ފަސް ސަރަހައްދުގައި ހޮސްޕިޓަލްތައް ގާއިމް ކުރުމުން ފަރުވާއަށް މާލެ އަންނާކަށް ނުޖެހޭނެ: ރައީސް އޮފީސް

ސިއްހީ ދާއިރާއިން ސަރުކާރުން އެންމެ އިސްކަދީފައިވާނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ރީޖަނަލް ހޮސްޕިޓަލްތައް ގާއިމް ކުރުމަށް ކަމަށް ރައީސް އޮފީހުގެ ޗީފް ކޮމިޔުނިކޭޝަން ސްޓްރެޓެޖިސްޓު އިބުރާހީމް ހޫދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އެ ހޮސްޕިޓަލްތައް އަޅަނީ ރައްޔިތުންނަށް މިހާރު ދިމާވެފައިވާ ސިއްހީ ފަރުވާގެ މައްސަލަތަކަށް ލުޔެއް ހޯއްދަވައިދެއްވުމަށެވެ. މިއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވަޢުދެއް ވެސް މެއެވެ.

އެ ހޮސްޕިޓަލްތައް ގާއިމްކުރެވުމުން އެތަންތަނުން ސީޓީ ސްކޭން ޚިދުމަތާއި، ނިއޮނޭޓަލް އައިސީޔޫގެ ޚިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރަށް އޮޕަރޭޝަން ތިއޭޓަރުތަކާއި، ލެބޯރަޓަރީތަކުގެ ފެންވަރު އިތުރަށް ތަރައްގީކޮށް ފެންވަރު ރަނގަޅު ޚިދުމަތެއް ލިބޭނެގޮތް ވެގެންދާނެއެވެ. އެ ފަސް ހޮސްޕިޓަލް ގާއިމްކުރެވި ޚިދުމަތްދޭން ފެށުމުން "ބަލިވުމުން މާލެ ނައިސް ފަރުވާ ހޯދުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ،" ހޫދު ވިދާޅުވިއެވެ.

އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވައިފައިވާ ބަޖެޓަކީ ދިވެހި ތާރީޚުގައި ވެސް ތައުލީމާއި ސިއްހަތާއި އަދި އުމްރާނީ ތަރައްގީއަށް އެންމެބޮޑު ހޭދައެއް ކުރާނެ ބަޖެޓު ކަމަށް ހޫދު ވިދާޅުވިއެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމް، ސްޓޫޑެންޓް ލޯން ސްކީމް، ސްކޮލަރޝިޕް ސްކީމަށް ޚަރަދު ކުރާނެ ފައިސާ އެބަޖެޓުގައި ހުންނާނެއެވެ. އޭގެ އިތުރުން އަތޮޅުތެރޭ ސްކޫލްތަކާއި މާލޭ ސްކޫލްތަކުގެ ޓީޗަރުންގެ ފެންވަރު ރަނގަޅު ކުރުމަށް ޕްރޮގްރާމްތައް ހިންގާނެ ފައިސާއާއި ދަރިވަރުންނަށް ދެވޭ ޚިދުމަތްތައް މިހާރަށްވުރެ ރަނގަޅަށް ދިނުމަށް ބޭނުންވާ ފައިސާވެސް ބަޖެޓުގައި ހުންނާނެ ކަމަށް ހޫދު ވިދާޅުވިއެވެ. "ތަރައްގީގެ ހުރިހާ ކަންކަމަށް ބަޖެޓުގައި ހިމަނާފައި ހުންނާނެ،" އޭނާ ވިދާޅުވިއެވެ.

ނިމިގެން މިދާ އަހަރު ސަރުކާރުން ވަނީ ރައްޔިތުންނަށްޓަކައި ވަރަށްގިނަ ކަންކަން ކޮށްދެއްވާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެތެރޭގައި އެތެރޭގެ އުދުހުންތަކުގެ ޓިކެޓު އަގުހެޔޮކުރުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް  ލޯނުލިބުން ފަހިކޮށް ދިނުމުގެ ގޮތުން އެސްއެމްއީގެ ނަމުގައި ބޭންކެއް ގާއިމްކުރެވި ލޯނު ދޫކުރަން ފެށުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސްގެ ތަރައްގީގެ ތަސައްވުރަކީ ރާއްޖެ ޖަޒީރާވަންތަ ގައުމެއްގެ ގޮތުގައި ތަރައްގީ ކުރުން. މިކަމުގައި އެންމެ އިސްދައުރެއް އަދާކުރާނެ ފަރާތްތަކީ ރާއްޖޭގެ ރަށްތަކާއި އަތޮޅުތަކާއި ސިޓީތައް. އެކަމުގައި އެންމެ ބޮޑު ސްޓޭކްހޯލްޑަރުންނަކީ އެތަންތަނުގެ ކައުންސިލް އިދާރާތައް،" ހޫދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުރިން ހިފަހައްޓާފައިވާ ކައުންސިލްތަކުގެ ބާރުތައް އަނބުރާ ހަވާލުކުރުމަށްފަހު އިތުރު ބާރުތަކެއްވެސް ކައުންސިލްތަކަށް މިހާރުވަނީ ދީފައި ކަމަށެވެ. އަދި ކައުންސިލްތަކަށް ފައިސާ ހަމަޖައްސައި ބަޖެޓު މިހާރު ބޮޑުކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފާއިތުވި އަހަރު ތެރޭގައި ވަނީ ރާއްޖޭގެ 91 ރަށެއްގައި118 ޢުމްރާނީ ތަރައްގީގެ މަސައްކަތް ފަށައިފައި ކަމަށް ވެސް ހޫދު ވިދާޅުވިއެވެ. އެއީ މިސަރުކާރުން ފަންޑުކޮށްގެން އަލަށް ފެށި މަޝްރޫއުތައް ކަމަށާއި އެއީ ރެކޯޑު އަދަދެއްގެ މަޝްރޫޢުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.