އިތުރު ހަރަކާތްތަކާއެކު މިއަހަރުވެސް ހިންމަލާ ފެސްޓިވަލް ބާއްވަނީ

އަހަރު ނިންމާލުމުގެ ގޮތުން އައްޑޫ ސިޓީގައި 2014 ވަނަ އަހަރު ބާއްވަން ފެށި "ހިންމަލާ ފެސްޓިވަލް" މިއަހަރު ވެސް ބާއްވަން ނިންމައިފިއެވެ. މިފަހަރުގެ ފެސްޓިވަން ބާއްވާނީ "ހިންމަލާ ފެސްޓިވަލް 2019" ގެ ނަމުގައެވެ.

މިފަހަރުގެ ފެސްޓިވަލް ވެސް އިންތިޒާމް ކުރަނީ އައްޑޫ ފްރެންޑްސް އިންނެވެ އެޖަމިއްޔާއިން ބުނީ މިދިޔަ އަހަރަށްވުރެ މިފަހަރުގެ ފެސްޓިވަލްގެ ހަރަކާތްތައް އިތުރުވެފައި ރަނގަޅުވާނެ ކަމަށެވެ.

އަހަރު ނިންމާލުމުގެ ގޮތުން ބާއްވާ މިފެސްޓިވަލް އޮންނާީ ޑިސެމްބަރު 31 ވަނަ ދުވަހުގެ ހަވީރު 4:00 އިން ފެށިގެން އެރޭ 12:00 އަށެވެ. ފެސްޓިވަލް ފެށުމުގެ ގޮތުން އޮންނާނީ ޢާއިލީ ހަވީރެއް ކަމަށް އައްޑޫ ފްރެންޑްސްއިން ބުންޏެވެ. އެ ހަވީރަށްފަހު ދެން ފެސްޓިވަލްގެ ހަރަކާތްތައް ފަށާނީ އެރޭ 8:00 ގައެވެ. އެރޭ އެންމެ ޚާއްސަ އެއްކަމަކަށް އޮންނާނީ ސްޓޭޖު ޝޯ އެވެ. އޭގެ އިތުރުން އަންހެނުންނާއި ފިރިހެނުންގެ ވައު ދެމުން އޮންނާނެއެވެ.

މިދިޔަ ފަހަރުގެ ފެސްޓިވަލުގައިވަނީ މޫދުކުޅިވަރާއި، ވާދެމުމާއި، މަސްރޭހާއި، ޢާއިލީ ހަވީރަކާއި، ގަސް އިންދުމުގެ ޙަރަކާތެއް ބާއްވައިފައެވެ. އެހެންނަމަވެސް މިފަހަރުގެ ޙަރަކާތްތައް އިތުރުވާނެ ކަމަށް އައްޑޫ ފްރެންޑްސް އިން ބުންޏެވެ. މިފަހަރުވެސް ރޯވިން އެސޯސިއޭޝަނާ ގުޅިގެން ފަލިޖެހުމާއި މޫދުގެ އިތުރު ކުޅިވަރުތައް އޮންނާނެއެވެ. އަދި މިދިޔަ އަހަރަށްވުރެ ސްޓޭޖު ޙަރަކާތްތައް މިފަހަރު އިތުރުވާނެ ކަމަށް ވެސް އެޖަމިއްޔާއިން ބުންޏެވެ.

މިފަދަ ފެސްޓީވަލްތައް ރަށުގައި ބޭއްވުމުން ބޮޑު ޗުއްޓީއަށް ރަށުން ބޭރަށް ނުދެވިފައިތިބި މީހުންނަށް އުފާވެރި ވަގުތުކޮޅެއް ޢާއިލާއާއި ރައްޓެހިންނާއެކކު ހޭދަކޮށްލަން ލިބޭނެ ކަމަށް އެޖަމިއްޔާ އިން ބުންޏެވެ. އަދި މިފެސްޓިވަލްގެ ސަބަބުން އިޖުތިމާޢީ ރޫޙު ވަރުގަދަވެ، އެކުވެރިކަން އަލާވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އެޖަމިއްޔާއިން ބުންޏެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.