މަތިންދާބޯޓު އުފުލާމަނަވަރު ތައިވާން ކަނޑުއޮޅި ހުރަސްކޮށް ކުރި ދަތުރަކީ އާދައިގެ ދަތުރެއް: ޗައިނާ

ޗައިނާގެ މަތިންދާބޯޓު އުފުލާމަނަވަރު ތައިވާން ކަނޑުއޮޅި ހުރަސްކޮށް ކުރި ދަތުރަކީ އާދައިގެ ދަތުރެއް ކަމަށް ޗައިނާގެ ވައިސް ފޮރިން މިނިސްޓަރ ވިދާޅުވެއްޖެއެވެ. ޗައިނާއާއި ތައިވާންގެ މަޝްރަޚް ހޫނުވެފައިވާ މިދަޑިވަޅުގައި މިފަދަ ދަތުރެއް ކޮށްފައިވާތީ އެކިފަރާތްތަކުންދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

ޗައިނާގެ އެއާކްރާފްޓް ކެރިއަރު ދަތުރުކުރީ ދެކުނުޗައިނާ ކަނޑުގައި ކުރިޔަށް ގެންދިޔަ ތަމްރީންތަކެއް ނިންމާލުމަށްފަހު ކަމަށާ މިދަތުރުގައި ތައިވާންގެ ކަޑުގެ ސަރަހައްދަށް ވަދެފައިނުވާ ކަމަށް ތައިވާނުންވެސް ބުދަދުވަހު ބުނެފައިވެއެވެ. ކަނޑުގެ ސަރަހައްދަށް ވަދެފައިނުވިނަމަވެސް  ތައިވާންގެ ޖެޓްތަކާ މަގުދައްކާބޯޓުތައް ހަރަކާތްތެރިވެފައިވަނީ ތައިވާންގެ އެއާ ޑިފެންސް ސަރަހައްދަށް ޗައިނާގެ ބޯޓުތައް ވަދެފައިވާތީ ކަމަށް ތައިވާނުން ބުނެފައިވެއެވެ.

ތައިވާން އާއި ޗައިނާއާއިދެމެދު މަޝްރަޚް ހޫނުވެފައިވަނީ ތައިވާން އަކީ ވަކި ގައުމެއް ގޮތުގައި ބޭއްވުމަށް އެމެރިކާއިން ތާއީދުކޮށްފައި ވަނިކޮން ، ތައިވާންގެ ރައީސާ އެމެރިކާގައި މަޑުކޮށްލެއްވި ދަތުރުފުޅަކަށް ފަހުގައެވެ. ޗައިނާއިންދައުވާކުރަނީ ތައިވާނަކީ ޗައިނާގެ އެއްބައިގެ ގޮތުގައި ބޭއްވުމަށެވެ.

ޗައިނާއިން ދެކުނު ޗައިނާކަނޑުގައި އެންމެ ފަހުން ބޭއްވި އަސްކަރީ ތަމްރީން ތަކުގެ ސަބަބުން ތައިވާންގެ އިތުރުން އެހެންއެތައް ގައުމަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ .  ދެކުނު ޗައިނާ ކަނޑުން އަހަރަކު ފަސް ޓްރިލިއަނެއްހާ ޑޮލަރުގެ މުދާ އުފުލޭއިރު މިސަރަހައްދުން ބަޔެއްގެ މިލްކްވެރިކަމަށް ބްރޫނާއީ ، މެލޭޝިޔާ ، ފިލިޕީންސް ، ތައިވާން އަދި ވިއެޓްނާމުން ދަނީ ދައުވާކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.