އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީގެ 7 ވަނަ އެސެމްބްލީ ގައި އެނަރޖީ މިނިސްޓަރ ޠާރިޤް އިބްރާހީމް ތަގުރީރު ކުރައްވައިފި

އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ (އައިރީނާ)ގެ 7 ވަނަ އެސެމްބްލީ ގައި ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމް ތަގުރީރު ކުރައްވައިފިއެވެ. މި އެސެމްބްލީއަކީ ޖެނުއަރީ މަހުގެ 14 އިން 15 އަށް އެކުވެރި އަރަބް އިމާރާތުގެ ވެރިރަށް އަބޫދާބީގައި ބާއްވާ ބައްދަލުވުމެކެވެ.

މި އެސެމްބަރީގައި 150 ޤައުމަކުން ސަރުކާރުގެ އިސްވެރިންނާއި އަމިއްލަ ފަރާތްތަކާއި އެހެނިހެން އިންޓަރނޭޝަނަލް އޮގައިޒޭޝަންތަކާއި ސިވިލް ސޮސައިޓީގެ ފަރާތްތައް ބައިވެރިވެއެވެ. މިބައްދަލުވުމުގައިި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްޤީކުރުމާއި ކުރިއަރުވާނެ ގޮތްތަކާއި މިދާއިރާ ކުރިމަގު ބައްޓަންކުރާނެ ގޮތްތަކާއިމެދު ދުނިޔޭގެ ފެންވަރުގައި ކަންކަން ނިންމިގެންދާނެއެވެ.

މިނިސްޓަރ ޠާރިޤް މިއެސްމްބަލީގައި ބައިވެރިވެ ވަޑައިގަންނަވަނީ ރާއްޖޭގެ ފަރާތުން ބައިވެރިވާ އެންމެ އިސްވެރިއެއްގެ ހައިސިއްޔަތުންނެވެ. މީގެ އިތުރުން މިނިސްޓީރިއަލް ރައުންޑް ޓޭބަލް މަޝްވަރާތަކުގަޔާއި އައިރީނާގެ ސިޑްސް ލައިޓް ހައުސް އިނިޝިއޭޓިވް އިވެންޓްގައިވެސް މިނިސްޓަރ ޠާރިޤް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. ސިޑްސް ލައިޓްހައުސް އިނިޝިއޭޓިވް އަކީ ކުދި ޖަޒީރާ ޤައުމުތަކުގައި އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ބޭނުންވާ ފައިސާ ހޯދުމަށާއި ސިޔާސީ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ހައްލުހޯދައި ކުދި ޖަޒީރާ ޤައުމުތަކަކީ މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމުގައި ނަމޫނާ ޤައުމުތަކަކަށް ހެދުމަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ އިނިޝިއޭޓިވްއެކެވެ.

އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީގެ 7 ވަނަ އެސެމްބްލީ ގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން ކޮންމެ އަހަރަކު އަބޫދާބީ ސަރުކާރުން އިންތިޒާމުކޮށްގެން ބާއްވާ އަބުދާބި ސަސްޓެއިނެބިލިޓީ ވީކްގެ އެކިހަރަކާތްތަކުގަޔާއި ޒައިދު ފިއުޗަރ އެނަރޖީ ޕްރައިޒް ހަފުލާގައި ވެސް މިނިސްޓަރ ޠާރިޤް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.