ތައިލޭންޑުގައި ތިން މުސްލިމަކު މަރާލި މައްސަލައިގައި ސިފައިންގެ މައްޗަށް ދައުވާ އުފުލައިފި

ތައިލޭންޑު ސިފައިން ބަޑިޖެހުމުގެ ސަބަބުން މަރުވި މުސްލިމެއްގެ މަންމަ ހިތާމަކުރަނީ

ތައިލެންޑުގެ ދެކުނުގެ ފަރުބަދަމަތީ ސަރަހައްދެއްގައި ކާބޯތަކެތި ހޯދަން ނުކުމެ އުޅުނު ތިން މުސްލިމަކު މަރާލި މައްސަލައިގައި ސިފައިންގެ ދެމީހުންގެ މައްޗަށް ދައުވާ އުފުލައިފިއެވެ. ތައިލޭންޑުގެ ހިއުމަން ރައިޓްސް ވޮޗްއިން ބުނި ގޮތުގައި މިފަދަ ޝަރީއަތެއް ހިންގުމަކީ އެގައުމުގައި ކުރިން ހިނގާފައިވާ ކަމެއް ނޫނެވެ.

ސިފައިންގެ ދެ މީހުންގެ މައްޗަށް ދައުވާ އުފުލިން ހާމަކޮށްފައި މިވަނީ، އަތުގައި ހަތިޔާރެއް ނެތް އާއްމުންގެ ތިން މީހުން މަރާލެވިފައި ވަނީ އޮޅުމަކުން ކަމަށް ބުނެ ތައިލޭންޑުގެ އަސްކަރިއްޔާއިން މާފަށް އެދި ބަޔާނެއް ނެރެފައި ވަނިކޮށެވެ. އެ ސަރަހައްދަކީ ތައިލޭންޑު ސަރުކާރާ ދެކޮޅު މުސްލިމް ހަނގުރާމަވެރިން ހަރަކާތެރިވާ ސަރަހައްދެކެވެ.

މި މަހުގެ 17 ވަނަ ދުވަހު ސިފައިންގެ ދެ މީހަކު ވަނީ ނަރަތިވަތު ޕްރޮވިންސުގެ ޖަންގައްޔެއްގެ ތެރޭގައި އުޅުނު އުމުރުން 24 އަހަރާ 27 އަހަރާ ދެމެދުގެ މުސްލިމް ތިން ޒުވާނެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައެވެ.  އޭގެ ދެ ދުވަސް ފަހުން އެއީ ގޯސްކޮށް ކުރެވުނު ކަމެއް ކަމަށް އެއްބަސްވެ ތައިލޭންޑުގެ އަސްކަރިއްޔާއިން ބަޔާނެއް ނެރުފައިވާއިރު، އެކަން ތަހުގީގުކުރާނެކަންވެސް އެ ބަޔާނުގައި ހާމަކޮށްފައި ވެއެވެ. މިއީ، މުސްލިމް ހަނގުރާމަވެރިން ހަރަކާތްތެރިވާ ދެކުނުގައި ހިނގި ހާދިސާއަކާމެދު ތައިލޭންޑު ސިފައިން ކުރިން އަމަލުކުރި ގޮތެއް ނޫނެވެ.

ނަރަތިވަތު ޕްރޮވިންސުގެ ޕޮލިސް ޗީފް ވިދާޅުވި ގޮތުގައި ސިފައިންގެ ދެ މީހުން ވަނީ އެމީހުން އަމިއްލައަށް އަމުރުވެރިންކަމަށް ދެކިގެން އަމަލުކޮށްފައެވެ. އެ ސަރަހައްދުގެ ސިފައިންގެ ވެރިޔާ މޭޖާ ޖެނެރަލް ނަރީން ބޫސަމަން ވިދާޅުވި ގޮތުގައި ސިފައިންގެ ދެ މީހުންގެ މައްޗަށް ގަސްތުގައި ބަޔަކު މަރާލި ކަމުގެ ދައުވާ އުފުލާފައިވާއިރު، އެ ދެމީހުން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްފައެވެ.

"އަހަރުމެންނަށް ލިބިފައިވާ މައުލޫމާތުގެ ދެ ފުށް ބަލާނަން. ހުރިހާ ފަރާތަކާ މެދުވެސް އަމަލުކުރާނީ އިންސާފުވެރިކަމާއެކު." އޭނާ ވިދާޅުވިއެވެ.

ތައިލޭންޑުގެ ހިއުމަން ރައިޓްސް ވޮޗްއިން ބުނެފައިވާ ގޮތުގައި މިހާރު އެ ސަރަހައްދުގައި ވަނީ ޖަންގަލިތެރޭގައި އެގޮތަށް ނުއުޅުމަށް އިލްތިމާސްކޮށް، ނޫންނަމަ ކަމާބެހޭ ފަރާތްތަކަށް "އޮޅިދާނެ" ކަމުގެ އިންޒާރުދީ ބޯޑުޖަހާފައެވެ.

"މިހާރު އިންސާފު ލިބޭނެ ކަމުގެ ކުޑަކުޑަ އުއްމީދެއް އެބައޮތް. އެހެނަސް، އަދިވެސް ކަޑައްތުކުރަން އޮތް ރާސްތާ ވަރަށް ދިގު." ހިއުމަން ރައިޓްސް ވޮޗް، ތައިލޭންޑުގެ ސީނިޔާ ރިސާޗާ ސުނާއީ ޕަސުކް ވިދާޅުވިއެވެ.

ބުޑިސްޓުގެ ބައިބޯ ތައިލޭންޑުގެ ދެކުނުގައި އުޅޭ މެލޭ ދަރިކޮޅުގެ މުސްލިމުންގެ ހަނގުރާމަވެރިންނާ ތައިލޭންޑު ސިފައިންނާ ދެމެދު ހަނގުރާމަ ހިނގާތާ 15 އަހަރު ވެއްޖެއެވެ. މި ހަމަނުޖެހުމުގައި 7 ހާހަށްވުރެ ގިނަ މީހުން މަރުވެފައި ވާއިރު، މަރުވި މީހުންގެ ތެރޭގައި ގިނައީ މުސްލިމް އަދި ބުޑިސްޓު އާއްމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.