ވޭތުވެ ދިޔަ ދެމަސްދުވަހު ހުށަހެޅުނު މައްސަލަ ތަކުގެ ތެރެއިން ވަކި ޖިންސަކަށްވީތީ ކޮށްފައިވާ އަނިޔާގައި ގިނައީ އަންހެނުންގެ މައްސަލަތައްކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސާރވިސަސް އިން ހާމަކުރެއްވި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ ނޮވެމްބަރ މަހު ޖެންޑަރ މިނިސްޓްރީއަށް ރިޕޯރޓްކޮށް އެޓެންޑްކޮށްފައިވާ މައްސަލަތަކުގެ ރޭގައި ވަކި ޖިންސަކަށްވީތީ ކޮށްފައިވައި އަނިޔާގެ 29 މައްސަލައެއް ހުށަހެޅިފައިވާއިރު އޭގެތެރޭގައި ހިމެނެނީ އަންހެނުންގެ 24 މައްސަލައަކާއި ފިރިހެނުންގެ ފަސް މައްސަލައެކެވެ. ނަމަވެސް މި އަދަދުތައް އޮކްޓޫބަރާ އަޅާ ބަލާއިރު ވަނީ ދަށަށް ގޮސްފައެވެ.
އޮކްޓޫބަރ މަހު ޖެންޑަރ މިނިސްޓްރީ އަށް ރިޕޯރޓްކޮށް އެޓެންޑްކޮށްފައިވާ މައްސަލަތަކުގެ ރޭގައި ވަކި ޖިންސަކަށްވީތީ ކޮށްފައިވައި އަނިޔާގެ 41 މައްސަލައެއް ހުށަހެޅިފައިވާއިރު އޭގެތެރޭގައި ހިމެނެނީ އަންހެނުންގެ 37 މައްސަލައަކާއި ފިރިހެނުންގެ ހަތަރު މައްސަލައެކެވެ. ނަމަވެސް މި މީހުންގެ ޢުމުރެއް މިނިސްޓްރީން ހާމަކުރެއްވި ތަފާސްހިސާބުތަކަކުން އެނގޭކަށް ނެތެވެ.
މިފަދަ މައްސަލަ ތަކުގެ ތެރެއިން ނޮވެމްބަރުގައި އެންމެ ގިނައިން ރިޕޯރޓްކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާގެ މައްސަލައެވެ. މިފަދަ 14 މައްސަލައެއް ވަނީ ރިޕޯރޓް ކޮށްފައެވެ. އޭގެތެރޭގައި އަނގަބަހުން ކުރެވޭ ނުވަތަ ނަފްސާނީ އަނިޔާގެ ފަސް މައްސަލައާއި ފާރަލުމުގެ ދެ މައްސަލައާއި ޖިންސީ ފުރައްސާރަކުރުމުގެ ދެ މައްސަލައާއި ބިރުދެއްކުމުގެ ދެ މައްސަލައާއި އިހްމާލުވުމުގެ މައްސަލައަކާއި މާލީ ނުވަތަ އިޤްތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސް އެޅުމުގެ މައްސަލައެއް ހިމެނެއެވެ. މީގެ އިތުރުން މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުން ދިނުމުގެ މައްސަލައަކާއި ބާރާއި ނުފޫޒު ފޯރުވުމުގެ މައްސަލައެއް ހިމެނެއެވެ.
އޮކްޓޫބަރު މަސްތެރޭގައި ހުށަހެޅިފައިވާ މިފަދަ މައްސަލަ ތަކުގެ ތެރެއިންވެސް އެންމެ ގިނައިން ރިޕޯރޓްކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާގެ މައްސަލައެވެ. މިފަދަ 18 މައްސަލައެއް ވަނީ ރިޕޯރޓް ކޮށްފައެވެ. އަނގަބަހުން ކުރެވޭ ނުވަތަ ނަފްސާނީ އަނިޔާގެ 10 މައްސަލައާއި ޖިންސީ ހާނިކައިގެ ފަސް މައްސަލައާއި ބިރުދެއްކުމުގެ ތިން މައްސަލައެވެ. މިދިޔަމަހު ރޭޕްގެ އެއްވެސް މައްސަލައެއް ހުށަހެޅިފައި ނުވާއިރު އޮކްޓޫބަރު މަސްތެރޭގައި ރޭޕްގެ މައްސަލައެއް ވެސް ވަނީ ހުށަހެޅިފައެވެ. އަދި އިހްމާލުވުމުގެ މައްސަލައަކާއި މާލީ ނުވަތަ އިޤްތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސް އެޅުމުގެ މައްސަލައަކާއި މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުން ދިނުމުގެ މައްސަލައަކާއި ބާރާއި ނުފޫޒު ފޯރުވުމުގެ މައްސަލައެއް ވެސް ހިމެނެއެވެ.
އަމިއްލަ ނަފަސަށް ގެއްލުން ދިނުމުގެ މައްސަލަތައްވެސް އޮކްޓޫބަރު މަހާ އަޅާބަލާއިރު ނޮވެމްބަރުގައި ވަނި ދަށަށް ގޮސްފައެވެ. މިފަދަ ފަސް މައްސަލައެއް އޮކްޓޫބަރުގައި ހުށަހަޅައިފައި ވާއިރު ނޮވެމްބަރުގައި ހުށަހެޅިފައިވަނީ ދެ މައްސަލައެވެ. ނޮވެމްބަރުގައި ހުށަހެޅިފައިވާ ދެމައްސަލައަކީ ވެސް ދެ އަންހެނެއްގެ މައްސަލައެވެ. ނަމަވެސް އޮކްޓޫބަރ ހުށަހެޅުފައިވާ މިފަދަ މައްސަލަ ތަކުގެ ތެރޭގައި ހިމެނެނީ ދެ ފިރިހެނުންނާއި ތިން އަންހެނުންގެ މައްސަލައެވެ. އެފަދަ މައްސަލަ ތަކުގެ ތެރޭގައި އަމިއްލަ ނަފްސަށް ހާނިކަކުރުމުގެ އިތުރުން އަމިއްލައަށް މަރުވަން އުޅުމާއި އަމިއްލައަށް މަރުވުމަށް ވިސްނުން ހިމެނޭކަމަށް ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުގެ މަޢުލޫމާތުތަކުން ދައްކައެވެ.