އިންޑިއާއަކީ ރައްކާތެރި ގައުމެއްނޫން: ޖާވީދު މިޔާންދާދު

އިންޑިއާއަކީ ރައްކާތެރި ގައުމެއް ނޫންކަމަށާއި ކްރިކެޓު ޓީމުތައް އިންޑިއާއަށް ދިއުން އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ހުއްޓުވަންޖެހޭކަމުގައި މުޅިދުނިޔެއަށް މަޝްހޫރު ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ޖާވީދު މިޔާންދާދު ބުނެފިއެވެ.

އިންޑިއާ ސަރުކާރުން ހެދި ރަށްވެހިކަމުގެ ގާނޫނާ ގުޅޭ ގޮތުން ވާހަކަދައްކަމުން ޕާކިސްތާނުގެ ޖާވީދު މިޔާންދާދު ބުނީ އިންޑިއާއެކު ބާއްވާ ކްރިކެޓާ ގުޅޭ ހުރިހާ ގުޅުމެއް އައިސީސީން ހިފަހައްޓަންޖެހޭ ކަމަށެވެ.

"އިންޑިއާގައި ކަންތައްތައް ހިނގަމުންދާ ގޮތް ހުރިހާ އެންމެން ބަލައި ނޯޓުކުރަންޖެހޭ." ވީޑިއޯ އިންޓަވިއުއެއްގައި މިޔާންދާދު ބުންޏެވެ. "އިންޑިއާ ބޯއިކޮޓު ކުރުމަށް އަހަރެން ބާރުއަޅައި ގޮވާލަން."

ޖާވީދު މިޔާންދާދު ކްރިކެޓްމެޗެއް ބަލަން ސްޓޭޑިއަމަށް ވަދެގެން ދަނީ

ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ޖާވީދު ބުނި ގޮތުގައި އިންޑިއާ ރައްކާތެރި ނޫނީ ހަމައެކަނިޕާކިސްތާން މީހުންނަކަށް ނޫނެވެ. އެއްވެސް އިންސާނަކަށް ފަތުރުވެރިޔަކަށް ވެސް އިންޑިއާ ރައްކާތެރިނޫންކަމުގައި ޖާވީދު ފާހަގަކުރިއެވެ. ކަންއެހެން އޮތުމުން އެކަމަށް ފާޑުކިޔަންޖެހޭކަމަށް ވެސް ޖާވީދު ބުންޏެވެ. 

މުސްލިމުންގެ ހައްގުތައް ގެއްލޭ ގޮތަށް ބޮޑުވަޒީރު މޯދީގެ ބީޖޭޕީ ސަރުކާރުން ހެދި ރަށްވެހިކުރުމުގެ ގާނޫނާ ދެކޮޅަށް އިންޑިއާގައި ބޮޑެތި މުޒާހަރާތައް ބާއްވަމުންދާ ދުވަސްތަކެއްވެއްޖެއެވެ. އަދި މުޒާހަރާކުރަމުންދާ މީހުންނާދެކޮޅަށް ފުލުހުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން އެތައްބަޔަކު ވަނީ މަރުވެފައެވެ.

"އިންޑިއާގައިކަންތައް ހިނގަމުންދާ ގޮތް މުޅި ދުނިޔެ އޮތީ ބަލަން. އަހަރެން ބުނާނީ އިންޑިއާއާ އެކު އޮތް ކުޅިވިރުގެ ހުރިހާ ގުޅުމެއް ކަނޑާލަންޖެހެއޭ. އަދި އިންޑިއާއާ ދެކޮޅަށް ދުނިޔޭގެ ހުރިހާ ގައުމަކުން ފިޔަވަޅުއަޅަންޖެހެއޭ." ޖާވީދުގެ އިންޓަވިއުގައި ބުންޏެވެ.

އިންޑިއާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވަރަށް ގިނަ ސަރަހައްދުތަކުން އިންޓަރނެޓުގެ ޚިދުމަތް ވަނީ ކަނޑާލާފައެވެ. އަދި މުޒާހަރާ ކުރާ މީހުންދަނީ އާއްމުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދެމުންނެވެ. ފުލުހުންގެންދަނީ އާއްމުންނަށް އަނިޔާކޮށް މީހުންމަރަމުންނެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.