އަލްޖީރިޔާ (އަލްޖަޒާއިރު) ގެ ސިފައިންގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް އަޙްމަދު ޤާއިދު ޞާލިޙު އަވަހާރަވެއްޖެއެވެ. އަލްޖީރިޔާގެ ރަސްމީ ޓީވީން ބުނި ގޮތުގައި މިއަދުގެ ހެނދުނުގެ ވަގުތެއްގައި އޭނާ އަވާހަރަވީ ހިތްޕުޅު ހުއްޓިގެންނެވެ. އޭނާ އަވަހާރަވުމާ ގުޅިގެން ރައީސު ޢަބްދުލްމަޖީދު ތަބޫން ވަނީ ސިފައިންގެ ވެރިޔާގެ މަގާމަށް އެއްގަމު ސިފައިންގެ ކޮމާންޑަރުގެ މަގާމުގައި ހުންނެވި ޖެނެރަލް ސަޢީދު ޝަންޤަރީޙާ އައްޔަންކުރައްފާއެވެ. އަދި ޖެނެރަލް ޞާލިޙު އަވަހާރަވުމުގެ ހިތާމައިގައި 7 ދުވަހުގެ ރަސްމީ ހިތާމަ އިއުލާންކުރައްވާފައެވެ.
މިއަދު އަވަހާރަވީ ޖެނެރަލް ޞާލިޙު ފާހަގަކުރެވިފައިވަނީ އަސްކަރީ ބާރުގެ އިތުރަށް ސިޔާސީ ގޮތުން ނުފޫޒުގަދަ ބޭފުޅެއްގެ ގޮތުގައެވެ. ރައްޔިތުން ނުކުމު ކުރީގެ ރައީސު ޢަބްދުލްޢަޒީޒު ބޫތަފްލީޤާއާ ދެކޮޅަށް މުޒާހަރާކުރަން ފެށުމުން އޭނާއަށް އިސްތިއުފާ ދެއްވަން މަޖުބޫރުކުރެއްވީ ވެސް ޖެނެރަލް ޞާލިޙުކަމަށް ބެލެވެއެވެ.
އަދި ކުރީގެ ސިޔާސީ ބޭފުޅުންނާއި ނުލައި ފަންނީ ބޭފުޅުންގެ ވަގުތީ ސަރުކާރެއް އެކުލަވާލައި، އެ ސަރުކާރުގެ ބެލުމުގެ ދަށުން އެކުލަވާލެވޭ ގާނޫނު އަސާސީއަކާ އެއްގޮތަށް ރިޔާސީ އިންތިޚާބު ބޭއްވުމަށް ރައްޔިތުންގެ އެތައް ލައްކަ ބަޔަކު ގޮވާލަމުން ދަނިކޮށް، އެ އަޑު ނާއްސަވައި، ރިޔާސީ އިންތިޚާ ބޭއްވުމުގެ މޭސްތިރިއަކީވެސް ޖެނެރަލް ޞާލިޙު ކަމުގައި ބުނެވެއެވެ.
ޢަބްދުލްމަޖީދު ތަބޫނު ރައީސުކަމަށް ހޮވިވަޑިއިގަތުމުގައި ސިފައިންގެ ވެރިޔާގެ ދައުރު އެންމެ ބޮޑަށް ހާމަވެގެން ދިޔައީ ތަބޫން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ހުވައިކުރެއްވުމަށް ފަހު، މާ ގިނަ އިރުތަކެއް ނުވެ، ރައީސު ތަބޫން ވަނީ ޖެނެރަލް ޞާލިޙުއަށް ޝަރަފުގެ މެޑަލް ދެއްވާފައެވެ.
މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ މައްޗަށް ސިފައިންގެ ނުފޫޒު ގަދަކަން ރައްޔިތުން ރަނގަޅަށް ދަނެއެވެ. އެހެންކަމުން އިސްލާހަށް ގޮވާލައި ކޮންމެ ހުކުރު ދުވަހަކު ސިލްސިލާކޮށް ބާއްވަމުންދާ އިހުތިޖާޖުތަކުގައި އެންމެ ބާރަށް އަޑުއިވޭ އެއް ގޮވުމަކީ "މަދަނީ ސަރުކާރެއް- އަސްކަރީ ސަރުކާރެއް ނޫން" މި ގޮވުމެވެ.
1940 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހު އަލްޖީރިޔާގެ ބާތިނާ އަވަށަށް އުފަންވެވަޑައިގަތް އަޙްމަދު ޤާއިދު ޞާލިޙު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1958 ވަނަ އަހަރުއެވެ. ސިފައިންގެ ވެރިޔާގެ މަގާމު އޭނާއަށް ލިބިވަޑައިގަތީ 2004 ވަނަ އަހަރުއެވެ. 13 ސެޕްޓެންބަރު 2013 އިން ފެށިގެން އޭނާ ގެންދެވީ ދިފާއީ ވަޒީރުގެ ނާއިބުގެ މަގާމުވެސް ފުރުއްވަމުންނެވެ.