ބަޣުދާދުގައި ހުންނަ އެންބަސީއަށް ދިން ހަމަލާ ރޭވީ އީރާނުން: ރައީސު ޓްރަމްޕް

ޙިޒްބުﷲ ބްރިގޭޑްސްގެ ހަނގުރާމަވެރިން އެމެރިކާ އެންބަސީއަށް ގެއްލުންދެނީ

އިރާގެގެ ވެރިރަށް ބަޣުދާދުގައި ހުންނަ އެންބަސީއަށް ބަޔަކު ވަދެގަނެ އެތަނުގައި ރޯކޮށްލި ހަމަލާއަކީ އީރާނުން ރޭވި ކަމެއް ކަމުގައި އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ތުހުމަތުކުރައްވައިފިއެވެ.

އިރާގުގެ ޕޮޕިއުލާ މޯބަލައިޒޭޝަން ފޯސަސް (އަލްޙަޝްދު އައްޝަޢުބީ) ލަޝްކަރުގައި ގައި ހިމެނޭ ކަތާއިބު ޙިޒްބުﷲ (ޙިޒްބުﷲ ބްރިގޭޑްސް) ގެ މަރުކަޒުތަކަކަށް އެމެރިކާގެ ޑްރޯންތަކުން އިއްޔެރޭ ހަމަލާދީ 25 މީހުން މަރާލި މައްސަލައިގައި ރުޅިގަދަވެފައި ތިބި ބަޔަކު މިއަދު ވަނީ ބަޣުދާދުގެ ގްރީން ޒޯންގައި ހުންނަ އެމެރިކާ އެންބަސީތެރެއަށް ވަދެގަނެ އެތަނުގައި އަލިފާން ރޯކޮށްފައެވެ.

"ކޮންޓްރެކްޓަށް މަސައައްކަތްކުރަމުން ދިޔަ އެމެރިކާ މީހަކު އީރާނުން މަރަލާއި އެތައް ބަޔަކު ޒަޚަމްކޮށްލީ. އަހަރުމެން ވަރުގަދަ ރައްދެއް ދިނިން. އަދި މުސްތަގުބަލުގައިވެސް ދޭނަން. މިހާރު އިރާގުގައި ހުންނަ އެމެރިކާ އެންބަސީއަށް ދޭ ހަމަލާ ރާވަނީ އީރާނުން، އެމީހުން އެކަމުގެ ފުރިހަމަ މަސްއޫލިއްޔަތު އުފުލަން ޖެހޭނެ." އެމެރިކާގެ އެންބަސީއަށް ހަމަލާދިން ފަހުން ގިނަ އިރުތަކެއް ނުވެ ރައީސު ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި ވެއެވެ.

މީސް މީޑިޔާގައި އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެމެރިކާގެ އެންބަސީއަށް ހަމަލާދިން ގެއްލުންދިނުމުގައި ޔުނިފޯމުގައި ތިބި ޙިޒްބުﷲ ބްރިގޭޑްސްގެ ހަނގުރާމަވެރިން ހަރަކާތްތެރިވާތަން ފެނެއެވެ. އެއީ އީރާނުގެ ތާއީދާއެކު ހަރަކާތްތެރިވާ ހަތިޔާރު އެޅި ލަޝްކަރެކެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) މައިކް ޕޮމްޕެއޯ ވަނީ މިމައްސަލައިގައި އިރާގު ސަރުކާރުގެ އިސްވެރިންނަށް އިންޒާރުދެއްވާފައެވެ.

"އަމިއްލަ ސިޔާދަތު ލިބިގެންވާ މިނިވަން އިރާގަކަށް އެހީތެރިވުމަށް އެގައުމުގައި ތިބި އެމެރިކާގެ ރައްޔިތުން އެމެރިކާއިން ހިމާޔަތްކުރާނެ" ކަމުގައި އިރާގު ރައީސު ބަރްހަމް ޞާލިޙުއަށާއި، ބޮޑުވަޒީރު ޢާދިލް ޢަބްދުލްމަހްދީއަށް އިންޒާރުދީ ސްޓޭޓް ޑިޕާޓްމަންޓުން (ޚާރިޖީ ވުޒާރާއިން) ނެރުނު ބަޔާނެއްގައި ވެއެވެ.

އެމެރިކާގެ އެންބަސީ ބަންދުކޮށް އެތަނުގެ މުވައްޒަފުން އިރާގުން ބޭރުނުކުރަނީސް މުޒާހަރާތައް ހުއްޓާނުލައި، އެންބަސީ ސަރަހައްދުގައި ފޭލިގެ ޖަހިއިގެން ތިބެން ޖެހުނަސް ތިބޭނެކަމުގެ އިންޒާރު މުޒާހަރާކުރާ މީހުން ވަނި ދީފައެވެ. އެ ސަރަހައްދުގައި މުޒާހަރާތައް ކުރިއަށް ދަނިކޮށް އިރާގުގެ ދާޚިލީ ވަޒީރާއި ދިފާއީ ވަޒީރު ވަނީ އެމެރިކާ އެންބަސީއަށް ގޮސް އެތަނަށް ލިބިފައިވާ ގެއްލުން ބައްލަވައިލައްވާފައެވެ.

އީރާގު ޚާރިޖީ ވުޒާރާއިން ބުނެފައިވާ ގޮތުގައި އެމެރިކާގެ އެންބެސެޑަރާއި، އެންބަސީގެ މުވައްޒަފުން ވަނީ ރައްކާތެރި ހިސާބަކަށް ގެންދެވިފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.