ކްރޮއޭޝިޔާގެ ރިޔާސީ އިންތިޚާބު ދެވަނަ ބުރަކަށް

ކްރޮއޭޝިޔާގެ ރައީސާ ކޮލިންޑާ ކޮލިންޑާ ގްރެބާ-ކިޓާރޮވިޗް (ކ) އަދި އޭނާއާ ދެވަނަ ބުރުގައި ވާދަކުރައްވާ ޒޮރާން މިލާނޮވިޗް

ބޮލްކަންގެ ގައުމެއް ކަމަށްވާ ކްރޮއޭޝިޔާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކަށް %50 އަށްވުރެ ގިނައިން ވޯޓު ލިބިވަޑައިނުގަތުމުން އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެއެވެ.

އިއްޔެގެ އިންތިޚާބުގައި ކުރިހޯއްދެވީ ވާތުފިޔައިގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އޮފް ކްރޮއޭޝިޔާ (އެސްޑީޕީ) ގެ ކެންޑިޑޭޓު އަދި ކުރީގެ ބޮޑުވަޒީރު ރޮޒާން މިލާނޮވިޗްއެވެ. އޭނާ ވަނީ ވޯޓުގެ %29.56 ހޯއްދަވާފައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި މިހާރުގެ ރައީސާ ކޮލިންޑާ ގްރެބާ-ކިޓާރޮވިޗްއަށް ލިބިވަޑައިގަތީ ވޯޓުގެ %26.7 އެވެ. ކްރޮއޭޝިޔަން ޑިމޮކްރެޓިކް ޔުނިއަން (އެޗްޑީޒެޑް) އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޚަކަށް ވިޔަސް މި އިންތިޚާބުގައި ވާދަކުރެއްވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ.

މިއިންތިޚާބު ބޭއްވިފައި މިވަނީ ކްރޮއޭޝިޔާއަށް ސިޔާސީ ގޮތުން މުހިއްމު ދަނޑިވަޅެއްގައެވެ. އަންނަ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހު ކްރޮއޭޝިޔާ ފުރަތަމަ ފަހަރަށް ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ރައީސުކަމާ ހަވާލުވާނެއެވެ. އީޔޫގެ ރައީސުކަން އޮންނަނީ މެންބަރު ގައުމުތަކުގެ މެދުގައި ހަ މަހުން ހަ މަހުން ދައުރުވާ ގޮތަށެވެ.

ފުރަތަމަ ބުރުގައި ކުރި ނުހޯއްދެވުނު ނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ދެވަނަ ބުރު ކާމިޔާބުކުރައްވާނީ ރައީސާ ކޮލިންޑާ ގްރެބާ-ކިޓާރޮވިޗްއެވެ. އެއީ، އޭނާއާ ވާދަކުރައްވާ ކަނާތު ފިޔައިގެ ކޮންޒާވެޓިވް ކެންޑިޑޭޓަކު ނެތުމުން ކަނާތުފިޔައިގެ ވޯޓު އޭނާއަށް ގިނައިން ލިބިވަޑައިގަންންނެތީއެވެ.

އޭނާއާ ތާއީދުކުރާ މީހުންނާ މުޚާޠަބުކުރައްވަމުން ރައީސާ ކޮލިންޑާ ވަނީ ކަނާތުފިޔައިގެ ހުރިހާ އެންމެން ދެވަނަ ބުރުގައި އެކަތިގަނޑަކަށްވެ އޭނާއަށް ވޯޓުދިނުމަށް ގޮވައިލައްވާފައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ފުރަތަމަ ބުރަކީ 10 މީހުން އެކަކާ ވާދަކުރި ބުރެކެވެ. (ފުރަތަމަ ބުރުގައި 11 ކެންޑިޑޭޓުން ވާދަކޮށްފައި ވެއެވެ.)

އިދިކޮޅު ކެންޑިޑޭޓް މިލާނޮވިޗް ވަނީ ދެވަނަ ބުރަކީ ރީތި ގޮތުގައި ވާދަކުރާ ބުރަކަށް ހެދުމަށާއި، ހަނގުރާމައަކަށް ނުހެދުމަށް ގޮވައިލައްވާފައެވެ. އޭނާ އިޝާރާތްކުރައްވާފައި އެވަނީ ކްރެޝިޔާގެ ވާތުފިޔައާއި ކަނާތުފިޔައިގެ ސިޔާސީ ޕާޓީތަކަށް ތާއީދުކުރާ މީހުންގެ މެދުގައި އޮންނަ ޒަމާންވީ ވާދަވެރިކަމަށެވެ. "އަހަރުމެންގެ ތެރެއިން ރަނގަޅު މީހަކު ހޮވާ. އަހަރެން ގަބޫލުކުރާ ގޮތުގައި ރަނގަޅު މީހަކީ އަހަރެން". މިލާނޮވިޗް ވިދާޅުވިއެވެ.

ކްރޮއޭޝިޔާއަކީ 1918 ވަނަ އަހަރުން ފެށިގެން ކުރީގެ ޔޫގޯސްލޭވިޔާ ބައެއްގެ ގޮތުގައި އޮތުމަށް ފަހު ޔޫގޯސްލޭވިޔާ ރޫޅިގެން ދިއުމުން 25 ޖޫން 1991 ގައި މިނިވަންކަން އިއުލާންކުރި ގައުމެކެވެ. ކްރޮއޭޝިޔާ އީޔޫގެ މެންބަރަކަށްވީ 1 ޖުލައި 2013  ގައެވެ. އެ ގައުމަކީ އީޔޫގެ ނިސްބަތުން އާމްދަނީ ދަށް ގައުމެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.