މިޔަންމާ ސަރުކާރުން އެ ގައުމުގެ ބައިމަދު ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތައް އދ. ގެ އާއްމު މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ކުށްވެރިކޮށްފިއެވެ.
ރޮހިންޖާ މުސްލިމުން ޝަރީއަތެއް ނެތި ބަންދުގައި ބޭތިއްބުމާއި، ބަންދުގައެ އެ މީހުންނަށް ލާއިންސާނީ އަނިޔާކުރުމާއި، އަންހެނުންގެ އިއްފަތް ފޭރިގަތުމާއި، މަރާލުން ފަދަ، މިޔަންމާ ސަރުކާރުން ހިންގާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތައް ކޮށް އާއްމު މަޖިލީހުން ފާސްކުރި ގަރާރާ އެއްކޮށްޅަށް އދ. ގެ މެންބަރު 193 ގައުމުގެ ތެރެއިން 134 ގައުމު ވަނީ ވޯޓުލާފައެވެ. 9 ގައުމަކުން ގަރާރާ ދެކޮޅަށް ވޯޓުލިއިރު، ވަކި ފަރާތަކަށް ނުޖެހި ތިބީ 28 ގައުމެވެ.
އެ ގަރާރުގައި ވަނީ ރޮހިންޖާ މުސްލިމުންނާ، ރަކާއިން އަދި ޝާން ސްޓޭޓުގައި ދިރިއުޅޭ ބައިމަދު އެހެން މީހުންނާ ދެކޮޅަށް ނަފުރުތު އުފެއްދުމާ، އެމީހުންނަށް ހަމަލާދިނުމަށް ހިތްވަރު ދިނުން ފަދަ ކަންކަން ހުއްޓުމަކަށް ގެނައުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވައިލާފައެވެ.
އަދިވެސް އެގަރާރުގަ ވަނީ ފާއިތުވި ސާޅީހަކަށް އަހަރުގެ ތެރޭގައި މިޔަންމާއިން ބަންގްލާދޭޝްއަށް ރޮހިންޖާ ރެފިއުޖީން ވަންނަން މަޖުބޫރުކުރާތީ، އަދި ވަކިން ޚާއްސަކޮށް ފާއިތުވި ދެ އަހަރުގެ ތެރޭގައި އެކަން އެތައް ގުނައަކަށް އިތުރުވެފައިވާތީ، ނިހާޔަތަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
"ރޮހިންޖާ މުސްލިމުންނާއި، މައިމަދު އެހެން ނަސްލުތަކުގެ މީހުންނާ ދެކޮޅަށް އިންސާނީ ހައްގުތަކާ ޚިލާފު އެތައް ކަމެއް ހިންގައި، ލާއިންސާނީ އަނިޔާކޮށްފައިވާކަން" އދ. އިން މިޔަންމާއަށް ފޮނުވި ޚާއްސަ މިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފާއިވާތީ ގަރާރުގައި އެކަންވެސް ފާހަގަކޮށްފައި ވެއެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ ޖަރީމާތަކަކީ "ބައިނަލް އަގްވާމީ ގާނޫނުން އެންމެ ބޮޑެތި ޖަރީމާތައް ކަމުގައި ބަލާ" ޖަރީމާތަކެވެ.
ރޮހިންޖާ މުސްލިމުންގެ އެތައް ޖީލެއް މިޔަންމާގައި ޒަމާނުއްސުރެ ދިރިއުޅެފައި ވާއިރު، އެ ގައުމުން ދެކެނީ ރޮހިންޖާއިންނަކީ ބަންގްލާދޭޝްއިން އައިސްތިން 'ބަންގާޅީން' ކަމުގައެވެ.