އިންޑިއާއިން ދުނިޔޭގެ ފެންވަރުގެ ފިލްމު އުފައްދަން ވެއްޖެ: ނަވާޒުއްދީން

ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭފަދަ ފިލްމްތައް ހެދުމަށް އިންޑިއާގެ ފިލްމް އިންޑަސްޓްރީ އިން ސަމާލުކަން ދޭން ވެއްޖެކަމަށް ޤައުމީ އެވޯޑް ހާސިލްކޮށްފައިވާ ތަރި ނަވާޒުއްދީން ސިއްދީގީ ބުނެފިއެވެ. އޭނާ އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި އިންޑިއާ ސިނަމާ އިން ސީރިއަސް ފިލްމްތައް ހަދަން ވެއްޖެއެވެ.

ނަވާޒުއްދީންގެ ފިލްމެއްވަނީ ޖެނުއަރީ 13 ވަނަ ދުވަހު އިންޑިއާގެ ސިނަމާ ތަކުގައި އަޅުވާފައެވެ. އެ ފިލްމު ގެ ނަމަކީ ހަރާމްކޯރް އެވެ. ފިލްމުގައި ނަވާޒުއްދީނު ކުޅެފައިވަނީ ޓީޗަރެއްގެ ރޯލެވެ. މިއީ ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ. މިއީ ޓީޗަރު ޝިޔާމާއި (ނަވާޒުއްދީން)، އޭނާގެ އަންހެނުން ސުނީތާ އަދި ދަރިވަރު ސަންދިޔާ (ޝްވެތާ ޓްރިޕަތީ) ގެ ލޯބީގެ ވާހަކައެވެ.

ސިނަމާގެ ވާހަކަ ދައްކަމުން ނަވާޒުއްދީން ބުނެފައިވާ ގޮތުގައި އިންޑިއާގެ ސިނަމާ އިން މިހާރު ހަގީގީ ހާދިސާތަކަށް ފިލްމު ހަދަން ވެއްޖެއެވެ. އެހެން ނޫނީ ދުނިޔޭގެ ސިނަމާއިން އިންޑީއާގެ ސިނަމާ ސީރިއަސްކޮށް ނުނަގާނެއެވެ. ބޭރު ދުނިޔޭގައި އިންޑިއާގެ ފިލްމްތައް މަޝްހޫރުވެފައިވަނީ ނެށުމާއި، ޑްރާމާ އާއި، އަދި މިއުޒިކް ގެ ދާއިރާއިން ކަމަށް އޭނާ ބުނެފައިވެއެވެ. އެއީ ބޭރު ދުނިޔޭގައި މާ ބޮޑު ސަމާލުކަން ދޭ ކަންތައްތައް ނޫންކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އަދި ފިލްމުގެ ދެ ތަރިން ގަހެއްގެ ވަށައިގެން ނަށާ ފިލްމުތައް ހަދާނީ ކިހާ ދުވަހެއްވާންދެންތޯ ވެސް އޭނާ ވަނީ ސުވާލު އުފައްދައިފައެވެ.

ހަރާމްކޯރުގައި ޝިޔާމްގެ ރޯލު ކުޅެންދިމާވި ދަތިތަކުގެ ވާހަކަ ދައްކަމުން ނަވާޒުއްދީން ބުނެފައިވަނީ އެ ކެރެކްޓަރ އާއި އޭނާގެ ހަގީގީ ދިރުއުޅުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އެހެންނަމަވެސް ޝިޔާމުގެ އިހުސާސަތައް ވަރަށް ރަނގަޅަށް އޭނާ އަށް އެނގޭ ކަމަށެވެ. ހަގީގީ ދިރއުޅުމުގައި ޝިޔާމް ފަދަ ވަރަށް ގިނަ ޓިޗަރުންނާ ދިމާވެފައިވާ ކަމަށާއި އެމީހުން އެ ދާއިރާގައި އުޅެނީ ވަޒީފާއެއް އަދާކުރުމުގެ ބޭނުމުގައި ކަމަށްވެސް އޭނާ ބުނެފައިވެއެވެ. ޝިޔާމުގެ ރޯލު ކުޅެން އޭނާ ބޭނުންކުރީ އެ ތަޖްރިބާއެވެ.

ނެގެޓިވް ރޯލުގެ ވާހަކައާއި ބެހޭ ގޮތުންކުރެވުނު ސުވާލުގެ ޖަވާބުގައި ނަވާޒުއްދީން ބުނެފައިވަނީ ނެގެޓިވް ރޯލަކީ އޮންނަ އެއްޗެއް ނޫން ކަމަށެވެ. ހުރިހާ އެންމެންގެ ކިބައިގައި ވެސް ނެގެޓިވް ކަންތައްތަކާއި ޕޮޒިޓިވް ކަންތައްތައް ހުންނާނެ ކަމަށާއި، އެހެންކަމުން އެފަދަ މީހުންނަކީވެސް މުޖަތަމައުގައި އުޅޭ ބައެއްކަމަށް ގަބޫލުކުރަންޖެހޭ ކަމަށް ވެސް ނަވާޒުއްދީނު ބުނެފައިވެއެވެ. އާޚިރުގައި އެފަދަ މީހުން ދިރިއުޅުމުގައި ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އެހެންކަމުން އެފަދަ ރޯލު ނުކުޅެންވީ އެއްވެސް ސަބަބެއް ނެތްކަމަށް އޭނާ ބުންޏެވެ. މުޖަތަމައުގައި އުޅޭ މީހުންނާއި ހިނގާ ކަންކަމާ މެދު ބެލުންތެރިން ހޭލުންތެރި ކުރެވޭނީ ފިލްމުތަކުން ހަގީގީ ހާދިސާތައް ދައްކުވައިދީގެން ކަމަށެވެސް އޭނާ ބުނެފައިވެއެވެ.

ކޮރެއާ އާއި އިރާނާއި އެހެނިހެން ގައުމުތަކުގެ ކަންކަން އެ ގައުމުތަކުގެ ފިލްމުތަކުން އެނގޭ ކަމަށް އޭނާ ބުނެފައި ވެއެވެ. ފިލްމުތަކަކީ އެ ގައުމުގެ މޫނު ބަލާ ލޯގަނޑުކަމަށާއި އިންޑިއާ ސިނަމާވެސް ހަގީގީ ހާދިސާތަކާއި ދިމާލަށް މިސްރާބު ޖަހަން ވެއްޖެކަމަށް ނަވާޒުއްދީން ބުންޏެވެ.

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.