ދުނިޔޭގެ އެންމެ މުއްސަނދި އަށް މީހުން 3.6 ބިލިއަން މީހުންގެ ޖުމްލަ ހާލަތަށްވުރެ މުއްސަނދި!

ދުނިޔޭން ފަގީރުކަން ނައްތާލުމަށް މަސައްކަތް ކުރާ އޮކްސްފާމް އިން ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގެ މުޅި އާބާދީއަށް ނިސްބަތްކޮށްބަލާއިރު އެންމެ ފަގީރުން ހިމެނޭގޮތުން މުޅިއާބާދީގެ ދެބައިކުޅައެއްބައި މީހުންގެ ކިބައިގައި ޖުމްލަކޮންހުރި މުއްސަދި ކަން ، ދުނިޔޭގެ އެންމެ މުއްސަދި އަށް މީހުންގެ މުއްސަދިކަމާއެއްވަރެވެ. ހަތްދިހަ އަހަރުގެ ތަޖްރިބާޔާއެކު ދުނިޔޭގެ ނުވަދިހަ ގައުމެއްގައި މިހާރުވެސް ހަރަކާތްތެރިވަމުންގެންދާ އޮކްސްފާމުން ބުނީ  މިފަހަރުގެ އަދަދުތައް ނަގާފައިވަނީ ވަރަށް ބޮޑަށް ބެލުމަށް ފަހުގައި ކަމަށާ ، ފަގީރުންނާ މުއްސަދިންނާދެމެދުގައިވާ ފަރަގު ، ހީކުރެވުނު ވަރަށް ވުރެވެސް މާބޮޑުކަމުގައެވެ. އޮކްސްފާމްގެ ފަހުގެ ހޯދުން ހާމަކޮށްފައި މިވަނީ މައިގަޑު އިގްތިސާދީ މަސްއަލަތަކާބެހޭގޮތުން ދުނިޔޭގެ ފެންވަރުގައި މަޝްވަރާކުރުމަށް ބާއްވާ ވަރލްޑް އިކޮނޮމިކް ފޯރަމް ، ސްވިޓްޒަރލަންޑްގެ ޑާވޯސްގައި ފެށުނު ދަޑިވަޅާ ދިމާކޮށްފައެވެ. ސްވިޓްޒަލަންޑްގެ ސްކީ ރިސޯޓެއް ކަމަށްވާ ޑާވޯސްގައި ކުރިޔަށްދާ ވަރލްޑް އިކޮނޮމިކް ފޯރަމްގައި ދުނިޔޭގެ އިސް ސިޔާސީ ލީޑަރުންގެ އިތުރުން ވިޔަފާރިއާ އިގްތިސާދުގެ ރޮގުން ފާހަގަކޮށްލެވޭ ހުރިޖާފަރާތްތަކުން ބައިވެރިވެއެވެ.

އޮކްސްފާމްގެ މަސައްކަތްތަކަށް ފާޑުކިޔާބަޔެއް ފަރާތްތަކުން ބުނެފައިވަނީ ދުނިޔޭންފަގީރުކަން ނައްތާލުމަށް ކުރާމަސައްކަތުގައި މުއްސަދިންގެ ތަފާސްހިސާބު ނެގުމަށްވުރެ އިސްކަން ދޭންޖެހޭނީ އިގްތިސާދީ ގޮތުން ހެދިބޮޑުވުން ގެނެސްދެވޭނެ ގޮތްތައް އާންމުކުރުމަށް ކަމުގައެވެ.

ފާއިތުވި ހަތަރު އަހަރުވެސް އޮކްސްފާމުން ވަނީ ދުނިޔޭގެ މުއްސަދިންނާ ފަގީރުން އަޅާކިޔާ ރިޕޯޓްތައް ނެރެފައެވެ. ދެހާސް ސޯޅަވަނަ އަހަރުގެ ރިޕޯޓްގައި އެޖަމާއަތުން ބުނެފައިވަނީ އެންމެ މުއްސަދި ފަސްދޮޅަސް ދެމީހުންގެ ކިބައިގައިވާ މުއްސަދިކަމާ ، އެންމެ ފަގީރުން ހިމެނޭގޮތުން މުޅިއާބާދީގެ ދެބައިކުޅައެއްބައި މީހުންގެ ކިބައިގައިވާ މުއްސަދި ކަމާ އެއްވަރުކަމުގައެވެ. މުއްސަދިންގެ އަދަދު މިއަހަރު އަށަކަށް ތިރިވެފައިވަނީ  ތަފާސްހިސާބު ހޯދުމުގެ ރަގަޅު މަގުތައް މިހާރު ތަނަވަސްވެފައިވާތީކަމަށް އޮކްސްފާމުން ބުނެފައިވެއެވެ .

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.