެނދުނު 10:00 އިން 1:00 އަށެވެ.

ރަޖިސްޓްރީވެ ނިމުމުން ޕްރޮގްރާމް ހިންގާނީ ގުރޫޕުތައް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕެއްގައި ހިމެނޭނީ 5 މީހުން ކަމަށް ވެސް އެމަރުކަޒުން ވިދާޅުވިއެވެ.

 ރާއްޖޭގެ ބައެއް ސިއްޙީމަރުކަޒުތަކުގައި މިހާރުވެސް މިފަދަ ކުލިނިކްތައް ހިންގައެވެ. މިހާތަނަށް ރާއްޖޭގައި ދުންފަތާ ދުރުކޮށްދިނުމުގެ ޚިދުމަތްދޭކަމަށް މަޢުލޫމާތު ލިބިފައިވާ ތަންތަނަކީ ދަމަނަވެށި، އައިޖީއެމްއެޗް، އޭޑީކޭ، ހުޅުމާލޭ ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ނ.ކެނދިކުޅުދޫ ޞިއްޙީމަރުކަޒު އަދި ށ.ފުނަދޫ އޮތޮޅު ހޮސްޕިޓަލެވެ. ފުނަދޫ އަތޮޅު ހޮސްޕިޓަލްގެ ކުލިނިކަކީ ރާއްޖެތެރޭގައި ހުޅުވުނު ފުރަތަމަ ކުލިނިކެވެ.

މި ކުލިނިކްތަކުގެ ނަތީޖާވެސް ރަނގަޅު ކަމަށް އެފަދަ ބައެއް ކުލިނިކްތަކުން ވަނީ ވިދާޅުވެފައެވެ. މީހުން ދުންފަތާ ދުރުކުރުމުގެ މަސައްކަތް ކުރައްވާ އަމިއްލަ ފަރާތްތައް ވެސް ރާއްޖޭގައި މިހާރު ދަނީ އިތުރުވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.