އަޙުމަދިއްޔާއިން ދޫކުރި ފޮތްތަކެއްގައި ރާއްޖެއާ ނުގުޅޭ މަޢުލޫމާތުތަކެއް

އަޙުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ދަރިވަރުންނަށް ދޫކުރަމުންދާ ފޮތްތަކުގެ ތެރެއިން ރާއްޖެއާއި އިސްލާމްދީނާ ނުގުޅޭ ސަފްހާތަކެއް ހިމެނޭ ފޮތެއް ދޫކުރެވި އެމައްސަލަ ބޮޑުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި މިހާރުވަނީ އެ ފޮތުގެ ގަނޑުތަކެއް ދައުރުވާން ފަށައިފައެވެ. މިކަމާ ބެހޭ ގޮތުން އަޙުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެކަމަށްޓަކައި ބެލެނިވެރިންގެ ކިބައިން މަޢާފަށް އެދޭ ކަމަށެވެ. އަދި އެކަމުގެ ފުރިހަމަ ޒިންމާ އެސްކޫލުން ނަގާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެފޮތް ދޫކުރަމުން ގެންދަނީ އޭގައި ހިމަނާފައިވާ ރާއްޖެއާ ނުގުޅޭ ސަފްހާތައް ނެގުމަށްފަހު އޭގެ ބަދަލުގައި، ދިވެހި ގައުމީ ސަލާމާއި ދިވެހި ދިދައާއި، ރާއްޖޭގެ ނިޝާނާއި، ދިވެހި ސަގާފަތް ދައްކުވައިދޭ ތަސްވީރުތައް ހިމެނޭ ސަފްހާތަކެއް ހިމެނުމަފަހު ކަމަށެވެ. "އެހެންނަމަވެސް ފޮތްތައް ދޫކުރުމުގައި އެފޮތްތަކުގެ ސަފުހާތައް ބަދަލު ނުކޮށްހުރި ފޮތްތަކެއް ދޫކުރެވިފައިވާތީ މިހާރުވާނީ އެފޮތްތައް އަނބުރާ ސްކޫލަށް ގެންނަން އެންގިފައެވެ." އެބަޔާނުގައި ވެއެވެ.

އެ ފޮތްތަކީ މިނިސްޓްރީއޮފް އެޑިޔުކޭޝަނުން ވެސް އަދި އިންޑިއާ ސަރުކާރުން ވެސް ދިން އެއްޗެއް ނޫން ކަމަށް އެސްކޫލުން ވަނީ ބުނެފައެވެ. އެއީ އިންޑިއާގެ ކެމްބްރިޖު ޔުނިވަރުސިޓީ ޕްރެސްއާއި އެސްކޫލާ ގުޅިގެން ރާއްޖެ ގެނެސްފައިވާ ފޮތްތަކެކެވެ. އެއީ މިދިޔަ އަހަރުން ފެށިގެން އެސްކޫލުގައި ބޭނުން ކުރަމުން ގެންދާ ފޮތެއް ކަމަށް ވެސް އަޙުމަދިއްޔާއިން ވަނީ ބުނެފައެވެ.

"މިކަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދައުރެއް އަދި އިންޑިއާ ސަރުކާރުގެ އެއްވެސް ދައުރެއް ނޯންނާނެ،" އަޙުމަދިއްޔާ ސްކޫލުން ބުނެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.