ގަސްގަހާގެއްސާއި ފެނާ ހުރި ގުޅުން

ކިތަންމެ ކުޑަ ގަހަކަށް ވިޔަސް ނުވަތަ ކިތަންމެ ބޮޑު ގަހަކަށް ވިޔަސް ނުވަތަ ބިންމަތީގައި ހެދިފައި ހުންނަ ކުދި ކުދި ވިނަ ގަސް ކަމުގައި ވިޔަސް ކޮންމެ ގަހަކަށް ވެސް ގުދުރަތުން ދެއްވާފައިވާ ޚާއްޞަ ބާރެއް އޮވެ އެވެ. އެއީ ބިމުން ލިބޭ ފެން އެ ގަހެއްގެ މުލުން ލާފައި ގޮސް ހުރިހައި ގޮތްޕަކަށާއި ފަތް ތަކަކަށް ވާސިލު ކޮށް ދިނުމުގެ ބާރެވެ. އެހެން ނަމަވެސް މި ދެންނެވުނު ފަދައިން މުލުން ފެށިގެން ގޮފިތަކާ ހަމައަށް ފެން ދަތުރު ކުރަނީ ހަމައެކަނި ގަސްގަހާގެއްސަށް ލިބިފައިވާ ބާރެއްގެ ސަބަބުންނެއް ނޫނެވެ. މި ދަތުރު ކާމިޔާބީ އާއެކު ފުރިހަމަ ކުރެވެނީ ގަސްގަހާގެއްސަށް ލިބިފައިވާ ބާރަކާއި ފެނުގައި ލައްވާފައިވާ ޚާއްޞަ ބާރަކާ އެކުވެގެންނެވެ.

ފެނަށް ލިބިފައިވާ ޚާޞިއްޔަތު އެނގުނީމާ މި ދެންނެވުނު ދެ ބާރު އެކުލެވޭ ގޮތް ވަރަށް ރަނގަޅަށް ސިފަ ކުރެވޭނެ އެވެ.

ފެނަކީ ދުނިޔޭގެ ދިރުމަށް ކޮންމެހެން ބޭނުން އެއްޗެއްކަން ވަރަށް ސާފުކޮށް އެނގެ އެވެ. ފެނަކީ ވަކި ޚާއްޞަ ސިފަތަކާއި މަޤްޞަދު ތަކަކާ އެކު ހައްދަވައިފައިވާ އެއްޗެކެވެ. ފެނުގައި ލައްވައިފައިވާ އެންމެ ޚާއްޞަ އެއް ސިފަ އަކީ ފެނުގައި ލައްވާފައިވާ ސަރފަސް ޓެންޝަނެވެ. މި ސަރފަސް ޓެންޝަނަކީ ފެނުގެ މަތީ ފަށަލައިގައި ހުންނަ މޮލެކިއުލްތައް (ޒައްރާތައް) އެކަތި އަނެކައްޗާ ދިމާއަށް ދަމަން ފެށީމާފެނާއި ވައި ވަކި ވުމުގެ ސަބަބުން އުފެދޭ ބާރަކަށް ކިޔާ ނަމެކެވެ. މި ޓެންޝަން ގެ ސަބަބުން ކަންވާރެއްގައި ހުންނަ ޖާގަ އަށް ވުރެ ކުޑަ ތަންކޮޅެއް އިތުރު ވާ ވަރަށް އެ ކަންވާރަކަށް ފެން އެޅެ އެވެ. އެކަމަކު އެ ކަންވާރަކުން ފެން ބަންޑުންވާ ގޮތެއް ނުވެ އެވެ. އަދި ތިނޯހެއް މަޑު މަޑުން ފެނުގެ މަތީގައި ބާއްވައިފި ނަމަ ފެތިގެން އަޑިއަށް ނުގޮސް އޮންނަ ގޮތް ވެ އެވެ.

ފެނުގައި ހުންނަ ސަރފަސް ޓެންޝަނަކީ އެހެނިހެން ދިޔާ އެއްޗެހީގައި ހުންނަ ޓެންޝަނަށް ވުރެ މާ މަތީ ޓެންޝަނެކެވެ. ވުމާއެކު ފެނުގެ ސަބަބުން ދުނިޔެއަށް ކުރާ ފައިދާ އެހެން ދިޔާ އެއްޗެހީގެ ސަބަބުން ކުރާ ފައިދާއަށް ވުރެ މާ ބޮޑެވެ. ފެނުގެ ސަބަބުން ގަސްގަހާގެއްސަށް ކުރާ ފައިދާ ތަކުގެ މައްޗަށް ކުޑަކޮށް ބަލައިލާނަމެވެ.

ގަސްގަހާގެއްސަކީ ބިމުގައި ހުންނަ ފެން، އެއްވެސް ކަހަލަ މޯޓަރެއް ނުވަތަ ޕަމްޕެއް ކަހަލަ އެއްޗެއް ބޭނުން ނުކޮށް، ބިމުގެ މައްޗަށް އެތައް މީޓަރަކަށް ގެންގޮސް ދިނުމުގެ ބާރު ލިބިފައިވާ އެއްޗެކެވެ. އިންސާނީ ވަސީލަތްތަކަށް ބަލާ އިރު ބުރި ބުރިއަށް ޢިމާރާތް ކޮށްފައިވާ ގެއެއްގެ އެންމެ މަތީ ބުރިއަށް ފެން ލިބޭ ގޮތް ހަދަން ވެއްޖެ ނަމަ އެންމެ މި ޒަމާނުގެ ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން އުފައްދާފައިވާ މޯޓަރު ނުވަތަ ޕަމްޕް ފަދަ އެއްޗެހި ބޭނުން ނުކޮށް އެއްގޮތަކަށް ވެސް ވާކަށް ނޯވެ އެވެ. ގަސްގަހާގެއްސަކު މި ފަދަ ނިޒާމެއް ނުހުރެ އެވެ. ގަހުގެ އެންމެ ކުރިއާ ހަމައަށް ފެން ގެންދެވެނީ ފެނުގައި ހުންނަ ސާރފަސް ޓެންޝަނުގެ ސަބަބުންނެވެ. ގަސްތަކުގައި ލައްވާފައިވާ މުލާއި ގޮފި ތަކަކީ ހޮޅި ތަކެއް ކަހަލަ އެއްޗިއްސެވެ. އެ އެއްޗެހި ހައްދަވައިފައި ވަނީ ފެނުގެ ސާރފަސް ޓެންޝަންގެ ބޭނުން ކުރެވޭ ފަދަ ގޮތަކަށެވެ. މައްޗަށް ދާ ވަރަކަށް މި ދެންނެވުނު ހޮޅިތައް ދަނީ ހިމަ ވަމުންނެވެ. ވުމާއެކު ފެން މައްޗަށް ދާ ގޮތް ވަނީ އެވެ. އެހެނިހެން ދިޔާ އެއްޗެއްސެކޭ އެއް ފަދައިން ފެނުގެ ސާރފަސް ޓެންޝަން މިހާރު ހުންނަ ވަރަށް ވުރެ ދަށް ކޮށް ހުންނަ ނަމަ ގަސްގަހާގެއްސަށް ދިރިއެއް ނުހުރެވޭނެ އެވެ. މިހެން ވެއްޖެ ނަމަ ދުނިޔޭގައި ލެއްވި ހުރިހައި ދިރޭ ތަކެއްޗަށް އެ ކަމުގެ އަސަރު ކުރާނެ އެވެ. އެހެން ނަމަވެސް ފެނާއި ގަސްގަހާގެހި އުފައްދަވައިފައިވާ ފުރިހަމަ ނިޒާމްގެ ސަބަބުން މި މައްސަލަ އެއްގޮތަކަށް ވެސް ކުރިމައްޗެއް ނުވެ އެވެ.

ފެނުގެ ސާރފަސް ޓެންޝަނާއި ގަސްގަހާގެހި އުފެއްދެވުމުގައި ލައްވައިފައިވާ އެއް ގޮތް ކަމެއްގެ ސަބަބުން ނުވަތަ މި ދެ ބައިގައި ހުންނަ ބޮޑު ގުޅުމެއްގެ ސަބަބުން ސާބިތު ވަނީ ﷲ ގެ ކުޅަދުންވަންތަ ކަމެވެ. މި ކަންތައްތަކުން ސާބިތު ވަނީ ކާއިނާތާއި ކާއިނާތުގައި ލައްވައިފައިވާ އެއްޗެހި ވުޖޫދަށް އައީ އެއްވެސް ފަރާތެއްގެ ބާރަކާ ނުލައި އަމިއްލައަކަށް ނޫން ކަމެވެ. އެއީ ހުރިހައި ކަމަކަށް ކުޅަދުންވަންތަ ﷲ ސުބުޙަނަހޫ ވަތަޢާލާގެ ޤުދުރަތްތެރިކަމުގެ ނަމޫނާތަކެއް ކަމެވެ. (ހާރޫން ޔަޙްޔާގެ ލިޔުއްވުމެއްގެ ތަރުޖަމާ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.