އިސްލާމީ ރިސާލާތުގެ ފެށުން އިޢުލާނުވެގެންދިޔަ އިލާހީ އަމުރުފުޅު ވެފައިވަނީ ދުނިޔެ އައު ޢަޞްރަކަށް ގެންގޮސް ދިން އަމުރުފުޅަކަށެވެ. މި އަމުރުފުޅުގެ ސަބަބުން ދުނިޔެ ބަދަލުވުމުގެ ދޮރޯށްޓަކަށް ފޮތް ވެގެން ދިޔައެވެ. އެކަމުގެ ސަބަބުން ކިޔުމާއި ލިޔުމުގެ ސިންދަފާތު ޢާލަމަކަށް މީސްތަކުންނަށް ވަދެވުނެވެ. ނަތީޖާއަކަށްވީ ޙަޟާރަތާއި ތަހްޒީބާއި ސިޔާސަތާއި އިޖްތިމާޢީ ނިޒާމުތައް މުއްސަނދިވެގެން ދިޔުމެވެ.އިސްލާމްދީން އައިސް ﷲގެ އަޅުންނާއި ﷲއާ ދެމެދުގައި މެދުވެރީންގެ ދައުރު އަދާކުރަމުން ދިޔަ ކާހިނުންނާއި ފާދިރީންފަދަ އެންމެހައި ފަރާތްތައް އުވާލެއްވިއެވެ. އަދި އެމީހުންގެ މަގަށް ހުރަސްއަޅުއްވައި އެންމެހައި މަޚްލޫޤާތުން ސީދާ އެ މަޚްލުޤާތުންގެ ޚާލިޤު ﷲއަށް ކަންކަމަށް އެދި ދެންނެވުމަށް އެންގެވިއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. " وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌ ۖ أُجِيبُ دَعْوَةَ ٱلدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا۟ لِى وَلْيُؤْمِنُوا۟ بِى لَعَلَّهُمْ يَرْشُدُونَ [1]– މާނައީ : އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ. " މިކަމުގެ ސަބަބުން އިންސާނިއްޔަތުގެ ކުރިމަތީގައި ވިސްނުމާއި ފިކްރާއި ޚިޔާލާތުގެ ފަރުދާ ކެހިގެން ދިޔައެވެ. ނަތީޖާއަކަށް ވީ އިންސާނާގެ ލަގަން އޭނާގެ ސިކުނޑި ގޮވައިގެން ލިޔެވިފައިވާ ފޮތާއި ފެންނަން އޮތް ކައުނީ ފޮތުގެ ކަންކޮޅުތަކުގައި ދިގު ރާސްތާއާއި ކުރު ރާސްތާ ދަތުރުތައް ފެށުމެވެ.
ވީމާ ކިޔުމަކީ އިންސާނާގެ ސިކުނޑި އޮޔާދެމޭ ފަލަކަކަށް ބަދަލުކޮށްލި އިންޤިލާބެވެ.ހިލަގަނޑުގަނޑަށް އަޅުކަންކުރަމުންދިޔަ އިންސާނާގެ ލޯމަތިން ފަރުދާ ކަހައިލައި އޭނާއަށް ސަޖިދަކުރަންޖެހޭ ޙައްޤު ފަރާތް ދެއްކިއެވެ. މިހެންވެ ، ކީރިތި ޤުރްއާނުގައްޔާއި ، މާތް ރަސޫލާ r ގެ ސުންނަތުގައި ކިޔުމުގެ މުހިއްމުކަމާއި ، މާތްކަމާއި އެކަމުގެ އަދަބުތަކާ ބެހޭގޮތުން އެތައްއެތައް ނައްޞުތަކެއް އައިސްފައިވެއެވެ.މިކަމުގެ ސަބަބުން އިސްލާމީ ދުނިޔޭގައި ފޮތްތެރިކަމާއި ލިޔުންތެރިކަން ފެތުރިގެން ދިޔައެވެ. ނަތީޖާއަކަށްވީ އިސްލާމީ ބޮޑެތި ލައިބްރަރީތައް އުފެދި ދުނިޔެއަށް ހަދިޔާކުރެވިގެން ދިޔުމެވެ. ފޮތަށް ލޯބިޖެހި ފޮތުގެ ލައިލާގައި މަޖްނޫނުވި އެތައް މުސްލިމުންތަކެއް އުފަންވުމެވެ.
އިސްލާމީ ޙަޟާރަތުގައި އެމީހުންގެ ވުޖޫދުގެ ވަރަށް ބޮޑު ވެށްޓެއް ފޮތަށާއި ކިޔުމަށް ޤުރްބާންކޮށްފައިވާ ނަމޫނާ ބަޔަކުވެއެވެ. އެމީހުންގެ ބަހުންނާއި ޢަމަލުން މި ކަން ވަނީ ފެނިފައެވެ. ތާރީޚުވަނީ މިކަމަށް ހެކިވެފައެވެ.
މުސްލިމުންނާ ފޮތާ ދެމެދުގައިވާ ގުޅުން ތަފާތު ގޮތްގޮތަށާއި ތަފާތު ސިފަސިފައިގައި ތަޞްވީރުވެފައިވެއެވެ.އިސްލާމީ ދައުލަތް ފުޅައުވެ ފެތރުމުގެ ސަބަބުން، އިސްލާމްދީން އައުމުގެ ކުރިން ދުނިޔޭގައި އޮތް ސަޤާފަތްތަކާއި މުސްލިމުންނާ ދެމެދުގައި ގާތް ގުޅުމެއް އުފެދުނެވެ. މި ގުޅުމުގެ ސަބަބުން އެ ސަޤާފަތްތަކުގެ ޢިލްމީ ބައެއް ފޮތްތައް މުސްލިމުންގެ ތެރެއަށް ތަރްޖަމާވެގެން ޝާއިޢުވެގެން ދިޔައެވެ. މި ގުޅުމުގެ ސަބަބުން ފޮތާ އެމީހުންނާ ދެމެދުގައި ލޯތްބެއް އުފެދުނެވެ. އެކަމުގެ ސަބަބުން ކިޔައިފައި ފޮތް އަނބުރާގެނައުމާ ބެހޭ އުޞޫލުތަކެއް ޤާއިމުވިއެވެ.މި އުޞޫލަށް " آداب الإعارة " އޭ ކިޔުނެވެ . އެއަށްފަހު ފޮތްކިޔުމުގެ ލޯބި އިސްލާމީ ވަޤްފުގެ ބިނާގެ ތެރެއަށް ވަދެ އެއީ ޢާއްމު މަންފާއަކަށް ވިއެވެ. އިސްލާމީ ޙަޟާރަތުގެ ރާސްތާގައި މިއީ ވަރަށް މުހިއްމު ދައުރެއް އަދާކުރި ބަހާއެކެވެ.
މުސްލިމުން އެންމެ ގިނައިން ކިޔައި އަދި ކިޔަވާ ފޮތަކީ ، އެއްވެސް ޝައްކެއްތްނެތް ގޮތުގައި ކީރިތި ޤުރްއާނެވެ. އެ ފޮތްކިޔަވާ ، އެ ފޮތް އުނގެނި އެ ފޮތް މުދާރަސާކުރުމުގެ ސަބަބުން އީޖާދުވި ޢިލްމުތަކާއި ހޯދުންތައް ވަރަށް ގިނައެވެ. ކީރިތި ރަސޫލާ r ޙަދީސްކުރައްވައިފައިވާ ފަދައިން އެ ފޮތަކީ ކިތަންމެ ގިނައިން ކިޔަސް އޭގެމަތިން ފޫހިވުމެއްނެތް ފޮތެކެވެ. އެހެނިހެން ފޮތްތައް ދެފަހަރަކު ތިންފަހަރަކު ކިޔާލައިއިރަށް އޭގެ މަތިން ފޫހިވެދާނެތެވެ.
ﷲގެ ފޮތަށްފަހު މުސްލިމުން އެންމެން ގިނައިން ކިޔާ ފޮތަކަށް ވާނީ އެމީހުންގެ ލޮބުވެތި ރަސޫލާގެ ބަސްފުޅުތަކާއި ސީރަތާ ބެހޭ ފޮތްތަކެވެ.މި މަޒްމޫނުގެ ދާއިރާއަކީ މި ނޫން ފޮތްތަކެވެ.
އެހެންކަމުން، މި މަޒްމޫނުގައި ބަލާލާނީ އެހެން ފޮތްތަކުގެ ކިޔުންތެރީންނާ ބެހޭގޮތުންނެވެ.
އަލްޖާޙިޡަކީ ފޮތުގެ ދުނިޔޭގައި އިސްލާމީ އައިކޫނާއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޢާލިމެކެވެ. ޖާޙިޡުގެ އަތްމަތިދަތިކަމާއެކުގައި ވެސް ފޮތުގެ ސަބަބުން ތަނަވަސްކަން ހޯއްދެވުމަށް ވަގުތެއް ނުދެއްވިއެވެ. އޭނާ ފޮތް ވިދާޅުވެފައިވަނީ މުޖްތަމަޢުގައި އެކަން ކުރަމުން ދިޔަ ބޯދާގޮތުން މިނިވަންވެވަޑައިގެންނެވެ. ޅެންވެރި އަބޫ ހިއްފާން ވިދާޅުވާގޮތުގައި ޖާޙިޡަށްވުރެ ބޮޑަށް ފޮތްދެކެ ލޯބިވާ މީހެއްގެ ވާހަކަ އޭނާއަށް ފެނިވަޑައިގެންފައެއް ނުވެއެވެ. އަދި އަޑުއިވިވަޑައިގެންފައެއް ވެސް ނުވެއެވެ. އޭނާގެ އަތްޕުޅަށް ފޮތެއް އަރައިފިނަމަ އެ ފޮތެއް ވިދާޅުނުވެ ދޫކޮށެއް ނުލައްވައެވެ. އޭނާ ބައެއްފަހަރަށް ފޮތް ނަކަލުކުރާ ވައްރާޤީންގެ ފިހާރަތަކަށް ވަޑައިގެން އެތަންތާނގައި އަވަހާރަފުޅު ވެސްލައްޕަވައިފައި ވެއެވެ. މީހުން އެއްލައިލާ ކަރުދާސްކޮޅުކޮޅުވެސް ނަންގަވައި އޭގައި ހުރީ ކޮން އެއްޗެއްތޯ ޖާޙިޡު ބެއްލެވިއެވެ. ބައެއްފަހަރަށް މިފަދަ ކަރުދާސްކޮޅުތައް އުކާލުމުގެ ކުރިން ބައްލައިގެންފައިވާ ކަމަށް ވެސް ތާރީޚު ބުނެއެވެ. ޖާޙިޡުގެ ބައެއް ރަޙްމަތްތެރިން މިކަމާ ދެކޮޅަށް އެއްޗެހި ކިޔަމުންދާތީ ވިދާޅުވިއެވެ. " ކަލޭމެންނަކީ މޮޔައިންނެވެ.މާތް ﷲ ގަންދީ ބުނަމެވެ. އެހެން އެއްޗެއްގައި ނެތް އެއްޗެއް އޭގައި އޮވެދާނެނޫން ހެއްޔެވެ؟ ހަމަރަނގަޅަށް ކަލޭމެންނަކީ ޖާހިލުންނެވެ. އަގުހުރި އެއްޗެއްސާއި އަގުދަށް އެއްޗެހި ކަލޭމެންނަކަށް ނޭނގެއެވެ. "
މީހެއްގެ އަތުގައި އަގު ބޮޑެތި ފޮތްތައް ހުރުމަކީ އޭނާގެ ތަނަވަސްކަމާއި މުއްސަނދިކަން ހާމަކޮށްދޭ ޢަލާމަތަކަށް ވުމުން ޖާޙިޡު އެފަދަ މީހުންނަށް ޢިލްމީ ، އަދަބީ އަގު ބޮޑު ފޮތްތައް ހުންނަ ފިހާރަތަކަށް މަގު ދައްކަވައި ދެއްވިއެވެ.
ޖާޙިޡު އަވަހާރަވީ ވެސް ފޮތެއްގެ ސަބަބުންނެވެ.އޭނާގެ އާދައަކީ އޭނާގެ ވަށައިގެން ފާރެއް ގޮތަށް ފޮތްތައް އަތުރުއްވައިގެން ފޮތް ވިދާޅުވަން އިންނެވުމެވެ. އޭނާ އަވަހާރަވީ ވާބަލި ޖެހިވަޑައިގެން ފޮތްތައް ރަނގަޅަށް ބަރިބަރިއަށް ނުޖެއްސެވުމުގެ ސަބަބުން އޭގެތެރެއިން ބައެއް ފޮތްތައް ގައިކޮޅު މައްޗަށް ވެއްޓިގެންނެވެ.
ވެރީންނާއި ފޮތްތެރިކަން
ވެރިންނާ ފޮތާ ދެމެދުގައިވާ ގުޅުމަކީ ވަރަށް ބަދަހި ގުޅުމެކެވެ. ވެރިންގެ ސަބަބުން ކުތުބުޚާނާތައް ބިނާކުރެވުނެވެ. ވެރިންގެ ސަބަބުން ފޮތްތެރިކަމާއި ލޔުންތެރިކަން ކުރިއަރައިގެން ދިޔައެވެ.އިސްލާމީ ދައުލަތުގެ ވެރިންނަކީ ޢިލްމުވެރިންނަށް އަޅައިލެއްވި ބަޔެކެވެ. ޢިލްމުވެރިންގެ ފޮތްތަކަށް ބޮޑު އަގުދެއްވައިފައި އެ ފޮތްތައް ބައްލަވައިގަތެވެ. ޢައްބާސި ޚަލީފާއެއް ކަމުގައިވާ ހަރޫނުއްރަޝީދު ޢިލްމުވެރީންގެ ފޮތްތަކުގެ ބަރުދަނަށް ރަން ދެއްވައިފައި ބައްލަވައިގަތެވެ. އަދި ޢިލްމުވެރީންނަށް ޢިލްމީ މަސައްކަތް ކުރެއްވޭނެ މާޙައުލެއް ޤާއިމުކޮށްދެއްވިއެވެ. ވެރިން ސަޤާފީ ޙަރަކާތްތަކަށް ހިތްވަރުދެއްވިއެވެ. އެހެނަސް އަންދަލްސްގެ ޚަލީފާއެއްކަމުގައިވާ އަލްޙަކަމު އަލްމުސްތަންޞަރަކީ ފޮތްތަކުގެ ޢާޝިޤެކެވެ. ވެރިކަމުގެ ބުރަ މަސްއޫލިއްޔަތާއެކުގައި ވެސް އަލްޙަކަމު ޢިލްމީ މަސައްކަތްތަކަށް ވަގުތު ހުސްކޮށްލެއްވިއެވެ.ޚަލީފާ އަލްޙަކަމަކީ އޭނާގެ ޒަމާނުގެ ޢިލްމުވެރިންނާއެކު ފޮތް ވިދާޅުވުމުގައްޔާއި ލިޔުއްވުމުގައްޔާއި ފާޑުވިދާޅުވުމުގައި ބައިވެރިވެވަޑައިގެންނެވި ޙިއްޞާދާރެކެވެ. އޭނާގެ ޢިލްމުވެރިކަމާ ބެހޭގޮތުން އައިސްފައިވާ ވާހަކަތައް ބުނާގޮތުގައި އޭނާ ޙަދީސް ރިވާކުރެއްވިއެވެ. އޭނާ ފޮތަށް ޓަކައި ޚާއްޞަ ބިނާއެއް ޢިމާރަތްކުރެއްވިއެވެ. މުއައްރިޚުން ވިދާޅުވާގޮތުގައި އެއީ މެދު ޒަމާނުގައި ދުނިޔޭގައި ހުރި އެންމެ ބޮޑު އިސްލާމީ ކުތުބުޚާނާއެވެ.މި ކުތުބުޚާނާގައި ބައި މިލިޔަނަށްވުރެ ގިނަ ވޮލިޔުމް ހުށްޓެވެ.އައު ފޮތެއް ޝާއިޢުކުރެވޭތޯ ބެލުމަށް އޭނާ ޚާއްޞަ މަންދޫބުންތަކެއް ޢައްޔަންކުރެއްވިއެވެ. މި މީހުންގެ މަސައްކަތަކީ އައު ފޮތެއް ނުކުންނައިރަށް އެ ފޮތެއް ގަނެގެން ޚަލީފާގެ އަރިހަށް ގެނެއުމެވެ.އަބުލްފަރަޖުލް އަޞްފަހާނީގެ " އަލްއަޣާނީ " ނަމަކަށް ކިޔާ ފޮތުގެ ފުރަތަމަ ކޮޕީ ބައްލަވައިގަތުމަށް ޓަކައި އޭނާ އެއްހާސް ދީނާރު ދެއްވިއެވެ. ޑރ. ޙުސައިން މުއުނިސް އޭނާގެ ފޮތް " معالم تاريخ المغرب والأندلس[2] " ގައި ވިދާޅުވެފައިވާ ވެއެވެ. " އަލްޙަކަމުގެ އަތްޕުޅުން އެމަނިކުފާނަށް ފާހަގަކުރެއްވުނު ބައެއް ކަންކަން ލިޔުއްވައިފައިވާ ފޮތްތައް އަޅުގަނޑަށް ފެނިފައިވެއެވެ. ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ އޭގެ މައްޗަށް ބަރޯސާވާންޖެހޭ ފާހަގަކުރެއްވުންތަކެކެވެ. ޚަލިފާ އަލްޙަކަމު އަހައްމިއްޔަތުކަން ދެއްވައިފައިވަނީ ހަމައެކަނި އިސްލާމީ ފޮތްތަކަކަށް ނޫނެވެ. އޭގެއިތުރަށް އެ މަނިކުފާނު އެހެނިހެން ޢިލްމުތަކަށާއި ފޮތްތަކަށް ވެސް އަހައްމިއްޔަތު ދެއްވައިފައި ވެއެވެ. ހީރޯޝިޔޫޝްގެ ތާރީޚު ފޮތް ލެޓިން ބަހުން ޢަރަބިބަހަށް ޤާސިމު ބުނުއަޞްބުޣުލް ބަޔާނީއާއި ޙަފްޞު ބުނުލް ބިއްރު ތަރްޖަމާކުރައްވައިފައިވަނީ ޚަލީފާ އަލްޙަކަމުގެ ބެއްލެވުމުގެ ދަށުންނެވެ. އޭނާ ރަށްރަށަށް ޢިލްމުވެރިން ފޮނުއްވައި އެ ރަށްރަށާ ބެހޭގޮތުން ލިޔުއްވަން އަމުރުކުރެއްވިއެވެ. އޭނާ ފޮތަށް ދެއްވި އިސްކަމުގެ ސަބަބުން ވެރިކަމުގެ ބައެއް އަމުރުތައް އޭނާގެ ބައެއް ދުޝްމަނުންގެ އަތްމައްޗަށް އަރައިފައި ވެއެވެ. " ( ނުނިމޭ)
[1] - ބަޤަރާ ސޫރަތް : 186
[2] - މަޢާލިމު ތާރީޚިލް މަޣްރިބި ވަލްއަންދަލްސް ( މަޣްރިބުކަރައާއި އަންދަލްސްގު ތާރީޚުގެ މަލަތައް)