ސްޕްރީމްކޯޓުގެ އިޙްތިސާސް ތަކުގެ ބޭރުން ނިންމާފައިވާ ކަންކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަޙުމަދު ފާއިޒު ޙުސައިން ބައިވެރިވެ ވަޑައިގެންފައިވަނީ ކިހާވަރަކަށްތޯ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން އެގޮތަށް ނިންމެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އެނާ އައްޔަން ކުރެއްވުމާމެދު އެކޮމިޝަންގެ ލަފައަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު އެދިވަޑައިގެންނެވުމުން އެކަމަށްޓަކައި މިއަދު ބޭއްވި ބައްދުލު ކުރެއްވުމުގައެވެ.
މިއަދުގެ ބައްދަލުވުމުގައި ޖޭއެސްސީން ނިންމެވީ ފާއިޒާ ބެހޭގޮތުން ރައީސަށް ލަފާ އެރުވުމުގެ ކުރިން އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމާއި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނެވި ދުވަސްވަރު ސުޕްރީމް ކޯޓުގެ އިޙްތިސާސްގެ ބޭރުން ނިމާފައިވާ ކަންކަމުގައި އޭނާގެ ބައިވެރިވުން އޮތް މިންވަރު ދެނެގަތުމަށެވެ.
ޖޭއެސްސީން މިއަދު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އުއްތަމަ ފަނޑިޔާރަކަށް ފާއިޒު ހުންނެވި ދުވަސްވަރު ޤާނޫނާ ޚިލާފަށް އަދި ސުޕްރީމްކޯޓުގެ އިޙްތިސާސުން ބޭރުން ކަންތައްތަކެއް ނިންމާފައިވާ ކަމަށެވެ. އަދި އެކަންކަމުގައި ބައިވެރިވި އެހެން ފަނޑިޔާރުން ވަނީ މަޤާމުން ވަކިކޮށްފައެވެ. އެހެން ކަމުން ޖޭއެސްސީން މިއަދު ނިންމެވީ އެކަން ކަމުގައި ފާއިޒު ބައިވެރިވެވަޑައިގެންފައިވާ މިންވަރު ބަލައިނުލައި ރައީސަށް ލަފާ ނާރުވާށެވެ.
"އަލްސްތާޒު އަޙުމަދު ފާއިޒު ޙުސައިން އަކީ އެބޭފުޅާ ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމާއި އަދި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަޤާމް އަދާކުރެއްވިއިރު ސުޕްރީމްކޯޓުގެ ބެންޗުން ނިންމާފައިވާ ޤާނޫނާ ޚިލާފު އަދި ސުޕްރީމްކޯޓުގެ އިޙްތިސާސުން ބޭރުން ދައުލަތުގެ އެހެން މުޢައްސަސާތަކުގެ އިޙްތިސާސުގެ ތެރެއަށް ވަދެ ނިންމާފައިވާ ނިންމުން ތަކުގައި ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ބެލެވޭ،" ޖޭއެސްސީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެ ސަބަބުތަކާއި އަދި އިތުރު އެހެންނިހެން މައްސަލަތަކަކާއެކު، އެ މައްސަލަތައް ނިންމެވި ސުޕްރީމްކޯޓުގެ އެހެން ފަނޑިޔާރުން މަޤާމުން ވަކިކުރައްވާފައިވާ ކަމަށް އެބަޔާނުގައިވެއެވެ. އެހެން ކަމުން "އެނިންމުން ތަކުގައި އަލްއުސްތާޒު އަޙުމަދު ފާއިޒު ޙުސައިން ބައިވެރިވެ ވަޑައިގެންފައި ވޭތޯއާއި އަދި ބައިވެރިވެ ވަޑައިގެންފައިވާނަމަ އެނިންމުން ތަކުގައި އަލްއުސްތާޒު އަޙުމަދު ފާއިޒު ޙުސައިން ބައިވެރިވެ ވަޑައިގެންފައިވަނީ ކިހާވަރަކަށްތޯ ބެލުމަށްފަހު އެ ނަންފުޅާމެދު ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމަށް ކޮމިޝަންގެ މިއަދުގެ ޖަލްސާއިން ނިންމިއެވެ." އެބަޔާނުގައިވެއެވެ.