ކަަޒަކިސްތާނުގެ އެންމެ ބޮޑު ރަށް އަލްމާޓީގެ އެއާޕޯޓުން 100 މީހުންނާއެކު ފުރި މަތިންދާބޯޓެއް ކޮންޓްރޯލް ނުވެ އިމާރާތެއްގައި ޖެހި އެ ބޯޓުން ދަތުރުކުރި ބަޔަކު މަރުވެެއްޖެއެވެ.
ޚަބަރު ލިބޭ ގޮތުގައި އެ ބޯޓުގައި ތިބީ 95 ފަސިންޖަރުންނާއި، 5 ފަޅުވެރިންނެވެ.
ކަޒަކިސްތާނުގެ މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް އިފްރާސްޓްރަކްޗާއިން ބުނި ގޮތުގައި ބެކް އެއާގެ ފޮކާ-100 މަރުކާގެ މަތިންދާބޯޓު އެއާޕޯޓުން ފުރިތަނާ ބޯޓަށް މައްޗަށް ނޭރި ތިރިވަމުންގޮސް ކައިރީގައި ހުރި ދެބުރި އިމާރާތެއްގައި ޖެހުނީއެވެ. މިނިސްޓްރީން ބުނި ގޮތުގައި ބޯޓުން ދަތުރުކުރި ގިނަ ބަޔަކު ވަނީ ސަލާމަތް ވެފައެވެ. މަދުވެެގެން 15 މީހުން މަރުވެފައިވާކަން މިހާތަނަށް ވަނީ ޔަގީންކުރެވިފައެވެ.
ފްލައިޓްވިއު.ކޮމްގައިވާ މައުލޫމާތުން އެނގޭ ގޮތުގައި ބެކް އެއާގެ ފްލައިޓް Z9 2100މިއަދު ޝެޑިއުލްކުރެވިފައި އޮތީ މިއަދު ހެނދުނު 7:05 (ރާއްޖޭ ގަޑިން ހެނދުނު 6:05) ގައި އަލްމާޓީން ފުރައިގެން 8:40 ގައި ވެރިރަށް ނޫރް ސުލްޠާން (އާސްތާނާ) އަށް ދާ ގޮތަށެވެ. އިންޑަސްޓްރީ އެންޑް އިންފްރާސްްޓްރަކްޗާއިން ބުނި ގޮތުގައި ބޯޓު ރަންވޭއިން އުދުއްސާލާފައި ވަނީ 7:22 ގައެވެ. އަދި ގިނަ އިރުތަކެއް ނުވެ ބޯޓު ވަނީ އިމާރާތުގައި ޖެހިފައެވެ.
އަލްމާޓީ އިންޓަރނޭޝަނަލް އެއާޕޯޓުން ނެރުނު ބަޔާނެއްގައި ވާތުން މަތިންދާބޯޓު އުދުއްސާލުމުން މައްޗަށް ނޭރި ފުރަތަމަ ގޮސް ޖެހުނީ ކޮންްކްރީޓް ފާރެއްގައެވެ. ދެން ޖެހުނީ ދެ ބުރި އިމާރާތެއްގައެވެ.
މަތިންދާ ބޯޓު އިމާރާތުގައި ޖެހިފައި ވެއްޓުނު އިރު އޭގައި އަލިފާން ރޯވެފައި ނެވެއެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ މީހުން މިހާރު ދަނީ ވެއްޓުނު ބޯޓުގެ ކައިރީގައި ހަރަކާތްތެރި ވަމުންނެވެ.
މިހާރު އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މަތިންދާބޯޓު ޖެހުނު އިމާރާތް ފުނޑުފުނޑުު ވެފައިވާއިރު، ބޯޓުވެސް ވަނީ ބައިބައިވެފައެވެ. އަދި އަލިފާނުގެ އެއްވެސް އަސަރެން ފެންނާކަށް ނެތެވެ.
ކުރީގެ ސޮވިއެޓް ޔުނިއަންގެ ބައެެއްގެ ގޮތުގައި އޮތުމަށް ފަހު ޑިސެންބަރު 1991 ގައި މިނިވަންވި ކަޒަކިސްތާނު ސަރުކާރުން މިހާރު ވަނީ ހާދިސާ ތަހުގީގުކުރުމަށް ކޮމިޓީއެއް އެކުލަވާލައި، ތަހުގީގުގެ މަސައްކަތް ފަށާފައެވެ.
ބެކް އެއާއަކީ 2011 ވަނަ ކަޒަކިސްތާނުގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދޭން ފަށާފައިވާ ކުންފުންޏެކެވެ. ކަޒަކިސްތާނުގެ އެތެރޭގައި ޚިދުމަތްދޭ މި ކުންފުނިން އެ ގައުމުގެ 13 ރަށަކަށް ދަތުރުކުރެއެވެ. އެ އެެއާލައިނުން މުޅިންވެސް ބޭނުންކުރަނީ ފޮކާ-100 މަރުކާގެ މަތިންދާބޯޓުތަކެވެ. އެ މަރުކާގެ 8 މަތިންދާބޯޓު އެ އެއާލައިނުގައި އޮވެއެވެ.