ފިލިޕީންސްގައި އާބާދީ ކޮންޓްރޯލް ކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ފަށައިފި

ފިލިޕީންސްގައި އާބާދީ ކޮންޓްރޯލް ކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ. ރައީސް ރޮޑްރިގޯ ޑުޓާޓޭ ގެ ޚާއްސަ އަމުރުފުޅަކަށް ފަށާފައިވާ ޕްރޮގްރާމްގެ ދަށުން ހަމިލިއަނެއްހާ އަންހެނުންނަށް ، ދޭތެރެ ދުރު ކުރުމަށް ބޭނުންކުރާ ބޭސް ފޯރުކޮށްދެވޭނެއެވެ. މިކަމުގައި އިސްކަން ދެވޭނީ އަމިއްލަޔަށް ބޭސް ނުގަނެވޭފަދަ ފަގީރުންނަށް ކަމަށް ޚަބަރުތައް ބުނެއެވެ. ރައިސް ޑުޓާޓޭ ވިދާޅުވީ ދޭތެރެ ދުރުކުރުމުގެ ޕްރޮގްރާމެއް ފެށުމުގެ މައިގަޑު ބޭނުމަކީ ރޭވުމެއްނެތި އުފަންކުރުވާ ކުދިންގެ އަދަދު މަދު ކުރުންކަމުގައެވެ.

އާއިލާ ރޭވުމާއިދޭތެރެ ދުރުކުރުމަކީ ފިލިޕީންސްގައި ގިނަބަޔަކު ދީނީ ގޮތުން ގަބޫލުކުރާކަމެއް ނޫނެވެ. ރޭވުމެއްނެތި އުފަންވާކުދިންގެ އަދަދު މަދު ކުރުމަށް ނިމުނު ސަރުކާރުން ކުރި މަސައްކަތަށް ސުޕްރީންކޯޓުންވެސް ވަނީ ހުރަސްތަކެއް ކުރިމަތި ކުރުވާފައެވެ .

ފިލިޕީންސް ސަރުކާރުގެ މިހާރުގެ އަމާޒަކީ ދެހާސްބާވީސްވަނައަހަރުގެ ނިޔަލަށް އެގައުމުގެ ފަގީރުކަމުގެ ނިސްބަތް އެކާވީސް އިންސައްތައިން ތޭރަ އިންސައްތަޔަށް ދައްކުރުމަށެވެ.

އދ ގެ ތަފާސް ހިސާބުތަކުންދައްކާގޮތުގައި ، ފާއިތުވި ވިއްސަކަށް އަހަރުތެރޭވެސް ، "ޓީންއޭޖް" އޭ މިކިޔާ އުމުރުގެ އަންހެންކުދިން އެންމެ ގިނައިން ބަލިވެއިނދެފައިވާ އޭޝިޔާ ޕެސިފިކްގެ ގައުމަކީ ފިލިޕީންސް އެވެ.

ފިލިޕީންސްގެ މިހާރުގެ އާބާދީ އަކީ 103މިލިއަން އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.