ޓްރަމްޕް އަނެއްކާވެސް ހޫނު ފެނަށް

އެމެރިކާގައި މަދަނީ ހައްގުތައް ހިމާޔަތް ކުރެއްވުމަށް މަސައްކަތް ކުރެއްވުމުގެ ރޮގުން އަރާ ހުންނެވި ބޭފުޅެއްކަމަށްވާ ކޮންގްރެސްމަން ޖޯން ލުވިސް އާއި ޑޮނަލްޑް ޓްރަމްޕް އާދެމެދު ބަހުގެ ހަމަލާތަކެއް ބަދަލް ކުރެވި، ލުވިސްގެ ދިފާއުގައި ސިޔާސީ ، އަދި މުނިފޫހި ފިލުވުމުގެ ދާއިރާގެ އިސްބަޔެއް ފަރާތްތަކުން ތެދުވެއްޖެއެވެ. މިހެން ދިމާވީ ޓްރަމްޕް އެމެރިކާގެ ރައިސް ކަމަށް ހޮވިވަޑައިގެންފައިވަނީ ގާނޫނީ ނިޒާމްގެތެރޭން ކަމަށް ގަބޫލް ނުކުރައްވާ ކަމަށް ޖޯން ލުވިސް ވިދާޅުވުމުންނެވެ. މިކަމާ ގުޅިގެން ޓްރަމްޕް ވިދާޅުވީ ލުވިސްއަކީ ހުސްވާހަކަ ދައްކަވާ ބޭފުޅެއްކަމަށާ ހުސް އަނގަ ތެޅުވުމުގެ ބަދަލުގައި އޭނާގެ ދާއިރާ އިސްލާހު ކުރުމަށް މަސައްކަތް ކުރެއްވުން މުހިންމު ކަމުގައި ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

ޖޯން ލުވިސްއަކީ ފަސްދޮޅަހުގެ އަހަރުތަކުގައި އެމެރިކާގައި ފެތުރިގެންދިޔަ މަދަނީ ހައްގުތައް ހިމާޔަތް ކުރުމުގެ ހަރަކާތް "ސިވިލް ރައިޓްސް މޫވްމަންޓް" ގައި އިސްކޮން ހަރަކާތެރިވި ފަރާތްތަކުގެ ތެރޭން މިހާރު ދުނިޔޭގައި ހުންނެވި ހަމަ އެކަނި ބޭފުޅާއެވެ. އޭނާގެ ދިފާއުގައި ގިނަބަޔަކުވަނީ ތެދުވެ ޓްވީޓްތައް ކޮށް ، ޑޮނަލްޑް ޓްރަމްޕް އަށް ނުރުހުމުގެ ބަސްތައް ފާޅުކޮށްފައެވެ. މިގޮތުން ލުވިސްފަދަ މާތް އިންސާނެއްގެ ނަން ގަތުންވެސް ޓްރަމްޕަށް އެކަށީގެންނުވާކަމަށް ބަޔެއް ފަރާތްތަކުން ބުނެފައިވެއެވެ.

ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގަންނަވާ ތާރީޚް ހަފްތާއަކަށްވުރެ ގާތްވެފައިވާއިރު ، ޓްރަމްޕާދެކޮޅަށް ކުރާ ކެމްޕޭންތައް ގަދަފިނީގައި ނިކުމެ އެތައްހާސްބަޔަކުދަނީ ކުރަމުންނެވެ. އަދި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ޕަރފޯމް ކުރަން ހަމަޖެހިފައިވާ ބަޔެއް ފަރާތްތަކުން ގެންދަނީ އެކަމަށް ފުރަގަސް ދެމުންނެވެ. ކޮންގްރެސްމަން ޖޯން ލުއިސް ވިދާޅުވީ ޓްރަމްޕް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އޭނާ ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށާ އެކަން އެގޮތައް ކުރައްވާނީ ޓްރަމްޕް މަގާމަށް ހޮވިވަދައިގެންފައިވަނީ ގާނޫނީ އުސޫލްތަކުންބޭރުން ، މަކަރުހަދައިގެން ކަމަށް ގަބޫލު ކުރައްވާތީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.